މެޖޯރިޓީ ހޯދުމަށްޓަކައި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް 61 ގޮނޑި ދޭން އެ ޕާޓީން ހުށަހަޅައިފި

މެޖޯރިޓީ ހޯދުމަށްޓަކައި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް 61 ގޮނޑި ދޭން އެ ޕާޓީން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް 61 ގޮނޑި ބޭނުންވާނެ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީއިން މިކަން ހާމަކޮށްފައިވަނީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ ތެރޭގައި ގޮނޑިތަށް ބަހާނެ ގޮތަކާމެދު ވަކި ގޮތެއް ނުނިންމިގެން އުޅޭ ދަނޑިވަޅެއްގައި. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީއިން ހުށަހަޅާފައިވަނީ އެޕާޓީއަށް 61 ގޮނޑި ކޯލިޝަންގެ އެހެން ޕާޓީތަކަށް 26 ގޮނޑި ބަހާ ގޮތަށެވެ.

ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އެމްޑީޕީއަށް 61 ގޮނޑި ބޭނުންވާ ކަމާއި ބޭނުންވާ ދާއިރާތަށް އެ ޕާޓީއިން މިހާރުވަނީ ލިޔުމަކުން ކޯލިޝަންއަށް ހުށަހަޅާފައެވެ. އެ ލިޔުމުގައި އެމްޑީޕީއިން ވަނީ އެ ޕާޓީން ވާދަކުރަން ބޭނުންވާ 61 ދާއިރާގެ ތެރެއިން އެ ޕާޓީއަށް ތާއީދު ނެތް ކަމަށް ކަމަށް ފެންނަ 20 ދާއިރާއަކުން ކޯލިޝަން ޕާޓީތަކުގެ އެހީއަށް އެދިފައެވެ.

ވާދަކުރާ ދާއިރާތަށް އިއްޔެ އިއުލާނު ކުރަން ހަމަޖެހިފައިވީ ނަމަވެސް އެ ދާއިރާތަށް މިއަދު އިއުލާނު ކުރަން ފަސްކޮށްފައިވާ ކަަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ. އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ މެދުގައި ގޮނޑި ބަހާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ދާދި ފަހުން ކޯލިޝަންގެ ލީޑަރުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެން އެމްޑީޕީ އޮފީހުގައި ބޭއްވި އެ ބައްދަލުވުން ނިމިގެން ދިޔައީ އެކަމަށް ގޮތެއް ނުނިމިއެވެ.

އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމާއެކު މިހާރު އިދިކޮޅު ޕާޓީ ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެންބަރުން ދަނީ ޖުމްހޫރީ ޕާޓީއާއި ގުޅެމުންނެވެ. އެއާއެކު މަޖިލީހުގެ މައިނޯރިޓީކަން އެމްޑީޕީއަށް ގެއްލި މަޖިލީހުގެ މިހާރުގެ މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި ތަމްސީލް ކުރަނީ ޖުމްހޫރީ ޕާޓީއެވެ. ކޯލިޝަނެއްގެ އެހީތެރިކަމާއެކު ވެރިކަަމަށް އައި އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ މަގާމާއި ނުފޫޒު ގަދަކަން ފާހަގަކޮށް ކޯލިޝަން ތެރޭގައި ހަމަނުޖެހުން އުފެދިފައިވާއިރު، މަޖިލިސް އިންތިހާބަށް ކުރިމަތިލާއިރު ކޯލިޝަން ޕާޓީތަކުގެ މެދުގައި ދާއިރާތައް ބެހުމާ ގުޅޭގޮތުން ޕާޓީތަކުގެ އާންމު މެމްބަރުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެމްޑީޕީއިން އަންނަ ރިޔާސީ އިންތިހާބުގައި 61 ގޮނޑި ހޯދުމަށް މަސައްކަތް ކުރަނީ މަޖިލީހުގެ މެޖޯރިޓީ ހޯދައި ޖުމްހޫރީ ޕާޓީއަށްވުރެ ކުރިހޯދުމަށް ކަމަށާއި އެމްޑީޕީގެ އެ ނިންމުމާއެކު ކޯލިޝަންގެ ކޯޅުން މިހާރަށްވުރެ ބޮޑުވާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...