އާސެނަލާއި ޗެލްސީ ގްރޫޕްގެ އެއް ވަނަ ކަށަވަރުކޮށްފި

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، އާސެނަލާއި ޗެލްސީން ގްރޫޕްގެ އެއް ވަނަ އަށް ދަތުރުކޮށްފިއެވެ.


ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމް މޮޅުވެފައި ވަނީ ގްރީސްގެ ޕީއޭއޯކޭއާ ވާދަކޮށް 4-0 ގެ ނަތީޖާ އިންނެވެ. އަދި ރަށުން ބޭރުގައި އާސެނަލް ކުޅުނު މެޗުން ވަނީ ޔޫކްރޭނުގެ ވޯސްކާ އަތުން 3-0 ގެ ނަތީޖާ އިން މޮޅުވެފައެވެ. ރޭގެ މެޗް ޗެލްސީ އަށް ކުޅެން ފަސޭހަވީ މެޗުގެ ހަތް ވަނަ މިނިޓްގައި ޕީއޭއޯކޭގެ ގަދަ ކުޅުންތެރިޔާ، ޔެވްހެން ކަޗެރީޑީ އަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

އެެހެންކަމުން މެޗުގެ ބޮޑުބައި އެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާ އެކުގައެވެ. ޗެލްސީގެ ހަތަރު ގޯލުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދިނީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑްއެވެ. އަދި އަނެއް ދެ ގޯލު ކާމިޔާބު ކޮށްދިނީ ކަލުމް ހުޑްސަން-އޮޑޯއި އާއި އަލްވާރޯ މޮރާޓާއެވެ.

ގްރޫޕް އެލްގެ އެއް ވަަނައިގައި ޗެލްސީ އޮތީ ރެކޯޑަކާ އެކު ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހަމަކޮށްގެންނެވެ. އާސެނަލް އާއި ވޯސްކާ ބައްދަލުކުރި މެޗަށް ބަލާލާއިރު، އާސެނަލް އިން ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގެ ތެރޭގައެވެ. އެ 3 ލަނޑު އާސެނަލް އަށް ކާމިޔާބުކޮށްދިނީ އެމީލް ސްވިތު ރޯވް އާއި އާރޮން ރަމްސޭ އަދި ޖޯ ވިލޮކްއެވެ.

ގްރޫޕް އީގެ އެއް ވަނައިގައި އާސެނަލް އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...