ކަތިވަޅި ގެއްލި، ކޮށި ދަނޑު ގެއްލި، މަރިޔަނބުވެސް އެމްޑީޕީއަށް ގެއްލެނީ!

އެމްޑީޕީގެ ރެލީއެއްގެ ތެރެއިން.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބަލިކުރުމަށް އަމާޒު ހިފައިގެން އުފެއްދި، މިހާރުގެ ސަރުކާރު ކޯލިޝަންއަށް ވެރިކަން ލިބި މަޤާމުތަކާ ހައިޞިއްޔަތުތައް ބަހަމުން ގެންދާއިރު، އެކަންކަމާ ހިތްހަމަ ނުޖެހިގެން އެންމެ ބާރަށް ބަސްބުނަމުންދާ އެއްބަޔަކީ އެމްޑީގެ ބައެއް އިސްވެރިންނާ އާންމު މެމްބަރުންއެވެ.

އޮޅުވާލި ވޯޓަކުން ޤައުމުގެ ވެރިކަމަށް އަރާވަޑައިގެން ހުންނެވި ކަމަށް ދިވެހި ގިނަ ރައްޔިތުން ޤަބޫލުކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކަންކަންވަމުން އަންނަ ގޮތުން އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އެކަމުގެ އެންމެ މުގުލުގައި ތިބީ ޚުދު އެމަނިކުފާނު އެ ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ ބޭބޭފުޅުންނާ އާންމު މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.

އިންތިޚާބަށްފަހު އެމްޑީޕީގެ ސަޕޯޓަރުން ބުނަމުން ގެންދަނީ މި ވެރިކަން، ކޯލިޝަންއަށް ހޯދައިދިނުމުގައި އެންމެ ބޮޑު ޤުރުބާނީއެއް ވީ އެ ޕާޓީގެ އާންމު މެމްބަރުންނާ އެމްޑީޕީގެ ލީޑާރޝިޕްގައި ހިމެނޭ ބޭފުޅުންކަމަށެވެ.

ނަމަވެސް އިންތިޚާބަށްފަހު އޭގެ ފޮނި މީރުކަން ހާޞިލްކުރަމުންދަނީ އެހެން ޕާޓީތަކުން ކަމަށް ބުނެ އެ ޕާޓިގެ މެމްބަރުން އަންނަނީ ހިތްހަމަ ނުޖެހުންވެސް ފާޅުކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދަނީ ޖުމްހޫރި ޕާޓިގެ ލީޑަރ ޤަސިމް އިބްރާހިމްއާއި ދޭތެރޭގައެވެ.

އެމްޑީޕީގެ މެމްބަރުން ބުނަމުން އަންނަނީ ޖޭޕީ އަކީ މާލީގޮތުން ފޯރާ ބަޔަކަށް ވުމުން އޭގެ ނާޖާއިޒު ފައިދާ އެޕާޓީ އިން ނަގަމުން އަންނަ ކަމަށެވެ. މި ސަރުކާރުގެ ކެބިނެޓަށް ވަޒީރުން އައްޔަން ކުރި ހިސާބުން ފެށިގެން ޤާސިމްއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތީ ޖޭޕީގައި ކަމަށާ އަދި އެއީ އެ ޕާޓީއަށް ޙައްޤު އެއްޗެއް ނޫންކަމަށް އެމްޑީޕީގެ އެކްޓިވިސްޓުން ގެންދިޔައީ ބުނަމުންނެވެ.

އަދި ޖޭޕީ އިން މިނިސްޓްރީތަކަށް ހަމަޖެއްސެވި ވަޒީރުންނަކީ އެ މަޤާމްތަކަށް ކުފޫ ހަމަނުވާ ބޭފުޅުންކަމަށް ވެސް އެމްޑީޕީގެ އެކްޓިވިސްޓުން ގެންދިޔައީ ބުނަމުން. އަދި ޤާސިމް ކޯލިޝަނާ ގުޅިވަޑައިގަތީ މަޤާމުތަކުގެ ދަހިވެތިކަމުގައި ކަމަށްވެސް އެމީހުން ދިޔައީ ބުނަމުންނެވެ.

މިހާ ހިސާބުން ނިމުނީ އެއް ނޫނެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ޤާސިމްއަށް ލިބި، މަޖިލީހުގައި އެހެން ޕާޓިތަކަށް ނިސްބަތްވާ މެމްބަރުން ޖޭޕީއާ ގުޅެންފެށިއެވެ. ނަތީޖާއެއްގެ ގޮތުން މައިނޯރިޓީ ޕާޓިއެއްގެ ގޮތުގައި އެމްޑީޕީ އޮތްއޮތުން އެޕާޓިއަށް ގެއްލިގެންދިޔައެވެ.

މަޖިލީހުގެ މައިނޯރިޓީ އަކީ ޖޭޕީކަމުގައި ވެގެންދިޔައެވެ. އެކަމާ ވެސް އެމްޑީޕީގެ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ކޯލިޝަންގެ އެތޭރެގެ ކަންކަން މިހެން ހުއްޓާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވަނީ ވަރަށް މާނަ ފުން ޓްވީޓެއް ކުރައްވާފައެވެ.

މޭޔަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަލަހައްޓައިގެން ތިއްބާ ގޮވާ މަންޒަރު ފެންނަމުންދާ ކަމަށާ ކޮންމެ ފަދަ ވަގުތެއްގައިވެސް ފުއްޕާހަން ފަޅައިގެން ހިނގައިދާނެ ކަމަށެވެ. މީގެއިތުރުން އެމީހުން ބޭނުންވާ ހުރިހާ އެއްޗެއް ނަގައިގެން ދުރަށް ދިޔުމަށް "ދަހި މީހުންނަށް" ގޮވާލާ ކަމަށެވެ.

އަދި އެޕާޓީގެ މީހުންނަށް ހިތްހަމަ ޖެހުމާއެކު އުޅުމުގެ ފުރުޞަތު ދިނުމަށް ގޮވާލާ އެ ޓްވީޓުގައި އިތުރަށް ބުނެފައިވަނީ، ހުރިހާ ކަމެއް އަމިއްލަ މުށު ތެރެއަށް ގެނެވިދާނެ ކަމަށް ހީނުކުރުމަށެވެ. އެ ޓްވީޓުގައި ބުނެފައިވާ ދަހި މީހުންނަކީ ޖޭޕީގެ ލީޑާޝިޕަށް އަމާޒުކޮށް ބުނެފައިވާ ބަހެއް ކަމަށް ގިނަ ދިވެހި ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި ހުރިހާ ކަމެއް މުށު ތެރެއަށް ލެވޭނެ ކަމަށް ހީނުކުރުމަށް ބުނެފައިވަނީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމަށް ދެއްވި މެސެޖެއް ކަމަށްވެސް ދަނީ ބުނަމުންނެވެ.

މޭޔަރ ޝިފާ އެފަދަ މޭރުމަކުން ޓްވީޓުކުރައްވާފައިވާއިރު، ފާހަގަކޮށްލަން ޖެހެނީ މި ސަރުކާރުގައި މިހާރު އެންމެ ބާރު އޮތް ޕާޓީއަކީ ޖޭޕީ އޭ ބުނުމުން އެވާހަކަ ދޮގަކަށް ނުވާނެކަމެވެ. އެއީ މިސަރުކާރުގެ ނައިބު ރައީސް އާ އެންމެ ގިނަ ވަޒީރުންނާ ސްޓޭޓް މިނިސްޓަރުންގެ އިތުރުން ދެވަނައަށް އެންމެ ގިނަ މަޖިލިސް މެމްބަރުން ވެސް ހިމެނޭ ޕާޓީއަކީ ޖޭޕީއަށް ވުމުންނެވެ. މިވަރުން ދަނީ ނަމަ އެމްޑީޕީއަށް ކަތިވަޅި ގެއްލި ކޮށި ދަނޑު ގެއްލި މަރިޔަނބުވެސް ގެއްލިދާނެ ކަމަށް ގިނަބަކު ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޙަސަނު 30 ނޮވެމްބަރު 2018 - 14:33

    ޙަޖަމްކުރަން ދަސްކުރޭ. ދެން މިފަހަރު ކެތްކުރޭ.

ގުޅުން ހުރި
Loading...