މަޖިލީހުގެ މައިނޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ޕާޓިއެއްގެ ގޮތުގައި އޮތްއޮތުން، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް ގެއްލިއްޖެއެވެ.

މަޖިލިހުގެ ގިނަ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީ، ޖޭޕީއާ ގުޅެމުން އަންނައިރު އެމްޑީޕީއަށް މައިނޯރިޓީ ގެއްލުނީ އެ ސަބަބާހުރެ. ރައްޔިތުން މަޖިލީހުގެ ދެވަނަ އަށް އެންމެ ބޮޑު، މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މިއަދާ ހަމަޔަށް އެމްޑީޕީ އޮތީ 22 މެމްބަރުންނާ އެކުއެވެ.

ނަމަވެސް އެމްޑީޕީގެ ފަސް މެންބަރުން މަޖިލީހުން އިސްތިއުފާ ދެއްވާ ކެބިނެޓަށް ވަޑައިގަތުމާއެކު އެ ޕާޓީގެ މެންބަރުންގެ އަދަދު 17 އަށް ވެއްޓުނެވެ. އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އެ ޕާޓީއާ ގުޅިވަޑައިގަތުމުން އެމްޑީޕީގެ މެމްބަރުންގެ އަދަދު އަނެއްކާވެސް 19 އަށް އިތުރުވިއެވެ.

އެގޮތުން އިއްޔެއާ ހަމަޔަށް ޖޭޕީ، އެމްޑީޕީއާ އެއްވަރުކޮށް 19 މެންބަރުން ހަމަކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދައިރާގެ މެމްބަރު ރިޔާޒު ރަޝީދު އާ އަދިވެސް އިތުރު މެމްބަރުން، ރޭގެ ވަގުތެއްގައި ޖޭޕީއަށް ސޮއި ކުރެއްވުމުން މިހާރު އެޕާޓީގެ މެމްބަރުންގެ އަދަދު 22 އަށް ވަނީ އަރާފައެވެ.

އެހެންކަމުން މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މީގެ ކުރިން އޮތް އެމްޑީޕީއަށް އެ ހައިޞިއްޔަތު ގެއްލި ޖޭޕީ އަކީ މަޖިލިހުގެ މައިނޯރިޓީ ޕާޓިގެ ގޮތުގައި ވަނީ ވެގެންގޮސްފައެވެ. މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 79 އެކެވެ.

މަޖލީހުގެ މެޖޯރިޓީ ޕާޓީ އަކީ ކުރިންވެސް މަޖިލިހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތް އަދި މިހާރު ސަރުކާރާ އިދިކޮޅު ޕާޓީގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 28އެވެ. މަޖިލީސް މެމްބަރުން ޕާޓީ ބަދަލު ކުރަން ފަށާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލި ފަހުންނެވެ. ޕާޓީ ބަދަލު ކުރި ބައެއް މެންބަރުން ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭ ކަމަށް ބުނެ ބަހުސްވެސް ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...