އަނބިމީހާއާއި ދެދަރިން މަރާލި ފިރިހެންމީހާގެ ވާހަކަ

ކްރިސް އާއި ޝަނަން، އަދި އެދެމީހުންގެ ދެކުދިން.

އެމެރިކާގެ ކޮލޮރާޑޯގައި ދިރިއުޅެމުން އައި ދެމަފިރިން ކަމަށްވާ ކްރިސްޓޮފާ ވަޓްސް، އަދި ޝަނަން ވަޓްސް އަކީ ފެންނަ ފެނުމަށް އުފާވެރި ހަޔާތެއް ދިރިއުޅެމުން އައި ދެމަފިރިންނެވެ.

އެކުގައި ޗުއްޓީ ހޭދަކުރަން އެކި ތަންތަނަށް ދަތުރު ކުރުމަކީ އެދެމަފިރިން އާންމުކޮށް ކުރަމުން އައި ކަމެކެވެ. އެދެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންވެސް ފެނިގެންދިޔައީ، އުފާވެރި ޒަވާޖީ ހަޔާތެއް އުޅެމުން އައި މަންޒަރެވެ. ކްރިސް އަދި ޝަނަންގެ ކައިވެންޏަށް 6 އަހަރުވީއިރު، އެދެމަފިރިންގެ ދެކުދިންގެ ތިއްބެވެ. އެއީ އުމުރުން 3 އަހަރުގެ ސެލެސްޓް އަދި 4 އަހަރުގެ ބެލާއެވެ.

2013 ވަނަ އަހަރުން ފެށިގެން އެދެމަފިރިން ދިރިއުޅެމުން އައީ ކޮލޮރާޑޯގެ ފްރެޑެރިކްގައި އެދެމީހުން ގަނެފައިވާ ފަސް ކޮޓަރީގެ ގޭގައެވެ. ކްރިސް އޮއިލް އެންޑް ގޭސް ކުންފުންޏެއްގައި މަސައްކަތް ކުރިއިރު، ޝަނަން މަސައްކަތް ކުރީ މަލްޓި ލެވެލް މާކެޓިން ކުންފުންޏެއްގެ ރިޕްރެޒެންޓޭޓިވްއެއްގެ ގޮތުގައެވެ. ޝަނަންގެ ވަޒީފާ އޮންނަ ގޮތުން ބިޒްނަސް ޓްރިޕްތަކުގައި އޭނާ ވަރަށް ގިނައިން ބޭރަށް ދާންޖެހެއެވެ. އެކި ގައުމުތަކަށް ދަތުރުވެސް ކުރަން ޖެހެއެވެ.

މިއަހަރުގެ އޯގަސްޓްމަހުގެ 13 ވަނަ ދުވަހުގެ ރޭ ޝަނަން އެފަދަ ބިޒްނަސް ޓްރިޕެއް ނިންމާލުމަށްފަހު، އެނބުރި ގެއަށް އައީ ދަންވަރު 1:40ގައެވެ. އެދުވަހު ހެނދުނު ކުއްލިއަކަށް ޝަނަންއާއި އޭނާގެ ދެކުދިން ގެއްލުނެވެ. ޝަނަން ހޯދަން އުޅެ އުޅެ ނުފެނިގެން އެކަން ޝަނަންގެ ފިރިމީހާ ކްރިސްއަށާއި، ކޮލޮރާޑޯގެ ފުލުހުންނަށް ރިޕޯޓް ކުރީ، އޭނާއާއި އެކީގައި މަސައްކަތް ކުރާ ނިކޯލް ކިޔާ އަންހެނެކެވެ. ނިކޯލް އަކީ ޝަނަންގެ ގާތް ރައްޓެއްސެއްވެސް މެއެވެ.

ޝަނަން ވަޓްސްގެ އާއިލާ.

ފުލުހުންނަށް ރިޕޯޓް ކުރުމުގެ ކުރިން، ނިކޯލް ވަނީ ޝަނަން ހޯދަން، އޭނާ އުޅޭ ގޭގެ ދޮރުގެ ބެލް އަޅާފައެވެ. އަދި ދޮރުގައި އެތައް ފަހަރަކު ޓަކި ޖަހާފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ. ޝަނަން ގެއްލުނުކަން ފުލުހުންނަށް ރިޕޯޓް ކުރުމާއެކު، ޝަނަންގެ ފިރިމީހާ، ކްރިސްގެ ހުއްދައާއިއެކުގައި ފުލުހުން އެމީހުން ދިރިއުޅޭ ގެ ބަލާ ފާސްކުރިއެވެ. އެގެއިން ޝަނަންގެ ފޯނާއި، އަތްދަބަސް، އަދި ތަޅުދަނޑިފަތި ފެނުނެވެ. އޭނާގެ ކާރުވެސް ގޯތިތެރޭގައި ޕާކް ކޮށްފައި އޮތެވެ. ކްރިސް ވަނީ އަނބިމީހާއާއި ދަރިން ވީތަން ނޭނގޭ ކަމަށް ބުނެފައެވެ. ލޯކަލް މީޑިއާތަކަށް އޭނާ އިންޓަރވިޔުވެސް ދިނެވެ.

" އަހަރެން ހިތުގެ އަޑިން ޤަބޫލު ކުރަން އަހަރެންގެ އަންހެނުން(ދަރިންނާއިއެކު) ކޮންމެވެސް ތަނެއްގައިވާނެ ކަމަށް. އެމީހުން ތިބި ތަނެއްގަިއ ތިބީ ހެޔޮ ހާލުގައި ކަމަށް އުއްމީދު ކުރަން" ޓީވީއަށް ދިން އިންޓަރވިޔުއެއްގައި ކްރިސް ބުންޏެވެ.

ކްރިސް ބުނީ މަސައްކަތުގައި އުޅެނިކޮށް އޭނާ ގެއަށް އައީ، އޭނާގެ އަންހެނުންގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ނިކޯލް ގުޅާފައި ބުނުމުން ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ގެއިން ނުކުތީ ފަތިހުގެ ވަގުތެއްގައި ކަމަށްވެސް ކްރިސް ބުންޏެވެ. ކްރިސްގެ ވާހަކަތައް ޝަނަން ގެއްލުނު މައްސަލަ ތަހުގީގު ކުރި ޓީމުން އެންމެ ފުރަތަމަ ގަބޫލު ކުރިއެވެ. އެހެންނަމަވެސް، އެމީހުންނަށް ކްރިސްގެ މައްޗަށް ޝައްކު ކުރެވެން ފެށީ އަންހެނަކު ގުޅާފައި ކްރިސްއާއި ގުޅޭގޮތުން ދެއްކި ވާހަކައަކުންނެވެ.

ކްރިސް އަދި ޝަނަން ވަޓްސް.

ނިކޯލް ކެސިންޖާ ކިޔާ އަންހެނަކު ފުލުހުންނަށް މައުލޫމާތު ދެމުން ބުނީ، އޭނާ ކްރިސްއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ. އަދި އަންހެނުން ވަރި ކުރަން އުޅޭ ކަމަށް ކްރިސް އޭނާ ކައިރީގައި ބުނި ކަމަށްވެސް އެ އަންހެންމީހާ ބުންޏެވެ. ޝަނަންއާއި އޭނާގެ ދެކުދިން ގެއްލުނު މައްސަލައިގައި ކްރިސްއަށް ތުހުމަތު ކުރެވި، އޭނާއާއި ފުލުހުން ސުވާލު ކުރަން ފެށީ އެހިސާބުންނެވެ. ކްރިސް އެންމެ ފުރަތަމަ އެކަމަށް އިންކާރު ކުރިއެވެ.

ނިކޯލް ބުނީ ކްރިސް އޭނާއާއި ރައްޓެހިވެގެން އުޅުނީ އޮޅުވާލައިގެން ކަމަށެވެ. އެގޮތުން އަންހެނުންނާއި ވަކިވާން ދެމީހުން ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް ކްރިސް އޭނާގާތު ބުނި ކަމަށް ނިކޯލް ވަނީ ކިޔާދީފައެވެ.

އެހެންނަމަވެސް އޭނާ ފަހުން ވަނީ އަންހެނުންގެ ކަރުގައި ހިފާފައި މަރާލާފައިވާ ކަމަށް އެއްބަސްވެފައެވެ. އަދި އެކަން ކުރީ ޝަނަން އެދެމީހުންގެ ދެކުދިންގެ ކަރުގައި ހިފައިގެން މަރާލަން އުޅުމުން އައި ރުޅީގައި ކަމަށްވެސް ކްރިސް ބުންޏެވެ.

ކްރިސް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނިކޯލް.

އެހެންނަމަވެސް ފުލުހުން ކުރި ތަހުގީގަށް ފަހުން ހާމަވެފައިވާ ގޮތުން، ކްރިސް ވަނީ އޭނާގެ އަންހެނުންނާއި ދެކުދިންވެސް ކަރުގައި ހިފައި މަރާލާފައެވެ. އޭނާ އެކަން ކުރީ ލޯބިވެރިޔާ ނިކޯލްއާއި އެކީގައި މުޅިން އާ ހަޔާތެއް ފެށުމުގެ ގޮތުންނެވެ. ޝަނަން މަރުވިއިރު، އޭނާ އިނީ އެދެމީހުންގެ ތިންވަނަ ދަރިފުޅަށް ބަލިވެއެވެ.

އެހެންނަމަވެސް، ކްރިސް އޭނާގެ އަންހެނުންނާއި ދެދަރިން މަރާލި ޚަބަރު ގިނަ ބަޔަކު އެހީ ހައިރާންކަމާއި އެކުގައެވެ. އެދެމީހުން އުޅެމުން އައީ އުފާވެރި ދިރިއުޅުމެއް ކަމަށް ގިނަ ބަޔަކަށް ހީކުރެވުނެވެ. އެއްވެސް މައްސަލައެއް ޖެހިގެން އުޅޭކަމުގެ ނިޝާނެއް ފެނިފައެއް ނުވެއެވެ.

ކްރިސްއާއި ޝަނަންއާއި ދެމެދު މައްސަލަ ޖެހިގެން އުޅޭކަން ބައެއް ރައްޓެހިން ކައިރީގައި ޝަނަން ވަނީ ބުނެފައެވެ. އެގޮތުން ކްރިސް އެހެން އަންހެނަކާއި ގުޅުން ބާއްވާ ކަމަށް ޝައްކު ކުރެވޭ ކަމަށް ޝަނަން ބުނި ކަމަށް އޭނާގެ ބައެއް ރައްޓެހިން ވަނީ ކިޔާދީފައެވެ. 

ޝަނަން މަރުވިއިރު، އޭނާގެ ބަނޑަށް ތިންމަހެވެ. އަދި އޭނާއަށް ލިބެން އުޅެނީ ފިރިހެން ކުއްޖެއްކަންވެސް ވަނީ އެނގިފައެވެ. ކްރިސް އޭނާގެ އަންހެނުން މަރާލާފައިވަނީ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓްވެސް ހަމަޖައްސާފައި އޮތް ދުވަހެއްގައެވެ.

ޝަނަންގެ އާއިލާއިން ވަނީ ކްރިސް އަކީ އެއްވެސް ރަހުމެއް ނެތް ފުރޭތައެއް ފަދަ މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަނބިމީހާއާއި ދެކުދިން މަރާލިކަމުގެ ތުހުމަތުގައި ކްރިސްގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...