ކޯލިޝަނުން ވަކިވެ، އެމްޑީޕީން 87 ދާއިރާއަށް ކުރިމަތިލަނީބާ؟

ކޯލިޝަން ޕާޓީތަކުގެ އިސް ބޭފުޅުން

މި ދުވަސްވަރު އަޅުގަނޑުމެންގެ ތެރޭގައި ދެކެވެމުންދާ އެއް ވާހަކައަކީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި އޮންނަ މަޖިލިސް އިންތިޚާބުގެ ވާހަކައެވެ. މިކަމާ އެންމެ ބޮޑަށް މަސްއޫލުވެގެން އުޅެނީ ސަރުކާރު ކޯލިޝަންގެ ތެރޭގައި ތިއްބަވާ ބޭފުޅުންނެވެ. ފޭސްބުކް އާއި ޓްވިޓާއަށް ބަލާލުމުން މިކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. މިހާ ހިސާބުން އުފެދޭ ބޮޑު ސުވާލަކީ ހުރިހާ ދާއިރާ އަކަށް ކުރިމަތިލާނީ ކޯލިޝަންގެ ތެރޭގައި ތިއްބަވާ ހުރިހާ ބޭފުޅުން ގުޅިގެންތޯ ނުވަތަ ޕާޓީތައް ވަކިވަކިންތޯ؟

ހަމަގައިމުވެސް ފާއިތުވި ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު އެބޭފުޅުންނަށް ކާމިޔާބުވީ ކޯލިޝަންގެ ތެރެއިން. އެހެންކަމުން މަޖިލިސްގެ ދާއިރާތަކަށް ކުރިމަތިލާއިރުވެސް އެކުގައި ނިކުންނަން ބޭނުންވާކަމުގެ ސިގްނަލް މީގެ ކުރިން އެބޭފުޅުން ވަނީ ދެއްވާފައެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްޤައްޔޫމާ ދެމެދު ވެފައިވާ ކޯލިޝަން އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކަން ކުރާނެ ގޮތް ބުނެފައި ނުވިކަމުގައި ވިޔަސް، އެ އިންތިޚާބުގައި ވެސް އެކުގައި މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެހެންކަމުން ކޯލިޝަންގެ މަޝްވަރާ ކޮމެޓީގައި، ކޯލިޝަންގެ މެދުގައި ދާއިރާތައް ބަހާނެ ގޮތާމެދު މަޝްވަރާތައް ކޮށްފައިވެއެވެ.

ކޯލިޝަނުގައި ހިމެނޭ ލީޑަރުންގެ މެދުގައި މަޖިލީހުގެ ދާއިރާތައް އަދި ބަހާފައި ނުވާއިރު، ޕާޓީތަކުގެ ކެންޑިޑޭޓުން މިހާރު ވެސް ވަނީ އެކި ދާއިރާތަކުގެ ޕްރައިމަރީގައި ވާދަކުރާނެ ކަމަށް އިއުލާނުކޮށްފައެެވެ. އެންމެ ގަދަޔަށް ކެމްޕޭން ކުރާތަން ފެންނަމުން ދަނީވެސް އެމްޑީޕީންނެވެ. ފާއިތުވި ބުރާސްފަތި ދުވަހު އެމްޑީޕީއިން ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އަންނަ މަޖިލިސް އިންތިޚާބުގައި ހިމެނޭ 87 ދާއިރާއަށް ވެސް ކުރިމަތިލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން މި މަހުގެ 30 ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މީގެ ކުރިން، ކުރީގެ ރައީސް ނަޝީދު ވަނީ ކޯލިޝަންގެ މެދުގައި އެކަމަށް ގޮތްތަކެއް ނުނިމި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެންމެ ފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައިވެސް ކުރީގެ ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ނަޝީދުގެ އެ ބަސްފުޅުން ދޭހަވާ މާނަ ވަރަށް ސާފެވެ. ނަޝީދު ބޭނުންފުޅު ވަނީ ކޯލިޝަންގެ ތެރޭގައި ހިމެނޭ އެހެންޕާޓީތައް އެކަހެރިކޮށް ހަމައެކަނި އެމްޑީޕީން ހުރިހާ ދާއިރާ އަކަށް ކުރިމަތިލާށެވެ. އެގޮތަށް ކަންތައްވެއްޖެ ނަމަ ކޯލިޝަންގެ ތެރޭގައި އޮތް ކޯޅުންގަނޑު ގަދަވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ނަޝީދުގެ ވާހަކަފުޅުތައް މިހެން ހުރިއިރު މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލާން އެދި އެމްޑީޕީގެ އިސް އެކްޓިވިސްޓުންވެސް ވަނީ މީސްމީޑިއާގައި އަޑުއުފުލަން ފަށާފައެވެ.

ނަމަވެސް މިކަމުގައި ރައީސް ސޯލިހުގެ ޙިޔާލު ތަފާތުކަން ފާހަގަކޮށްލެވެއެވެ. މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ނިކުންނާނެ ކަމުގެ އަޑުތައް ގަދަވަމުން އަންނަ އިރު، ރައީސް ސޯލިހު ކުރިން ވިދާޅުވެފައި ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ކޯލިޝަން ކެންޑިޑޭޓުންގެ ގޮތުގައި ކަމަށެވެ. ރައީސް ސޯލިހް ބޭނުންފުޅުވާ ގޮތާ، ނަޝީދު ބޭނުންފުޅުވާ ގޮތް ތަފާތުވުމަކީ ކޯލިޝަންގެ ތެރޭގައި ރެނދުލާން ދިމާވާނެ އެއް ސަބަބެވެ. ހަމަގައިމުވެސް މިކަމުގައި އެމްޑީޕީގެ އިސް އެކްޓިވިސްޓުން ވަނީ ނަޝީދާ އެއްގަލަކަށް އަރާފައެވެ.

މިވަނީ ކީއްބާ އެވެ؟ ކޯލިޝަންގެ ތެރެއިން ހުރިހާ ޕާޓީތައް އެކުގައި މަސައްކަތް ކުރައްވަން ނިންމެވުމަށްފަހު، އެމްޑީޕީން ވަކިވެގަންނަން މަސައްކަތް ކުރަނީ ކޮން މަޤުސަދެއް އޮވެގެންބާއެވެ؟ މިކަން މިގޮތުގައި ކުރިއަށްދާނަމަ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ކޯލިޝަންގެ ތެރޭގައި ޖެހޭނެ މައްސަލަތައް ވަރަށް ގިނައެވެެ.

ކޯލިޝަން ބައިބައިވުމުގެ ސިގްނަލްތައް ފެންނަން ފަށާފައިވާއިރު، އެކަމުގައި ނަޝީދުގެ ބޮޑު ރޯލެއް ވާ ކަމަށް އިޝާރާތް ކުރައްވާ ދާދި ފަހުން ޖޭޕީއަށް ސޮއި ކުރެއްވި އަލްހާން ފަހުމީވެސް ވަނީ ކޯލިޝަން ރޫޅާލުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ކޮންމެ ގޮތެއްވިޔަސް ފެންނަމުން މިދާ މަންޒަރުތަކުން އެނގިގެން ދަނީ ކޯލިޝަން، ކޯލިޝަންގެ ގޮތުގައި ދެމިއޮތުމުގެ ފުރުސަތު ވަރަށް ކުޑަ ކަމެވެ. ކޯލިޝަން ޕާޓީތައް މިވަގުތު ހަމަހިމޭނުން އޮތް ކަމުގައި ވިޔަސް، ކަރުން މައްޗަށް ފެން އަރަން ފެށުމުން، ބަޑި ތަޅަން ފަށާކަށް މާކަ ގިނަ އިރުތަކެއް ނުނަގާނެއެވެ. ބުނަން މި އުޅެނީ ބޮޑު ބޮމެއް ގޮވައިފިއްޔާ، ކިތައްމެ ރީތިކޮށް އޮތް ތަނެއްވެސް ހަލާކުވެގެން ހިނގައިދާނެއެވެ. އެހެންނޫންތޯއެވެ؟؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...