ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަކުރާނެ- ސައުދީ އަރަބިއާ

ސައުދީ އަރަބިއާ

ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސައުދީ އަރަބިއާއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފިއެވެ.

ސައުދީގެ ސިވިލް ޑިފެންސްގެ ޑިރެކްޓަރ ޖެނެރަލް އާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުން، މޫސުން މިހާރަށް ވުރެ އިތުރަށް ގޯސްވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައިވާކަމަށެވެ. ސައުދީ އަރަބިއާއަށް ފާއިތުވި ދުވަސްތަކުގައި ކުރަމުންދާ ވިއްސާރައިގައި ވަރަށް ބޯކޮށް ވާރެވެހިފައިވެއެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހި ފެންބޮޑު ވުމުގެ ހާދިސާތައް ހިނގާފާނެ ކަމަށް ލަފާކޮށްފައިވާތީ، އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފާއިތުވި ބުރާސްފަތި ދުވަހުން ފެށިގެން ސައުދީގެ ވެރިރަށް ރިޔާދަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، މޫސުން ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ރިޔާދުގެ އިތުރުންވެސް ސައުދީގެ އެހެން އަވަަށްތަކަށްވެސް ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިހާރުވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސައުދީގެ ބައެއް އަވަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ.

އަދި އެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ. އޭގެ އިތުރުން، ފެންގަނޑު ތެރޭގައި އޮޔާ ދަނިކޮށް 40 މީހުން ސަލާމަތްކޮށް، އެތައް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށް ސައުދީ އަރަބިއާގެ ނޫސްތަކުން ވަނީ ހާމަކޮށްފައެވެ.





 

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...