ސައުދީގެ ވަލީއަހުދަށް މަރުހަބާ ނުކިޔާނަން : ޓިއުނީޝިއާ

ސައުދީ އަރަބިއާގެ ވަލީއަހުދު ޓިއުނީޝިއާއިން މަރުހަބާ ނުކިޔާނެކަމަށް ބުނެ އެގައުމުގައި އަޑުއުފުލައިފިއެވެ.

ޓިއުނީޝިއާގެ ސިޔާސީ މީހުންނާއި ސިވިލް ސޮސައިޓީ ގްރޫޕުތަކުން ވަނީ ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އެގައުމުން މަރުހަބާ ނުކިޔާނެ ކަމަށް ބުނެފައެވެ. އެފަރާތްތަކުން އެފަދައިން ބުނެފައިވަނީ ވަލީއަހުދު އެގައުމަށް ވަޑައިގަތުމަށް ނިންމާފައިވަނިކޮށެވެ.

އެދަތުރުފުޅުކީ ސައުދީގެ ނޫސްވެރިއާ ޖަމާލް ޚަޝޯގީގެ މަރަށްފަހު، އެމަރުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ. ޓިއުނީޝިއާ ސަރުކާރުގެ ތަރުޖަމާން ވަނީ މި މަހުގެ 27 ވަނަ ދުވަހު ވަލީއަހަދު މުހައްމަދު އެގައުމަށް ވަޑައިގަންނަވާނެ ކަން ރޭޑިއޯ މެދުވެރިކޮށް އިއުލާން ކުރައްވާފައެވެ.

ޓިއުނީޝީއާގެ ތަރުޖަމާން ވިދާޅުވެފައިވަނީ ޚަޝޯގީގެ މަރު އެގައުމުން ކުށްވެރިކުރާކަމަށާއި، އަދި އެމަރުގެ ހަގީގަތް ހާމަކުރުމަށް ވެސް އެބޭފުޅާ ވަނީ ގޮވާލައްވާފައެވެ. ޓިއުނީޝިއާގެ އެކްޓިވިސްޓަކާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ސައުދީ ވަލީއަހުދު އެގައުމަށް ވަޑައިގަންނަވާ ދުވަހު އެކަމާއި ދެކޮޅަށް އެގައުމުގެ އެތައް ސަތޭކަ ބަޔަކު ރައީސް އޮފީސް ދޮރުމައްޗަށް އެއްވާނެކަމަށެވެ.

ސައުދީ ވަލީއަހުދުގެ ދައުވަތު ޓިއުނީޝިއާގެ ސަރުކާރުން ގަބޫލުކުރައްވާފައިވާތީ އެގައުމުގެ ގިނަ ބަޔަކު ވަނީ އެކަމާއި ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން އެފަރާތްތަކުން ބުނެފައިވަނީ ސައުދީ ވަލީއަހުދު ފަދަ ބޭފުޅެއްގެ ދައުވަތު ސަރުކާރުން ގަބޫލުކުރުމަކީ ލަނދުގަންނަން ޖެހޭ ފަދަ ކަމެއް ކަމަށެވެ.

އެގޮތުން އެބޭފުޅަކީ އަދި ސައުދީއާއި ޔަމަނުގެ ރައްޔިތުންގެ ލޭ އެބޭފުޅެއްގެ އަތުގައި ހޭކިފައިވާ ބޭފުޅެއްކަމަށް ޓިއުނީޝިއާގެ ރައްޔިތުން ބުނެފައިވެއެވެ. އަދި އެފަދަ ބޭފުޅަކު އެގައުމަށް ވަޑައިގަތުމަށް މަރުހަބާ ނުކިޔާނެކަމަށް ޓިއުނީޝިއާގެ ރައްޔިތުުން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...