ޚަޝޯގީ މަރާލުމުގެ 12 ދުވަސް ކުރިން ވަނީ އެކަން ކުރަން ރާވާފަ : ތުރުކީ

ސައުދީ އަރަބިއާގެ ނޫސްވެރިއާ ޖަމާލް ޚަޝޯގީ މަރާލުމުގެ ބާރަ ދުވަސް ކުރިން އެކަން ކުރުމަށް ރާވާފައިވާ ކަމަށް ތުރުކީގެ އޮފިޝަލުން ބުނެފިއެވެ.

ސައުދީ އަރަބިއާގެ ނޫސްވެރިއާ ޖަމާލް ޚަޝޯގީ މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ކޯލް ރެކޯޑިންއާއި އެމީހުންގެ އަމަލުތަކަށް ބަލާއިރު ޚަޝޯގީ މަރާލުމުގެ ބާރަ ދުވަސްކުރިން އެކަން ކުރުމަށް ރާވާފައިވާކަމަށް ތުރުކީގެ ތަހުގީގީ ޓީމްތަކުން މިދިއަ ހުކުރު ދުވަހު ވަނީ ބުނެފައެވެ.

އެގޮތުން އޭނާ މަރާލި ކަމުގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވޭ މަހެރު މުތުރެބް ސައުދީގެ ކޮންސިއުލޭޓަށް 19 ފޯނު ކޯލް ވަނީ ކޮށްފައެވެ. އޭގެ ތެރެއިން ހަތަރު ކޯލެއް ވަލީ އަހުދުގެ ސޯޝަލް މީޑިއާ ބަލަހައްޓާ ސައުދު އަލް ގަހްތާނީއަށް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ސައުދު އަލް ގަހްތާނީއަށް ކޮށްފައިވާ ފޯން ކޯލްތަކުގައި އިތުރު މީހެއްގެ އަޑު އިވުނު ކަމަށް ވެސް ތުރުކީން ބުނެފައިވެއެވެ.

ސައުދު އަލް ގަހުތާނީއަކީ ވަލީއަހަދުގެ އެންމެ ގާތް އެކަކަށްވުމުގެ އިތުރުން އޭނާއަކީ ސައުދީ ރޯޔަލް ކޯޓްގެ އެޑްވައިޒަރެކެވެޙ. ނަމަވެސް ޚަޝޯގީގެ މަރުގެ ތުހުމަތާއެކު މިހާރު އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ.

ތުރުކީގެ އޮފިޝަލުނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ މަހެރު މުތުރަބް ސައުދު އަލް ގަހުތާނީއަށް ކޮށްފައިވާ ފޯން ކޯލްގައި އިވޭ ތިންވަނަ މީހާގެ އަޑަކީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަޑު ކަމަށް ލަފާކުރެވޭ ކަމަށެވެ.

  ނަމަވެސް މަހެރު އެ ކޯލްތަށް ކޮށްފައިވަނީ ސައުދީގެ ނަމްބަަރަކުން ކަަމަށްވުމާއެކު، އެއީ ވަލީއަހުދުގެ އަޑުކަން ކަށަވަރުވެފައި ނުވާ ކަމަށް ތުރުކީން ބުނެފައިވޭ. އަދި އެކަން ތަހުގީގު ކުރުމަށް ސައުދީގެ އެހީ ބޭނުންވާ ކަމަށް ވެސް ތުރުކީގެ ތަހުގީގު ޓީމްތަކުން ބުނެފައިވެއެވެ.

ޚަބަރުތައް ބުނާ ގޮތުން ތުުރުކީގައި ހުންނަ ސައުދީގެ ކައުންސުލް ޖެނެރަލްގެ އިތުރުން ސައުދީ ކޮންސިއުލޭޓްގައި މަސައްކަތް ކުރާ އެގައުމުގެ ތިން މީހަކުވެސް ވަނީ ޚަޝޯގީގެ މަރުގައި ބައިވެރިވެފައެވެ. އަދި ޚަޝޯގީގެ މަރަށް ތިން ދުވަސް ވެސް ނުވަނީސް އެމީހުން ތުރުކީން ފިލާފައިވާ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

އެ ތިން މުވައްޒަފުން ޚަޝޯގީ މަރާލުމުގެ 72 ގަޑިއިރު ކުރިން ރިޔާދަށް ގޮސްފައިވާ ކަމަށާއި، ޚަޝޯގީ މަރާލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ތިން މީހުން ސައުދީ ކޮންސިއުލޭޓަށް ވަދެފައިވާ ކަމަށް ވެސް ތުރުކީން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...