ޖާބިރު މެމްބަރު ކަމަށް ކުރިމަތިލުން ވެގެންދާނީ ކޯލިޝަނުގެ ނިމުމަށްބާ؟

އަބްދުﷲ ޖާބިރުއާއި މުޙައްމަދު ނަޝީދު ފޮޓޯ: މޯލްޑިވްސް ޓައިމްސް

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަޤާމަށް އަބްދުﷲ ޖާބިރު އައްޔަން ކުރިތާ އަދި އެއް ހަފްތާ ނުވަނީސް މެމްބަރު ކަމަށް ކުރިމަތިލާނެ ކަމަށް މިވަނީ އިއުލާނުކޮށްފައެވެ. އެކަމާ ގުޅިގެން ކޯލިޝަނަށް ނިސްބަތްވާ އެތައް ބައެއްގެ ފަރާތުން އޭނާއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ސްޕެޝަލް އެންވޯއީގެ މަޤާމު ޖާބިރުއާ ހަވާލު ކުރުމުން، ކުފޫ ހަމަނުވާ ފަރާތްތަކަށް ސަރުކާރުގެ ބޮޑެތި މަޤާމުތައް ދެމުން އަންނަ ކަމަށް ބުނެ މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރިންވެސް ކުރައްވާފައިވާ ޖާބިރު މިފަހަރުވެސް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ކާށިދޫ ދާއިރާއަށެވެ. ނަމަވެސް މަޢުލޫމާތު ލިބޭ ގޮތުގައި ކޯލިޝަނުން އެއްބަސްވެފައިވަނީ އެ ދާއިރާއިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ނެރުމަށެވެ.

އެ ދާއިރާއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސް ނިސްބަތްވާ ދާއިރާއަށް ވާއިރު ފައިސަލް ވެސް އެ ދާއިރާއަށް ހޮވުނީ ޖޭޕީގެ ޓިކެޓުގައެވެ. ކޯލިޝަނުން އެއްބަސްވެގެން ކާށިދޫ ދާއިރާ ޖޭޕީއަށް ދީފައިވާއިރު އެމްޑީޕީއަށް ނިސްބަތްވާ ފަރާތެއް އެ ދާއިރާއަށް ކުރިމަތިލުން ޖޭޕީއަށް ޤަބޫލު ކުރާނެބާ؟ ކޯލިޝަނަކީ އެކުވެރި އަދި ބަދަހި ބައެއް ކަމަށް ދައްކަމުންގެންދާ ވާހަކަތަކަކީ ރައްޔިތުންގެ ލޮލުގައި އަޅުވަމުންދާ އަދުނެއްބާ؟ އެމްޑީޕީން ކޯލިޝަނާ ދެކޮޅުވެ ހުރިހާ ދާއިރާއަކަށްވެސް ކުރިމަތިލާން ނިންމީބާ؟

ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މީގެ ކުރިން ހުރިހާ ދާއިރާއަކަށް އެމްޑިޕީއިން ކުރިމަތިލާނެކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތައް ސަރުކާރު ނިސްބަތްވާ ޕާޓީ އެމްޑީޕީއަށް ލިބެން ޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ކޯލިޝަނުގެ ލީޑަރުން އެއްބަސްވެފައިވަނިކޮށް، މިދިޔަ ހަފްތާގައި އެމްޑީޕީން ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްގައި އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް އެ ޕާޓީން ކުރިމަތިލުމަށް މަޝްވަރާ ކުރިކަމުގެ އަޑުތައް މީޑިއާގައި ދަނީ ފެތުރެމުންނެވެ. ހުރިހާ ދާއިރާއަކަށް ކުރިމަތިލާން އެމްޑީޕީއިން ނިންމާފައިވަނީ ސީދާ ނަޝީދުގެ މަކަރުވެރި ރޭވުމުގެ ދަށުން ކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ. ނަޝީދު ބޭނުންވެލައްވަނީ ރާއްޖޭގައި ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމައެއް އޮތުން ކަމަށް ޚުދު އެމަނިކުފާނު އަމިއްލަފުޅަށް ވެސް ވިދާޅުވެފައިވާއިރު، ނަޝީދުގެ މަޤްސަދަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑު ވަޒީރުގެ މަޤާމަށް އައުމަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރަކަށް ވެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ތާޢީދު ލިބިގެން ކަމަށްވާއިރު އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަކީ ނަޝީދަށް ބޮޑުވަޒީރު ކަމަށް އައުމަށް ހުޅުވާލެވޭނެ އިތުރު ދޮރެކެވެ.

ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާނަމަ ކޯލިޝަން ތެރޭގައި ހަމަނުޖެހުންތައް އުފެދުމަކީ ގާތް ކަމެއް ކަމަށް އެތައް ބަޔަކު ޤަބޫލުކުރެއެވެ. އަދި ޖާބިރު ކުރިމަތިލާން ނިންމާފައިވަނީ އެމްޑީޕީއިން ނިންމި ނިންމުމާއި ގުޅިގެން ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ދައުލަތުގެ އިސް މަޤާމުތަކާއި މަޖިލިސް ގޮނޑިތައް ކޯލިޝަނުން ބަހާ ނިންމާފައިވާއިރު ޖާބިރުގެ މި ނިންމުމުން ކޯލިޝަން ރޫޅިދާނެބާ؟

ޖާބިރު ކާށިދޫ ދާއިރާއަށް ވިޔަސް އަދި އެނޫން ދާއިރާއަކަށް ކުރިމަތިލި ކަމުގައިވި ނަމަވެސް އޭނާ ޖެހޭނީ ދައުލަތުގެ މަޤާމުން އިސްތިއުފާ ދޭށެވެ. ޤާނޫނު އަސާސީގެ ރައްޔިތުންގެ މަޖިލީހުގެ ޝަރުތުތައް ބަޔާންކޮށްދޭ މާއްދާ ކަމަށްވާ 73 ވަނަ މާއްދާގެ ރ ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލާ މީހާއަކީ ސްޓޭޓް މިނިސްޓަރުކަމާއި ދައުލަތުގެ ނައިބުކަމާއި އެ ފެންވަރުގެ އެއްވެސް ވަޒީފާއެއްގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ހަމަ އެ މާއްދާގެ 8 ވަނަ ނަންބަރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ފިޔަވައި ދައުލަތުގެ އެއްވެސް މަޤާމެއް އަދާ ނުކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް ކުރިމަތިލާނެ ކަމަށް އިއުލާނުކޮށްފައިވާއިރު އެ ދާއިރާއަށް ކުރިމަތިލުމަށް ޖޭޕީގެ ފަރާތުންނާއި އެމްޑީޕީގެ ފަރާތުން އެތައް ބަޔަކު ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...