މައްސަރުކަންތައް ޖެހުމުން އެކަހެރިކުރި އަންހެން ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ ޓެމިލްނާޑޫއަށް ތޫފާން ގާޖާ އަރައި، 46 މީހުން މަރުވިއިރު، ގިނަ ބަޔަކަށް ހިތާމަވެރިކަން ގެނުވި ޚަބަރަކަށް ވެގެންދިޔައީ، މައްސަރުކަންތައް ޖެހިފައިހުރުމުން އެކަހެރިކުރި އަންހެން ކުއްޖަކުވެސް އެތޫފާނުގައި މަރުވުމުންނެވެ.

މިމަހުގެ 16 ވަނަ ދުވަހު ތޫފާން ގާޖާ ޓެމިލްނާޑޫއަށް އެރިއިރު، އުމުރުން 14 އަހަރުގެ އެއަންހެން ކުއްޖާ ވަނީ ގެއިން ނެރެ، ކުޑަ ހަޓަކަށް ލާ، އެކަހެރިކޮށްފައެވެ. އިންޑިއާގެ ގިނަ އަވަށްތަކުގެ މީހުން ޤަބޫލުކުރާ ގޮތުން، މައްސަރުކަންތައް ޖެހުމަކީ އަންހެންކުދިން ވަރަށް ބޮޑަށް ނުތާހިރު ކުރުވާ ކަމެކެވެ. އަދި އެފަދަ ކުދިން އެހެންމީހުންނާއި އެކަހެރި ކުރަންޖެހެއެވެ.

ތޫފާނާއި ގުޅިގެން، އެ އަންހެން ކުއްޖާ މަރުވީ، އޭނާ ބައިންދާފައި އިން ހަޓު މައްޗަށް ރުކެއް ވެއްޓިގެންނެވެ. އެރުއް ނެގުމަށް ގިނަ ވަގުތު ހޭދަވުމުން އެކުއްޖާ ސަލާމަތް ކުރުމަށް އާއިލާގެ މީހުން ވަނީ ނުކުޅެދިފައެވެ. އަދި ފަހުން ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އެކުއްޖާގެ ފުރާނަ ސަލާމަތް ކުރެވިފައެއް ނުވެއެވެ.

އިންޑިއާގެ ޓެމިލްނާޑޫއަށް ތޫފާން ގާޖާ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...