ފްރާންސް އަތުން އުރުގުއޭ ބަލިވެއްޖެ

ރޭ ފްރާންސްއާއި، އުރުގުއޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން ފްރާންސް މޮޅުވެއްޖެއެވެ.

ޕެރިހުގައި ކުޅުނު އެ މެޗުން ފްރާންސް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ދައްކާފައިވާއިރު، ފްރާންސްގެ ހަމައެކަނި ލަނޑު އެޓިމަށް ކާމިޔާބުކޮށްދިނީ މެޗުގެ 52ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޮލިވިއަރ ޖިރޫޑް އެވެ.

އެ ޕެނަލްޓީ ފްރާންސްއަށް ލިބިފައިވަނީ ޕެނަލްޓީ އޭރިއާގެ ތެރެއިން އުރުގުއޭގެ ކުޅުންތެރިޔާ ބްރޫނޯ މެންޑޭޒް ބޯޅައިގައި އަތްލުމުންނެވެ. ފްރާންސްއާއި އުރުގުއޭއިން ވަނީ އެކި ފަހަރުމަތިން ވަރުގަދަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައެވެ.

ނަމަވެސް، އެ ހަމަލާތަކުން އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ރޭގެ މެޗުގައި ފްރާންސްގެ ކުޅުންތެރިޔާ އެމްބާޕޭގެ ކޮނޑަށް ވަނީ އަނިޔާ ލިބިފައެވެ. ދުނިޔޭގެ އެކި ޤައުމުތަކުން ކުޅެމުން އަންނަ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން، ރޭ ބްރެޒިލް އާއި ކެމެރޫންވެސް ވަނީ ބައްދަލުކޮށްފައެވެ. އެމެޗުން ބްރެޒިލް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

ފްރާންސް ރޭގެ މެޗުން މޮޅުވި ނަމަވެސް މިހާރު ކުރިއަށްދާ ނޭޝަންސް ލީގުން އެ ޓީމު ވަނީ ކަޓާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...