މިއަދަކީ ޕްރިންސެސް ޑަޔާނާ އަވަހާރަވިތާ 20 އަހަރު ފުރުނު ދުވަސް!

މިއަދަކީ، ޕްރިންސެސް ޑަޔާނާ އަވަހާރިވިތާ 20 އަހަރު ފުރުނު ދުވަހެވެ.

ޑަޔާނާ އަވަހާރަވެފައިވަނީ، 1997 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ޑަޔާނާ އަވަހާރަވިތާ 20 އަހަރު ފުރިފައިވާއިރު، އެތައް ބަޔަކު އަދިވެސް ދަނީ އެކަމަނާގެ ޒިކުރާ އާކުރަމުންނެވެ.

ޑަޔާނާއަށް އެތައް ބައެއްގެ ލޯބި ލިބިގެންދިޔައީ، އެކަމަނާގެ ހިތްހެޔޮ މިޒާޖާއި އޯގާތެރި ހިނިތުންވުމުގެ ސަބަބުންނެވެ.  ޑަޔާނާ އަވަހާރަވީއިރު، އެކަމަނާގެ އުމުރުފުޅަކީ 36އެވެ.
 
ޑަޔާނާ އަވަހާރަވިތާ 20 އަހަރު ފާހަގަ ކުރުމަށްޓަކައި، ކެންޒިންޓަން ޕެލެސްގައި ފިނިފެންމަލާއި އަދި އެހެނިހެން މާތަކުން ޖަރީކޮސްފައިވާ މެމޯރިއަލް ވައިޓް ގާޑްންއަށް ޑަޔާނާގެ ދެދަރިކަލުން ކަމަށްވާ ޕްރިންސް ވިލިއަމް އަދި ހެރީ އާއި ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ވަނީ ޒިޔާރާތް ކުރައްވާފައެވެ. ޑަޔާނާގެ ހަނދާނުގައި އެތައް ބަޔަކު މިބަގީޗާއަށް ވަނީ މާތައް ހަދިޔާކޮށްފައެވެ. 

ޑަޔާނާ އަވަހާރަވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ހިނގާދިޔަ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެކަމަނާއަށް ލިބުނު ޒަހަމްތަކަކާއި ގުޅިގެންނެވެ. ޑަޔާނާ އަކީ އިނގެރޭސިވިލާތުގެ ޝާހީއާއިލާގެ ބޭފުޅުންނަށް ހިލާފަށް، ވަރަށް ހިތްތިރި ބޭކަނބަލެކެވެ.

އެކަމަނާގެ ދަރިކަލުންގެ ކަންތައްތައް ބެލެހެއްޓެވީވެސް އަމިއްލަފުޅަށެވެ.  އެގޮތުން، ޕްރިންސް ހެރީއާއި ޗާލްސްގެ ހުރިހާ ކަމަކަށް ވަރަށް ބުރަކޮށް އުޅުއްވަމުންވެސް ޑަޔާނާ ވަނީ ވަގުތު ދެއްވާފައެވެ. 

1980ގެ އަހަރުތަކުގައި އެއިޑްސްގެ ބަލީގެ ނުރައްކާ ބޮޑުވެގެން ދިޔަ ދުވަސްވަރު ، އެތައް ބަޔަކު މިބައްޔަށް ހޭލުންތެރި ކުރުމަށްޓަކާ ޑަޔާނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އެއިޑްސް ބައްޔަކީ ގައިންގަޔަށް ނާރާ ބައްޔެއް ކަމަށް ބުނެދީ، އެތައް ބަޔަކަށް ބައްޔާ ގުޅޭ މައުލޫމާތުތައް އެކަމަނާ ވަނީ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން،ޑަޔާނާގެ އިރުޝާދުގެ ދަށުން 1987 ވަނަ އަހަރުގައި ޔޫކޭގައި ފުރަތަމަ ފަހަރަށް އެއިޑްސް އަދި އެޗްއައިވީ ޔުނިޓެއްވެސް ގާއިމްކޮށްފައިވެއެވެ.
 
މީގެ އިތުރުން އެފްރިކާގެ މެދުތެރޭގައި އޮންނަ އެންގޯލާގައި ހިނގާދިޔަ ދާހިލީ ހަނގުރާމައަށްފަހުގައި، އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ލޭންޑްމައިންތަކެއް ވަޅުލާފައިވާއި ހުރި އިރު، މިއީ ކިހާ ނުރައްކާތެރި ކަމެއްކަން ބަޔާންކޮށްދެއްވުމަށްޓަކާ، ޑަޔާނާ ވަނީ މައިންތައް ވަޅުލާފައި ހުރި ސަރަހައްދެއްގައި ހިންގަވާފައެވެ. މިއީވެސް ޑަޔާނާ އަކީ ޕްރިންސެސް އޮފް ވޭލްސްއަށް ވުމުގެ އިތުރުން "މީހުންގެ ޕްރިންސަސް" އަކަށް ވެގެން ދިޔަ ސަބަބެކެވެ. 

ޑަޔާނާގެ ޒާތީ ދިރިއުޅުއްވުމަށް ބަލާލާއިރު، އެކަމަނާ ކަައިވެނި ކުރެއްވި ޕްރިންސް ޗާލްސްއާއެވެ.

ޗާލްސްއާއި ޑަޔާނާ 19981 ވަނަ އަހަރުގެ ޖުލައިމަހުގެ 29 ވަނަ ދުވަހު ކައިވެނި ބައްލަވައިގަތްއިރު، 7 މިލިއަނެއްހާ މީހުން އެމަންޒަރު ޓީވީން ވަގުތުން ބަލަމުން ދިޔަ ކަމަށްވެއެވެ.

ޑަޔާނާ އާއި ޗާލްސް ކައިވެނި ކުރެއްވިީ ޗާލްސްގެ ބައްޕަ ޕްރިންސް ފިލިޕްގެ އެދިވަޑައިގަތުމަށް ކަމަށާއި، މިސަބަބާހުރެ، ޑަޔާނާއާއި ޗާލްސްގެ ކައިވެނި ރޫޅުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑަޔާނާ ދެއްވި ބަސްދީގަތުންތަކުގައި އެކަމަނާގެ ކައިވެންޏާއި ބެހޭގޮތުން ވަނީ ވަރަށް ގިނަ ވާހަކަތައް ހިއްސާ ކުރައްވާފައެވެ. 

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...