ބައި-އިލެކްޝަން ބާއްވާނެ ތާރީޚް ވަރަށް އަވަހަށް އިއުލާނު ކުރާނަން- އަކްރަމް

އިލެކްޝަން ކޮމިޝަންގެ މެމްބަރުން ފޮޓޯ: ވާނުވާ އޮންލައިން

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގޮނޑިތަކަމަށް މެންބަރުން އިންތިޚާބް ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް ބާއްވާނެ ތާރީޚް ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. 

ސުޕްރީމް ކޯޓްގެ ހުކުމާއެކު ގެއްލިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބް ކުރުމަށް ބާއްވާ ބައި އިލެކްޝަނާއި ގުޅޭގޮތުން ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، ބައި-އިލެކްޝަން ބާއްވާނެ ތާރީޚް ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށެވެ.

އަދި މިހާރު ކުރެވެމުންދަނީ އިންތިޚާބުގެ ކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުންކަމަށާއި، މިމަސަކަތްތައް ނިމުނުހާ އަވަހަކަށް ތާރީޚް އިއުލާން ކުރައްވާނެކަމަށެވެ. އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ޤަނޫނާއި ޤަވައިދާއި އެއްގޮތުގެ މަތިން އަދި ކޯޓްތަކުން ކުރާ ހުކުމްތަކާއި އެއްގޮތަށްކަމަށެވެ.

ބައި- އިލެކްޝަން ބޭއްވުމަށް ނިންމާފައިވާ ދާއިރާތަކަކީ ވިލިނގިލީ ދާއިރާއާއި، ތުލުސްދޫ ދާއިރާއާއި، މަޑުއްވަރީ ދާއިރާގެ އިތުރުން ދިއްދޫ ދާއިރާއާއި ދަނގެތީ ދާއިރާ އަދި މައްޗަންގޯޅި ދެކޮނު ދާއިރާގެ އިލެކްޝަން. ސުޕްރީމް ކޯޓުން މިހާރު ވަނީ އިލެކްޝަން ކޮމިޝަނާއި ދެކޮޅަށް ކުރީގެ މެންބަރުންކަމަށްވާ ސައުދު ހުސައިންއާއި މުހައްމަދު ވަހީދު އިބްރާހީމްއާއި، މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށެހެޅި މައްސަލައިގައި އިތުރަށް ނިންމަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ބުނެފަވެއެވެ.

ސުޕްރީމް ކޯޓްގެ ޙުލާސާ ބަޔާނުގައި ބުނެފައިވަނީ ޕާޓީން ވަކިކުރުމުން މެންބަރުކަމުން ވަކިވާނެކަމަށް ނިންމާ އެކޯޓުން 13 ޖުލައި ގައި ކުރި ޙުކުމަކީ އަދި އެޙުކުމުގެ ފަހުން ނެރުނު ކޯޓު އަމުރަކީ 13 ޖުލައިގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ އަޙްކަމާތަކެއް ކަމަށް. އެހެންކަމުން އެ ގޮނޑިތައް ހުސްވެފައިވާކަމަށް ވަނީ ކަނޑައަޅާފައެވެ. 


 


 





 

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...