ގިނައިން މޭކަޕް ކުރުމަކީ ގެއްލުން ހުރި ކަމެއްކަން އެނގޭތަ؟

މޭކަޕް ކުރުމަކީ ރީތިވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ.

މޭކަޕް ކުރުމާއި ނުލާ ނަލަހެދިލައިގެން މަގުމައްޗަށް ނުކުންނަ އަންހެން ކުއްޖަކު ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. ތެދެކެވެ. މޭކަޕް ކުރުމުން މޫނުމަތި ވަރަށް ރީތި ކަމަށް ދައްކައިދެއެވެ. އުމުރަށް ވުރެ ޒުވާން ކަމަށް ދައްކައި ދިނުމުގެ އިތުރުން، މޫނުގައި ހުންނަ ލަކުނާއި، ކަޅުތިލަ ފަދަ އެއްޗެހި ފޮރުވާލުމަށް މޭކަޕް ބޭނުން ކުރުމަކީ އެކަމަށް އޮތް ހައްލެކެވެ.  

އެހެންނަމަވެސް މާގިނައިން މޭކަޕް ކުރުމަކީ މޫނުގެ ހަމަށް ގެއްލުންހުރި ކަމެއްކަން އެނގެނީ ވަރަށް މަދު މީހަކަށެވެ. މޭކަޕް ކުރުމުން ވަގުތީ ގޮތުން މޫނުމަތީގެ ކުލަ އަލިކޮށްދީ، ހަން އޮމާން ކަމަށް ދެއްކި ނަމަވެސް، އެއީ މޫނުގެ ހަން ރީތި ކުރުމަށް އޮތް ފަރުވާއެއް ނޫނެވެ. އެހެންކަމުން މާގިނައިން މޫނުގައި ފައުންޑޭޝަން ހޭކުމުގެ ކުރިން އެކަމުގެ ސަބަބުން މޫނުގެ ހަމަށް ލިބިދާނެ ގެއްލުންތަކާއިމެދުގައި ވިސްނާލަން ޖެހެއެވެ. 

ކުޑަކުޑަ ފައުންޑޭޝަން ކޮޅެއް މޫނުގައި ހާކާލުމަކީ ގެއްލުން ހުރި ކަމެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ތަޖުރިބާކާރުން ބުނަނީ ނޫނެކޭއެވެ. އެހެންނަމަވެސް ފައުންޑޭޝަންގައި ކެމިކަލް ހުރެއެވެ. އަދި ގިނައިން ފައުންޑޭޝަން ހާކާނަމަ، މޫނުގައި ބިހި ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ފައުންޑޭޝަން އެކަންޏެއް ނޫނެވެ. ލިޕްސްޓިކް، މަސްކާރާ، އައިލައިނަރ، ބްލަޝަރ، ބްރޮންޒަރ، މިހެންގޮސް ކިޔާނެކަމެއް ނެތެވެ. މޭކަޕް ކުރުމުގައި ތިޔަ ބޭނުންކުރާ ހުރިހާ ބާވަތެއްވެސް ތައްޔާރުކޮށްފައި ހުންނަނީ ކެމިކަލް ބޭނުންކޮށްގެންނެވެ. 

މޭކަޕް ކުރުމުން އެކި މީހުންގެ މޫނަށް ބަދަލު އަންނަނީ އެކި މިންވަރަށެވެ. ބައެއް މީހުން ބުނާގޮތުގައި، ކިތަންމެ ވަރަކަށް މޭކަޕް ކުރިއަސް، މޭކަޕް ރަނގަޅަށް ފޮހެލާފައި މޫނު މޮއިސްޗަރައިޒް ކޮށްލުމުން ހަމަށް އެއްވެސް ކަހަލަ ބަދަލެއް އަންނަ ކަމަކަށް ފާހަގައެއް ނުކުރެވެއެވެ. އެހެންކަމުން، މާގަދަޔަށް މޭކްޕް ކުރުމުގެ ކުރިން އެކަމުން މޫނުގެ ހަމަށް އަންނަ ބަދަލުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، ތިބާގެ މޫނާއި ގުޅެނީ ކޮންކަހަލަ މޭކަޕެއްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ގިނަ މީހުން މޭކަޕް ކުރާ ސާމާނު ގަތުމުގެ ކުރިން އޭގައި ތަތްކޮށްފައި ހުންނަ ލޭބަލް ވަރަށް ރަނގަޅަށް ކިޔައެވެ. މިއީ ބޭކާރު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެނގޭހެއްޔެވެ؟ މޭކަޕް އުފައްދަން ބޭނުންކުރި ހުރިހާ އިންގްރެޑިއެންޓެއް ލޭބަލްގައި ހިމެނުމަކީ، އުފައްދާ ފަރާތަށް ލާޒިމު ކަމެއް ނޫނެވެ. އެހެންކަމުން، މޭކަޕްގައި ބޭނުންކޮށްފައިވާ ގެއްލުންދެނިވި ބައެއް މާއްދާތައް ލޭބަލްގައި ހުންނާނީ ހިމަނާފައެއް ނޫނެވެ. އެހެންކަމުން ލޭބަލްގައި ލިޔެފައިވާއެއްޗަކަށް ނުހެއްލޭށެވެ.
 
މޭކަޕަށް އިތުބާރު ނުކުރެވޭ ގިނަ މީހުން ބުނާގޮތުގައި މޫނުގެ ރީތި ކަމަށް ބޭނުންވަނީ 3 ކަމެކެވެ. އެއީ ފެން ބުއިމާއި، އަރާމު ކުރުމާއި، ހިނިތުންވުމެވެ. އެހެންނަމަވެސް މި ބުނަނީ، މޫނު ރީތި ކުރުމަށްޓަކައި ރަނގަޅު ފޭޝަލްއެއް ބޭނުންނުކުރާށެކޭ ނޫނެވެ. މޭކަޕް ކުރުމަށްވުރެ ބޮޑަށް ރަނގަޅު ފޭޝަލްތައް ބޭނުން ކުރުމަކީ، ދިގު މުއްދަތަކަށް އެކަމުގެ ފައިދާ ލިބޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...