މުމްބާއީއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެއްޖެ!

މުމްބާއީގެ މަގެއްގައި ފެންބޮޑުވެފައި: ފޮޓޯ/ އަލްޖަޒީރާ

އިންޑިޔާގެ އިގްތިސާދީ މައި ތަނބުގެ ގޮތުގައި ބެލެވިފައިވާ މުމްބާއީއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އިންޑިޔާގައި އެންމެ ގިނަ މަޝްރޫއުތައް އެސިޓީއެއްގައި ހިންގަމުން އަންނަ ތަނަކީ މުމްބާއީއެވެ. މުމްބާއީއަށް މިދުވަސްވަރު ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި، އެސިޓީގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. 

މޫސުން ގޯސްވުމުގެ ސަބަބުން، ގިނަ ސްކޫލްތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.  އެގޮތުން މޫސުން ގޯސްވުމުގެ ސަބަބުން، އެއްގަމު ދަތުރުތަކާއި ވައިގެ ދަތުރުތަކަށްވެސް ވަނީ ބުރޫ އަރާފައެވެ.ބައިނަލްއަޤްވާމީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި، މުމްބާއީގެ ބައެއް ފްލައިޓްތައް ކެންސަލްކޮށްފައިވާއިރު، ޓްރެއިން ދަތުރުތައްވެސް ވަނީ ކެންސަލްކޮށްފައެވެ.

20 މިލިއަނެއްހާ މީހުން ދިރިއުޅެމުން އަންނަ މުމްބާއީ ސިޓީއަށް ބޯކޮށް ވާރޭ ވެހެން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އޭގެ ތިން ދުވަސް ފަހުން އަންގާރަ ދުވަހު އެސިޓީއަށް ވާރޭ ވެހެން ފެށިތާ 3 ގަޑިއިރުގެ ތެރޭގައި ވަނީ 86 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

އަދި ބައެއް ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށްވެސް ވަނީ ރެކޯޑް ކުރެވިފައެވެ. ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކަށް މިދުވަސްވަރު ކުރަމުން އަންނަ ވިއްސާރައިގައި އިންޑިޔާއާއި ނޭޕާލް އަދި ބަންގްލަދޭޝްއިން 1000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.



މުމްބާއީގެ މަގެއްގައި ފެންބޮޑުވެފައި. ފޮޓޯ/ އަލްޖަޒީރާ

މި ވިއްސާރައިގެ ސަބަބުން އެތައް މިލިއަން މީހުން ހާލުގައި ޖެހިފައިވާއިރު، ދެކުނު އޭޝިޔާގެ ގައުމުތަކަށް ފަހުގެ ތާރީހެއްގައި ކުރި މޫސުމީ ވިއްސާރައެއްގައި މިހާބޮޑަށް ގެއްލުން ލިބިފައެއް ނުވެއެވެ. މުމްމާއީގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް މުމްބާއީއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ މީހުން ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ. އަދި މަސްވެރިންވެސް މިދުވަސްވަރު މަސްބާނަން ނުދިއުމަށް އިސްތިމާސްކޮށްފައިވެއެވެ. 

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހުރިހާ ފަރާތްތަކުންވެސް ދިމާވެދާނެ ހިތާމަވެރި ހާދިސާއަކުން ސަލާމަތްވުމަށްޓަކައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ގޮވާލައްވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...