މިއަދަކީ ދުނިޔޭގެ ޕްރިމެޗުއަރިޓީ ދުވަސް
ވޯލްޑް ޕްރިމެޗުއަރިޓީ ޑޭ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގައި ދުވަސްނުފުރާ އުފަންވާ ކުދިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭތީ މިކަމަށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރު ކުރުމަށެވެ.
ދުނިޔޭގައި އުފަންވާ ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކީ ދުވަސްނުފުރާ އުފަންވާ ކުއްޖެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވަނީ އަންދާޒާ ކޮށްފައެވެ. އެއީ މަންމަގެ ބަނޑަށް 37 ހަފްތާ ހަމަނުވެ ކުއްޖާ ވިހެއުމެވެ.
ދުވަސްނުފުރާ ވިހެއުމަށް މެދުވެރިވާ އާއްމު ސަބަބުތަކުގެ ތެރޭގައި މާއަވަހަށް ފެން ދުލި ފަޅައިގެންދިޔުމާއި، ލޭ ފޭބުމާއި، ލޭގެ ޕްރެޝަރު މަތިވުމުގެ އިތުރުން ލޭގައިހަކުރު މަތިވުމަކީ ވެސް ދުވަސް ނުފުރާ ވިހެއުމަށް ފުރުސަތު ބޮޑު ކޮށްދޭ ކަމެކެވެ.
މީގެއިތުރުން އެއްމާބަނޑު ކުދިންނަށް ބަލިވެއިނުމާ، މަދުން ނަމަވެސް ޖަރާސީމްގެ ސަބަބުންވެސް ދުވަސް ނުފުރާ ވިހެއުމަށް މަގުފަހިވެގެންދެއެވެ. އެހެން ނަމަވެސް ބައެއް ހާލަތްތަކުގައި ދުވަސްނުފުރާ ވިހެއުމަށް ދިމާވާ ސަބަބުތަކެއް ނޭނގެއެވެ.
ކަންމިހެން ހުރުމާއެކު ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ދުވަސް ނުފުރާ ވިހެއުން މުޅިން ހުއްޓުވުމަކީ ދަތިކަމެކެވެ. ދުވަސްފުރާ ވިހެއުމުގެ ފުރުސަތު ބޮޑުކުރުމަށް، މާބަނޑު ވުމުގެ ކުރިން ދުޅަހެޔޮކަންމަތީ ދެމިހުރުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ.
އޭގެ ތެރޭގައި ފައިދާހުރި ކާނާ ކެއުމާއި، ހެލިފެލިވެ އުޅުމާއި، ކަސްރަތު ކުރުމާއި، ދުންފަތާއި މަސްތުވާތަކެތި ފަދަ ހަށިގަނޑަށް ގެއްލުންހުރި ތަކެތިން ދުރުހެލިވުމާއި، އެއްވެސް ބާވަތެއްގެ ބޭހެއް ބޭނުންކުރާ ނަމަ ޑޮކްޓަރުގެ ލަފާ ހޯދައި ފަރުވާތެރިވުން ހިމެނެއެވެ.
މީގެ އިތުރުން ދުވަސް ނުފުރާ ވިހެއުމުގެ ތަޖުރިބާއެއް ކުރިން ކުރެވިފައިވާނަމަ، ޚާއްސަ ގޮތެއްގައި ސަމާލުވެ، ޑޮކްޓަރުގެ އިރުޝާދާ އެކު ފިޔަވަޅުތައް އަޅަން ޖެހެއެވެ. އަދި މާބަނޑު ވުމުން ގަވާއިދުން ޑޮކްޓަރަށް ދައްކައި، ޑޮކްޓަރުގެ ލަފަޔާ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ބައެއް ހާލަތްތަކުގައި ދުވަސް ނުފުރާ އުފަން ވުމުގެ ސަބަބުން ތުއްތު ދަރިފުޅަށް ޞިއްޙީ ގޮތުން ތަފާތު އެކިއެކި މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ.
އޭގެތެރޭގައި ފެނުމާއި އަޑުއިވުމުން މަހުރޫމްވުން، ސެރެބްރަލް ޕަލްސީ އަދި ތޫނުފިލިކަން ދަށްވުން ފަދަ ކަންކަން ހިމެނެއެވެ. ރާއްޖޭގައި ޅަފަތުގައި ތުއްތު ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށާއި، ޅަފަތުގައި ދެވޭ ޞިއްޙީ ޚިދުމަތާއި ފަރުވާ ރަނގަޅުކުރުމަށްޓަކައި ތަފާތު އެކި ތަމްރީންތައް ކުރިއަށް ގެންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން މައުލޫމާތު ދެއްވައެވެ.
އެގޮތުން ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން ރިފްރެޝަރ ޓްރޭނިން ޕްރޮގްރާމްތަކެއް ހިންގާއިރު، ފެސިލިޓީ ބޭސްޑް ނިއުބޯރން ކެއަރ ޓްރެއިނިންގ ރާއްޖޭގެ 13 އަތޮޅެއްގައި އަދި މާލޭ ސަރަހައްދުގެ އައި.ޖީ.އެމް.އެޗްގައި، ވޭތުވެދިޔަ 3 އަހަރުތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އޭގެ ތެރެއިން 5 އަތޮޅުގައި މިއަހަރު އެޓްރެނިންގ ކުރިއަށް ގެންގޮސްފައިވެއެވެ. ފެސިލިޓީ ބޭސްޑް ނިއުބޯންކެއާރ ތަމްރީނަކީ ވިހާ ވަގުތުން ފެށިގެން ތުއްތު ދަރިފުޅުގެ އުމުރުން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ސިއްހީގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މައްޗަށް އެކުލަވާލާ ހިންގާ ތަމްރީނު ތަކެކެވެ.
މީގެ އިތުރުން އުފަންވާ ކުދިންނާއި، ދުވަސް ނުފުރާ ވިހާ ކުދިންނަށް ދެވޭ ޞިއްޙީ ފަރުވާ އާއި ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ހަރުދަނާ ކުރުމަށްޓަކައި "ޓްރެއިންގް އޮފް ޓްރެއިނަރސް އެންޑް ރޯލް އޮން އޮފް ނިއުބޯން ކެއަރ އެންޑް ޕްރިޓާރމް ކެއަރ" ތަމްރީން ޕްރޮގްރާމް ތަކެއް މިއަހަރު މާލޭގައި ވަނީ ހިންގާފައެވެ.
ސާރކް ނިއުބޯން ކެއަރ ޕްރޮޖެކްޓް ގެ ދަށުން 122 ރަށެއްގެ ޞިއްޙީ މަރުކަޒުގައި އުފަންވާއިރު، ބަލިކޮށް ތިބޭ ކުދިންނަށް ޚާއްޞަ ވަޞީލަތްތައް ބޭނުންކޮށްގެން ނިއުބޯން ކޯނަރ ހަދާފައިވެއެވެ. އަދި 14 އަތޮޅު ހޮސްޕިޓަލްގައި މިފަދަ އިތުރު ވަޞީލަތްތަކާއެކު، ނިއުބޯން ސްޓެބިލައިޒޭޝަން ޔުނިޓް ގާއިމް ކޮށްފައިވެއެވެ.
އަދި މާބަނޑުވުމަށް ތައްޔާރުވުމުގައި ސިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށް ދިރިއުޅުމުގެ މާހައުލާއި، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމުގެ ރަނގަޅު އާދަކާދަތަކާއި، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާނެ ރަނގަޅު އާދަކާދަތަކާއި، ތަފާތު ބަލިތަކުން ރައްކާތެރިވުމަށާއި، ފޮލިކް އެސިޑް ބޭނުން ކުރުން އިތުރު ކުރުމަށްޓަކައިވެސް، އިތުރު މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.