ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނިމޭނެ - އާދަމް ޝަރީފް

ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނިމޭނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވި ސިފައިންގެ ފްލެޓްގެ މަސައްކަތްތައް ފައްޓަވާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމްގެ ވަޒީރު ކަމުގެ ދައުރުގައި ކަމަށެވެ. 

އަދި އާދަމް ޝަރީފް މިނިސްޓަރ ކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ހަފްތާގެ ތެރޭގައި، ފްލެޓްތައް އަޅާ ސަރަހައްދަށް ޒިޔާރަތްކުރެއްވި ކަމަށެވެ. އަދި އޭރު ހަމައެކަނި ހުރީ ބިންގާ އެޅުމަށް ވަޅު ކޮނުން ފިޔަވާ އިތުރު އެއްވެސް މަސައްކަތެއް ނުކޮށްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ބެލީ އެގްރިމަންޓް އޮތް ގޮތަކާއި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތް. ބެލިއިރު ނޫމަޑި ކިޔާ ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފައިވަނީ. އެގްރިމަންޓްގައި އޮތް ގޮތުން މަސައްކަތް ފަށަނީވެސް ސިފައިން އަތުން ފައިސާ ނެގުމަށްފަހު ފައިސާ ސިފައިންނަށް ދީފަ.  އެހިސާބަށް އައިރު ސިފައިން އަތުން ފައިސާ ނަގާފަ އެ އެގްރިމަންޓްގެ ދަށުން އޮތީ ފައިސާ ނޫމަޑިއާއި ހަވާލުކޮށްފަ. އަދި އެފައިސާއަށް ވީ ކިހިނެތްތޯ ބަލަން މަސައްކަތް ކުރިއިރު މަސައްކަތުގައި އުޅުއްވިބޭފުޅުން ރާއްޖޭގައި ނޫޅުއްވުމާއި އަދި ރާއްޖެ ދޫކުރައްވާފަ އެބޭފުޅުން ވަޑައިގެންނެވުމާއި އެބޭފުޅުންގެ ބައެއް އެސެޓުގެ ގޮތުގައި ހުރި ތަކެއްޗަކީވެސް އޭރު އެހެން ދިމަ ދިމާލުގައި ރަޖިސްޓްރީ ކުރެވިފައި ހުރި ތަކެތި. އަދި އެފައިސާ ހޯދުމަށް، ފަހުން ނޫމަޑީގައި މަސައްކަތް ކުރައްވާ ބޭފުޅުން ރާއްޖެ އައުމުން ބައްދަލުކޮށްގެން ވަރަށް މަސައްކަތް ކުރިން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ މައްސަލަ ޕޮލިހަށް ހުށަހަޅައިގެން ފައިސާ ނުލިބުމުން، އެއްބަސްވުން އުވާލުމަށްފަހު އެހެން ބަޔަކާއި އެކީ މަސައްކަތް ކުރަން ވިސްނެވި ކަމަށެވެ. 

ނަމަވެސް ފްލެޓްތައް އެޅުމުގެ މަސައްކަތް ރޭވިއިރު، ފުރަތަމަ ސްޓޭޖްގައި އިންވެސްޓްކުރާނެ ގޮތެއް ރާވާފައިނުވާ ކަމަށެވެ. އަދި ސިފައިންގެ ބޭފުޅުން އަތުން ޖުމްލަ ގާތްގަނޑަކަށް އެއްލައްކައެއްހާ ފައިސާ ނަގާފައިރު، ދެން ވިސްނެވީ އިންވެސްޓްމެންޓެއް ނެތި ފްލެޓް އެޅުން ހުއްޓާލާފައި އެފައިސާ ހޯދައިދޭން މަސައްކަތް ކުރާނީތޯ ނުވަތަ ފައިސާ ހޯދަން މަސައްކަތްކުރަމުން ސަރުކާރާއި ގުޅިގެން އިމާރާތް އެޅޭނެ ގޮތެއް ހޯދާނީތޯ ކަމަށެވެ.

ސިފައިން ބޭނުންވަނީ ފްލެޓްތައް ކަމަށްވާތީ، ފަހުން ނިންމީ ސަރުކާރާއި ގުޅިގެން ފްލެޓްތައް އެޅުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރާއި ގުޅިގެން މިހިސާބަށް އައި އިރު ފްލެޓް އެޅުމުގެ މަޝްރޫގެ ތެރެއިން، ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 6 ދުވަސް ތެރޭގައި ފްލެޓްގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...