ހުވާ ކުރުމުގެ ރަސްމިއްޔާތަށް ބްރިޖާއި މާލޭގެ ބައެއް މަގުތައް ބަންދު ކުރަނީ

އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅިގެން މިއަދާއި މާދަމާ މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމައިފިއެވެ.

ޓްރެފިކް ފުލުހުން ހާމަކުރި ގޮތުގައި އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މިއަދު، އަދި މާދަމާގެ މެންދުރު ފަހު ދެގަޑި ސުންމިނެޓުން އިރުއޮއްސި ހަތަކާއި ހަމައަށް މާލޭގެ ބައެއް ސަރަހައްދުތަށް ޓްރެފިކަށް ބަންދުވާނެ ކަމަށެވެ.  އަދި މި ދެދުވަހު ހަވީރު ހަތަރުގަޑި ސުންމިނެޓުން ފެށިގެން އިރުއޮއްސި ހަތްގަޑި ސުންމިނެޓާއި ހަމައަށް ސިނަމާލެ ބްރިޖްވެސް ބަންދުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މިއަދާއި މާދަމާގެ މެންދުރު ފަހުން ފެށިގެން ބަންދު ކުރަން ހަމަޖެހިފައި ވަނީ ރަސްމީ ފާލަން ހިމެނޭ ސަރަހައްދާއި، ގައުމީ ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގެ އިތުރުން އެސަރަހައްދުތަކަށް ދަތުރުކުރާ މަގުތަކެވެ.

އިބޫ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ. އެހެންނަމަވެސް ހަވީރު ތިންގަޑި ސުންމިނެޓުން ފެށިގެން ރަސްމިއްޔާތަށް ދައުވަތަށް އެރުވޭ ފަރާތްތަށް އެތެރެއަށް ވަންނަން ފަށާނެއެވެ.

އެރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބޭރުގެ ބޭފުޅުން ހިމެނޭހެން ގާތްގަނޑަކަށް އެގާރަހާސް ހާސް ފައްސަތޭކަ މީހުންނަށް ދައުވަތު އަރުވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...