ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތް މައްސަލައިގެ ޙުކުމް އިއްވުން ފަސްކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން ރިޔާސީ އިންތިޚާބަށްފަހު ބޭއްވި ޤައުމީ ޖަލްސާގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުން ފަސްކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައިކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލުމަށްފަހު، ރޭ އެ މައްސަލައިގެ ހުކުމް އިއްވާގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ. އެހެން ނަމަވެސް އިދާރީ ބައެއް ސަބަބުތައް ހުރިކަމަށް ބުނެ ހައިކޯޓުން ވަނީ ހުކުމް އިއްވުން ފަސްކޮށްފައެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތް ސަބަބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތީ، ސިޔާސީ ޕާޓީތަކުން ކޮންގްރެސް ބޭއްވުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކޮށްފައި ނުވާތީ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައިކޯޓްގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި ޕީޕީއެމްގެ ޤާނޫނީ ޓީމުގެފަރާތުން ވިދާޅުވީ، އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޕާޓީގެ ސިޔާސީ ޙަރަކާތްތައް ހުއްޓިފައި އޮންނައޮތުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

އަދި ޕީޕީއެމްގެ ކޮންގްރެސްގެ ކުރިން އެޕާޓީގެ ކައުންސިލްގެ ޚާއްޞަ ބައްދަލުވުމެއް ބާއްވައި ޚާއްޞަ ގޮތުން ބޭއްވޭ ކޮންގްރެސްގައި ޢަމަލު ކުރާނެ ގޮތްތަކެއް ނިންމައި އެޕާޓީގެ އަސާސީ ޤަވާއިދުގެ 4 މާއްދާއެއްވެސް ބާތިލުކޮށްފައިވާނެ ކަމަށެވެ.

ޕީޕީއެމުން ބުނީ އެޕާޓީގެ ކޮންގްރެސް ކުރިއަށް ގެންދިޔައީ އީސީގެ އޮބްޒާވަރުންގެ ހާޒިރުގައި ކަމަށެވެ. އަދި އެއަށްފަހު ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތަށް ކޮންގްރެސް ނިމުނުތާ 15 ދުވަހުގެތެރޭގައި ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...