ސޯސަން ފިހާރައިގެ ފަރާތުން ހުޅުމާލޭގައި ހޯލް ސޭލް އަދި ރީޓެއިލް ފިހާރައެއް ހުޅުވައިފި

ހުޅުމާލޭގައި ސޯސަން ފިހާރަ ހުޅުވުމުގެ ހަފްލާގެ ތެރެއިން: ފޮޓޯ ޗެނަލް13

ފުޅާދާއިރާއެއްގައި ވިޔަފާރި ހިންގަމުންދާ ފިހާރައެއް ކަމަށްވާ، ސޯސަން ފިހާރައިގެ ފަރާތުން ހުޅުމާލޭގައި ހޯލް ސޭލް އަދި ރީޓެއިލް ފިހާރައެއް ހުޅުވައިފިއެވެ.

އެ ފިހާރަ ހުޅުވައިދެއްވީ ފޯވެޑިންގ ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސޯލިހެވެ. ސޯސަން ފިހާރަ ހުޅުވުމުގެ ހަފްލާގައި އެ ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ މުހައްމަދު ރަޝީދު ބުނީ އެ ފިހާރައަކީ ހުޅުމާލޭގެ އާބާދީއަށް ބެލުމަށްފަހު ވިޔަފާރި ފުޅާކުރުމުގެ ގޮތުން، ހޯމް ޕްރޮޑަކްޓް ވިއްކުމަށް ހުޅުވި ފިހާރައެއް ކަމަށެވެ. އަދި އެ ފިހާރައިން ހޯލް ސޭލް އަދި ރީޓެއިލްކޮށް ތަކެތި ލިބެން ހުންނާނެ ކަމަށް ރަޝީދު ބުނިއެވެ.

އޭނާ ބުނީ އެފަރާތަކީ ބާޒާރުގައި ވަރުގަދަ ބްރޭންޑްތަކެއް ވިއްކާ ބައެއް ކަމަށެވެ. އެގޮތުން އެ ފިހާރައިން ވިއްކާ ޕަސްކޯލް ޔޯގަޓް، ޓައިސް އެންޑް ނަޓްސް، ޕިލްސްބްރީ ކޭކް މިކްސް، ޕްރޮމިނާ އަދި ގްޑްނައިޓްފަދަ އުފެއްދުންތަކަކީ ރާއްޖޭގެ އެކި ރަށްރަށުގައި ވަރަށް ފާސްޓްކޮށް ވިކެމުންދާ ތަކެތިކަން އޭނާ ފާހަގަކުރިއެވެ. ރަޝީދު ބުނީ ހުޅުމާލޭގައި އުޅޭ ފަރާތްތަކަށްވެސް، މާލޭގައި ވިއްކާ އަގުތަކުގައި އެ ފިހާރައިގެ އުފެއްދުންތައް ވިއްކަމުންދާނެ ކަމަށެވެ.

"އަޅުގަނޑުމެންވެސް ޕޮޕިއުލޭޝަނަށް ބަލާފަ ވިޔަފާރި މި ކުރަނީ. ހުޅުމާލެއަށް ހުރިހާ ބޮޑެތި ކުންފުނިތަކުން އަތުވެއްޖެ. އެހެންވެގެން އަޅުގަނޑުމެންވެސް މި ގަސްތުކުރީ މިހާރު މިކޮޅުގައި އަޅުގަނޑުމެންގެ ހޯލްސެއިލް އެންޑް ރީޓެއިލް އައުޓް ލެޓެއް ހުޅުވަން. މައިގަނޑަކީ އަސްލު އަޅުގަނޑުމެންގެ އޯން ޕްރޮޑަކްޓް މިކޮޅުގައި ވިއްކުން. މާލޭ ސޯސަން ފިހާރައިން ލިބެންހުރި އަގުގައި އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ހުޅުމާލޭ ސޯސަން ފިހާރައިންވެސް ލިބެން ހުންނާނެ." ރަޝީދު ބުންޏެވެ.

ސޯސަން ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ މުހައްމަދު ރަޝީދު ޗެނަލް13 އަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ޗެނަލް13

ސޯސަން ފިހާރައިގެ 2 ފިހާރަ މާލޭގައި ހުރެއެވެ. އެއީ ބާޒާރުމަތީގައި ހުންނަ ސޯސަން ފިހާރަ އާއި ސޯސަން މާރޓެވެ. ހުޅުމާލޭ ސޯސަން ފިހާރަ ހުޅުވުމާއެކު، މިއަދު އެ ފިހާރައަށް ޒިޔާރަތްކޮށް ވިޔަފާރި ކުރި ކޮންމެ ބޭފުޅަކަށް ވަނީ ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ. ހުޅުމާލޭގައި ހުޅުވި ސޯސަން ފިހާރަ ހުންނަނީ އަހިގަސްމަގު ލިލީ ޝޮޕް ކައިރީގައެވެ. މިހާރުވެސް ބޮޑެތި ކުންފުނިތަކުން ދަނީ ހުޅުމާލޭގައި ހޯލްސެއިލް އެންޑް ރީޓެއިލްގެ ވިޔަފާރި ފުޅާކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...