ބަޖެޓާ މެދު އީސީންވެސް ނުރުހުން ފާޅުކޮށްފި

2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކަނޑައަލާފައިވާ ބަޖެޓާމެދު އިލެެކްޝަންސް ކޮމިޝަނުން ނުރުހުން ފާޅުކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލިސް އިންތިޚާބަށް ޚަރަދުވާނެ ކަމަށް ބެލެވެނީ 123 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ އަދަދު ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައި އޮއްވާ، އެއަށްވުރެ މަދުން ދޭ ސަބަބު އެނގިފައި ނުވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި މަޖިލީހުން ބަޖެޓު ފާސްކޮށްފިނަމަ، އިންތިޚާބުގެ ކަންކަން ތަރުތީބުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދަން ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށާ އެކަމަށް ހައްލެއް ބޭނުންވާ ކަމަށް ވެސް އަކްރަމްވަނީ ފާހަގަކުރައްވާފައެވެ.

އަދި އެކަމުގެ ސަބަބުން އީސީން ބޭނުންވާ ބަޖެޓު ނުލިބިއްޖެނަމަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޚާބާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އުނދަގޫވާނެ ކަންވެސް އަކްރަމް ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި މިހާރު ތިއްބެވި 85 މެމްބަރުންގެ ބަދަލުގައި، މާލޭގެ އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މައްޗަންގޮޅީ މެދު ދާއިރާގެ ނަމުގަ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި ދެ އިންތިހާބީ ދާއިރާ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފައިވާއިރު، ޖުމްލަ 87 ގޮނޑިއަށް މަޖިލިސް އިންތިޚާބުގައި ވާދަކުރާނެއެވެ. މަޖިލިހުގެ ތަޅުމަށް ބަޖެޓް ހުށަހެޅުނު ހިސާބުން ފެށިގެން ގިނަ ފަރާތްތަކުންދަނީ އެ ބަޖެޓާމެދު ކަންބޮޑުވުން ފާޅުކޮށް ކަނޑައަޅާފައިވާ ބަޖެޓްގެ އަދަދުތަކާމެދު ނުރުހުން ފާޅުކުރަމުންނެވެ.

ބަޖެޓް ހުށަހަޅާފައިވަނީ އާ ސަރުކާރުން އެދިލެއްވި ގޮތަށް ކަމަށާ އޭގެ އެންމެ އަކުރަކަށް ވެސް ބަދަލު ގެންނަވާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...