2019 ވަނަ އަހަރުގެ ބަޖެޓުގައި އާސަންދައިގެ ބައިތައް އުނިކުރަން ނިންމާފައިވާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި

2019 ވަނަ އަހަރުގެ ބަޖެޓުގައި، އިސްލާހީ މަސައްކަތުގެ ނަމުގައި އާސަންދައިގެ ބައެއް ބައިތައް އުނިކުރަން ނިންމާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޚަރަދު ކުޑަ ކުރުމުގެ ގޮތުން އިސްލާހީ މަސައްކަތްތަކެއް ހިމަނާފައިވެއެވެ. އެ މަސައްކަތްތަކުގެ ތެރޭގައި އާސަންދަ ރޭޝަނަލައިޒް ކުރުމުގެ ގޮތުން ކޯ-ޕޭމަންޓްގެ ނިޒާމެއް ތައާރަފް ކުރުމާއި، އާސަންދައިގެ ދަށުން ދެވޭ ބައެއް ހިދުމަތްތައް އުނިކުރުމާއި ޕްރިމިއަމް ކޮންޓްރިބިއުޝަންތައް ތައާރަފްކުރުން ހިމެނެއެވެ.
 
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ، އާސަންދައަށް 2019 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ޚަރަދު، މިހިނގާ 2018 ވަނަ އަހަރަށް ވުރެ ދެބައިކުޅަ އެއްބައި މަދުކަން ފާހަގަ ކުރެވޭ ކަމަށެވެ. 

"ދެން އަޅުގަނޑު ހިތާމައާއި އެކީގައި ފާހަގަކުރާ އެއް ކަމެއް އެއީ، ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން ދެއްވާ އެހީއާއި ސަބްސިޑީގެ ބައިތަކަށް ބަލާލާއިރު، ޚާއްސަ ގޮތެއްގައި މި ހުސްނުވާ އާސަންދަ އަކީ، ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެދިޔަ ފަސް އަހަރު އެއްވެސް އުނިކަމެއް ނެތި ރައްޔިތުންނަށް އެއް ހަމައަކުން ފޯރުކޮށްދެއްވަމުން ގެންދެވި ޚިދުމަތެއް. އެހެންނަމަވެސް، އަލުން، އަޅުގަނޑަށް ހީވާ ގޮތުން މިއޮތީ ރިވިއުކޮށްފަ، ޚަރަދު ކުޑަ ކުރުމަށްޓަކާ ވަކި ގޮތްތަކެއް ރާއްވަވާފައި. އެގޮތްތައް ރޭވުމުގެ ތެރޭގައި ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަރަށް، މިހިނގާ އަހަރާއި އަޅާބަލާއިރު، ބަޖެޓްގެ މަދުކަމެއް މި މަޝްރޫޢަށް އެބަ އާދޭ. މިއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުން މިހާރު ހޭނިފަ، އެމީހުންނަށް ލިބެމުންދާ ހުސްނުވާ އާސަންދައިގެ އެހީ ހޯދުމުގައި ކުރިއަށް އޮތް އަހަރުގައި ދަތިތަކެއް ފޯރާނެ ކަމެއް" އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން ޖައުފަރު ވިދާޅުވިއެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވެސް ވަނީ އާސަންދައަށް އާ ސަރުކާރުން ގެންނަން ރާވާ ބަދަލާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އާސަންދައިގެ ޚިދުމަތަކީ، ރައްޔިތުންގެ ހިތާއި ގުޅިފައި އޮތް ޚިދުމަތެއްކަން ފާހަގަ ކުރައްވާ ޚަލީލް ވިދާޅުވީ، އާސަންދަ ނިޒާމަށް ރަނގަޅު ބަދަލުތަކެއް އާ ސަރުކާރުން ގެންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
 
2019 ވަނަ އަހަރުގެ ބަޖެޓުގައި އިސްލާހީ މަސައްކަތުގެ ނަމުގައި އާސަންދައިގެ ބައެއް ބައިތައް އުނިކުރަން ނިންމީ، އެފަދަ އިސްލާހުތަކެއް ކުރިއަށް އޮތް އަހަރުތަކުގައި ނުގެނެސްފިނަމަ އާސަންދައިގެ ހިމެނޭ ގޮތަށް ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ ހޭދައިގެ ކޮންޓްރޯލް ގެއްލި ވަރަށް ބޮޑަށް އިތުރުވެގެންދާނެތީ ކަމަށް ބުނެއެވެ.

ޚަލީލްއާއި ޖައުފަރުގެ އިތުރުންވެސް ބައެއް މެމްބަރުން ވަނީ 2019 ވަނަ އަހަރުގެ ބަޖެޓްގައި އާސަންދައިގެ ޚިދުމަތް، މީގެ ކުރިން ރައްޔިތުންނަށް ލިބެމުން އައި ގޮތަށް، ލިބިދެވެން ނެތުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...