މައުމޫނުވެސް ހިމެނޭ ގޮތަށް ސަރުކާރާއި އެކީގައި މަޝްވަރާ ކުރުމަށް ފުރުސަތު ހުޅުވާލައިފި

ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ: ފޮޓޯ/ ސަން އޮންލައިން

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްވެސް ހިމެނޭގޮތަށް އެއްވެސް ޝަރުތަކާއި ނުލައި މަޝްވަރާތަކުގައި ބައިވެރިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދައުވަތު އަރުވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްނެންގެވުމުގެ މަތިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ހުޅުވާލުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ގިނަ ދުވަސްތަކެއްވަންދެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ގާނޫނީ ގޮތުންވެސް ފުރިހަމަ ނުކޮށްދެވޭނެ ފަދަ ޝަރުތުތަކެއް ކުރިމަތި ކުރުވުމުން ކަމަށެވެ.

އެހެންމަވެސް މިފަހަރު މަޝްވަރާތައް ފެށުމަށް ނިންމާފައިވަނީ އެއްވެސް ކަމެއް ޝަރުތު ނުކޮށް، އިސްލާހަށްޓަކައި މަޝްވަރާ ކުރާނެ ކަމުގެ އިޝާރާތެއް އިދިކޮޅު ފަރާތްތަކުން ކޮށްފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ފިޝަރީޒް މިނިސްޓަރ ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށްވެސް މަޝްވަރާތަކުގައި ބައިވެރިވެޑައިގަތުމަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ.

އަދި މަޝްވަރާގެ މޭޒަށް އައިސް އިދިކޮޅު ފަރާތްތަކުން ހައްލު ކުރަން ބޭނުންވަނީ ކޮންކޮން ކަންތައް ތަކެއްތޯ ސަރުކާރުން އޮޅުން ފިލުވާނެ ކަމަށާއި، ގައުމުގެ ސިޔާސީ ހަލަބޮލިކަން ކުޑަ ކުރުމަށްޓަކައި އަދި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށްޓަކައި ޓަކިޖަހަން ޖެހުނު ކޮންމެ ދޮރެއްގައިވެސް ސަރުކާރުން ޓަކި ޖަހާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަން ނިންމީ، ބޭރުގެ އެއްވެސް ނުފޫޒެއް އޮވެގެން ނޫން ކަމަށާއި ސަރުކާރުން މަޝްވަރާ ކުރާނީ އިހްލާސްތެރި ކަމާއެކީގައި ކަމަށެވެ.

ޗެނަލް13އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް އިދިކޮޅު ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި، މި ފަހަރުގެ މަޝްވަރާ ބައްދަލުވުންތަކުގައި ޕާޓީތަކުގެ އަމިއްލަ މަސްލަހަތު ގައުމުގެ މަސްލަހަތަށްވުރެ އިސް ނުކުރާނެ ކަމަށްވެސް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  


ރާއްޖޭގެ ސިޔާސީ މަސްރަހް ފިނި ކުރުމަށްޓަކައި ރައީސް ޔާމީންގެ އިސްނެންގެވުމުގެ ދަށުން އެންމެ ފުރަތަމަ މަޝްވަރާ ކުރުމަށް ޕާޓީތަކަށް ފުރުސަތު ހުޅުވާލީ 2015 ވަނަ އަހަރުގެ ޖުލައިމަހުގައެވެ.

އެހެންނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރި ޝަރުތުތަކާއި ގުޅިގެން މަޝްވަރާތައް ކުރިޔަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތު ތަކަކީ ވަކި ވަކި ފަރުދުންގެ މަންފާއަށްޓަކައި ކޮށްފައިވާ ޝަރުތުތަކެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...