އަންނާރު: މީރު، އަދި އެހާ ގިނަ ފައިދާވެސް ލިބޭ މޭވާއެއް

މޭވާތަކުގެ ތެރެއިން އަންނާރަކީ ވަރަށް މީރު މޭވާއެއް ކަމަށް ގިނަ މީހުން ގަބޫލް ކުރެއެވެ. އަންނާރަކީ ހަމައެކަނި މީރުމޭވާއެއް ނޫނެވެ. އަންނާރު ކެއުމުން ސިއްހީގޮތުން ވަރަށް ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިބެއެވެ. 

އަންނާރުގައި އެންޓި އޮކްސިޑެންޓް، އެންޓި ވައިރަލް، އަދި އެންޓި ޓިއުމަރ މާއްދާތައް އެކުލެވިގެންވެއެވެ. ވިޓަމިންއަށް ބަލާއިރު، އަންނާރު ކެއުމުން ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިން އީ ހަށިގަނޑަށް ލިބެއެވެ. އަންނާރު ކެއުމުން ހަށިގަނޑުގައި ލޭ ދައުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަލިމަޑުކަމެއްގައި އުޅެފައިވާ މީހަކަށް އަންނާރު ކެއުމަށް ޑޮކްޓަރުން އިރުޝާދު ދެނީ، އަންނާރަކީ ގައިގައި ވަރުޖައްސާދޭ މޭވާއަކަށްވާތީއެވެ.
 
ކަރުގައި ރިއްސުމާއި، ގައިގެ ހަން ސާފު ކުރުމަށާއި، ގައިގެ ތަންތަނުގައި ރިހުން ފަދަ ކަންކަމަށް ފަރުވާއެއްގެ ގޮތުގައި އަންނާރު ބޭނުން ކުރުމަކީ އެތައް ޒަމާނެއްކުރިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން ކުރަމުން އަންނަ ކަމެކެވެ.

އަންނާރުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމާއި، އެނީމިއާ، ކެންސަރު އަދި ހަކުރުބަލިން ސަލާމަތް ކޮށްދިނުން ހިމެނެއެވެ. ހަޖަމް ކުރުމުގެ މައްސަލަތައް ދިމާވާ މީހުން އަންނާރު ކެއުމަކީ އެމައްސަލަތަކުން ދުރުކޮށްދޭނެ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ބޭރަށް ހިންގުން ފަދަ ބަލިތަކަށްވެސް އަންނާރަކީ ވަަރަށް ރަނގަޅު ފަރުވާއެކެވެ.

ދަތްތަކަށް ދިމާވާ ތަފާތު މައްސަލަތައް ހައްލު ކުރުމަށް އަންނާރު އެހީތެރިވެދެއެވެ. އަންނާރުގައި އެކުލެވިގެންވާ އެންޓި ވައިރަލް އަދި އެންޓި ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ދަތް ފަނިކެއުން ފަދަ މައްސަލަތަކުން ދުރުކޮށްދޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ހާމަކޮށްފައެވެ.

އަންނާރަކީ މާބަނޑު އަންހެނުންވެސް ކެއުމުގައި ބޭނުންކުރުމަށް ވަރަށް މުހިއްމު މޭވާއެކެވެ. މާބަނޑު އަންހެނުން އާއްމުކޮށް އަންނާރު ކެއުމަކީ ތުއްތު ކުއްޖާގެ ބަރުދަން އިތުރުކޮށްދީ، އަދި ދުވަސް ނުފުރާ ވިހެއުން ފަދަ މައްސަލަތަކުން ދުރުކޮށްދޭނެ ކަމެކެވެ. އެހެންކަމުން، ކޮންމެ ދުވަހަކުވެސް ކެއުމުގައި ތިބާ ބޭނުންކުރާ ކާބޯތަކެތީގެ ލިސްޓަށް އަންނާރު އިތުރުކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...