ޝާހިދު ކަޕޫރުގެ މި ވާހަކަތައް އެނގޭތަ؟

ޝާހިދު ކަޕޫރަކީ އެކްޓް ކުރުމުގެ އިތުރުން މޮޅު ނެށުންތެރިއެެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ތަރިއެކެވެ. ޝާހިދު އުފަންވެފައިވަނީ 25 ފެބްރުއަރީ 1981ގައެވެ. ޝާހިދު ކަޕޫރުގެ މަންމަ އާއި ބައްޕަ އަކީވެސް ފިލްމީ ދާއިރާއާއި ގުޅިފައިވާ ދެމީހުންނެވެ.

ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރަކީ ސްޓޭޖް މަތީގައި އެކްޓު ކުރުމުގެ އިތުރުން ޓީވީ ޑްރާމާތަކުންވެސް ފެނުނު ފަރާތެކެވެ. މީގެ އިތުރުން މަޝްހޫރު ފިލްމުތަކުންވެސް އޭނާ ފެނިގެންގޮސްފައިވެއެވެ.

ޝާހިދުގެ މަންމަ ނިލިމާ އަޒީމް އަކީވެސް އެކްޓްރެސްއެއްގެ އިތުރުން ކްލެސިކަލް ޑާންސަރއެކެވެ. ޝާހިދުގެ އުމުރުން 3 އަހަރުގައި އޭނާގެ މައިންބަފައިން ވަނީ ވަކިވެފައެވެ. އޭގެ ފަހުން ޝާހިދު އުޅުނީ އޭނާގެ ކާފަމެންގެ ގޭގައެވެ.

ޝާހިދު އެންމެ ފުރަތަމަ ކިޔެވީ މުމްބާއީގައި ހުންނަ ރާޖުންސް ވިދަޔާލާ ސްކޫލުންނެވެ. އޭގެ ފަހުން ޝާހިދު 3 އަހަރުވަންދެން ކިޔަވާފައިވަނީ މީޓީބާއީ ކޮލެޖުންނެވެ. ޝާހިދުގެ ކާފަ އަންވަރް އަޒީމަކީ އިންޑިޔާގައި އެއްއިރެއްގައި ވަރަށް މަޝްހޫރު ޖާނަލިސްޓެކެވެ.

ޝާހިދުގެ މުނިކާފަ ކޭއޭ އައްބާދް އަކީ ޖާނަލިސްޓެއްގެ އިތުރުން ވަރަށް މަޝްހޫރު ސްކްރީން ރައިޓަރެކެވެ. ޝާހިދު އެންމެ ފުރަތަމަ އެކްޓިންއާއި ގުޅުން ހުރި ކަމަަކަށް ކޮށްފައިވަނީ އިޝްތިހާރު ކުޅުމާއި މިއުޒިކް ވީޑިޔޯ ކުޅުމެވެ. ޝާހިދު ފިލްމު ކުޅެން ފެށުމުގެ ކުރިން އޭނާ ވަނީ ނަށަން ދަސްކޮށްދޭ އިންސްޓިޓިއުޓް ތަކުން ތަމްރީންވެސް ހޯދާފައެވެ. މަޝްހޫރުވި ފިލްމު ތާލްގެ ލަވައެއް ކަމަށްވާ ކަހީ އާގް ލަގޭ ލަގްޖާވޭ މިލަވައިގައި ޝާހިދު ވަނީ ބެކްގްރައުންޑް ޑާންސަރއެއްގެ ގޮތުގައިވެސް މަައްކަތް ކޮށްފައެވެ.

ޝާހިދުގެ ފުރަތަމަ ފިލްމަކީ 2003 ވަނަ އަަހަރު ރިލީސް ކުރި ފިލްމު އިޝްކް ވިޝްކްއެވެ. މިފިލްމަށް މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް މިފިލްމުގައި ޝާހިދުގެ ރޯލަށް ގިނަ ބަޔަކު ތައުރީފް ކުރިއެވެ. ޝާހިދަށް މިފިލްމުން ވަނީ އަލަށް ތައާރަފްވި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައެވެ. މިފިލްމަށްފަހު ޝާހިދު ދެން ފެނިގެން ދިޔައީ ދިލްމާންގޭ މޯއިންނެވެ. އެހެންނަމަވެސް އެފިލްމް ކާމިޔާބެއް ނުވެއެވެ.

ޝާހިދު ދެން ފެނިގެން ދިޔައީ ފިލްމު ފިދާއިންނެވެ. މިފިލްމުގައި ޝާހިދާއެކު ފެނިގެން ދިޔައީ ފަރްދީންހާންގެ އިތުރުން ޝާހިދުގެ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރެވެ. މިފިލްމަށް ފަހު ޝާހިދަކީ އެކްޝަން އަދި އިމޯޝަނަލް ރޯލުތައްވެސް ކުޅެވިދާނެ މީހެއްކަން އޭނާ ސާބިތުކޮށްދިނެވެ.

އެހެންނަމަވެސް ފިދާއަށް ފަހު ޝާހިދު ދެން ފެނިގެން ދިޔަ ފިލްމުތަކުން އޭނާއަށް މާބޮޑު ކާމިޔާބެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ. 2006 ވަނަ އަހަރު ޝާހިދު ކަޕޫރް ވަނީ ކަރީނާ އާއިއެކުގައި ދެފިލްމެއް ކުޅެފައެވެ. އެއީ 36 ޗައިނާ ޓައުން އަދި ޗުޕްޗުޕްކޭއެވެ.

އެދެފިލްމަށް ފަހު 2006 ވަނަ އަހަރު ރިލީޒް ކުރި ފިލްމު ވިވާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިފިލްމުގައި ޝާހިދުއާއި އަމްރީތާ ރާއޯގެ އޮންސްކްރީން ކެމިސްޓްރީއަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ.

2007 ވަނަ އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ފިލްމު ފޫލްއެން ފައިނަލްއަކީ ކާމިޔާބް ފިލްމެއް ނޫނެވެ އެހެންނަމަވެސް އެއަހަރުގެ ފަހުކޮޅު ރިލީޒް ކުރި ރޮމޭންޓިކް ކޮމެޑީ ޖަބްވީމެޓުން ޝާހިދަށް އެންމެންގެ ތައުރީފް ލިބިގެން ދިޔައެވެ. އިމްތިޔާޒް އަލީގެ މި ފިލްމަކީ ބްލޮކްބަސްޓަރއެކެވެ. ޖަބްވީމެޓުން ޝާހިދު ވަނީ ފުރަތަަމަ ފަހަރަށް ބެސްޓް އެކްޓަރ އެވޯޑަށް ނޮމިނޭޓްވެފައެވެ. ޖަބްވީމެޓް ރިލީޒް ކުރަން އުޅެނިކޮށް ޝާހިދު އާއި ކަރީނާ ވަކި ވެފައެވެ.

އެހެންނަމަވެސް އެދެމީހުން ވަކި ވިފަހުންވެސް އެދެމީހުން އެކީގައި ފެނުނު ފިލްމެއް ވަނީ ރިލީޒްކޮށްފައެވެ. އެއީ މިލޭންގޭ މިލޭންގޭއެވެ. މިފިލްމުގެ ޝޫޓިންގެ މަސައްކަތްތަކަކީ މާކުރިން ނިންމާފައިވާ މަސައްކަތެކެވެ. އެހެންނަމަވެސް ޑަބިންގެ މަސައްކަތް ކޮށްފައިވަނީ ޝާހިދާއި ކަރީނާ ވަކިވި ފަހުންނެވެ. އެހެންކަމުން ޑަބް ކުރުމަށް ދެމީހުންވެސް ގޮސްފައިވަނީ ވަކިން ކަމަށް ހަބަރުތައް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...