ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ގުޅިގެން ފޮރިން މިނިސްޓަރ އިސްތިއުފާ ދެއްވަން ޖެހޭ: މުންދު

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފް

ފޮރިން މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޗެނަލް13 އަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި، މުންދު ވިދާޅުވީ، ފޮރިން މިނިސްޓްރީގެ އެންމެ އިސް ފަރާތަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން، މިނިސްޓަރ އާސިމް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމަކަށް ތުހުމަތު ކުރެވޭނަމަ ރަނގަޅު ގޮތަކީ، އެމަނިކުފާނު މަޤާމުން އިސްތިއުފާ ދެއްވުން ކަމަށްވެސް މުންދު ވިދާޅުވިއެވެ.

އެ މައްސަލައާއި ގުޅިގެން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ދަނީ އެކަން ތަހުޤީޤު ކުރުމަށް ގޮވާލައްވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ފޮރިން މިނިސްޓަރގެ މައްޗަށް ކުރެވޭ ތުހުމަތުގައި ހަޤީޤަތެއް ވާނަމަ، އެމަނިކުފާނު މަޤާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، ފޮރިން މިނިސްޓްރީ އަކީ، ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުންވެސް ވަކާލާތު ކުރާ ވުޒާރާއެއް ކަމަށެވެ. އެހެންކަމުން، އެ ވުޒާރާގެ އެންމެ އިސްކޮށް ހުރި ފަރާތަށް އެފަދަ ތުހުމަތެއް ކުރުމަކީ މުޅި މިނިސްޓްރީގެ އަގު ވެއްޓިގެންދާ ކަމެއް ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ފޮރިން މިނިސްޓްރީއިންވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ފޮރިން މިނިސްޓްރީގެ އިސްވެރިޔަކު ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަމުންދާ ކަމަށެވެ. މައްސަލައިގެ ތަފްސީލެއް އެބަޔާނުގައި ހާމަކުރައްވާފައެއް ނުވެއެވެ. އެގޮތުން، އެބަޔާނުގައި ވަނީ ފޮރިން މިނިސްޓްރީގެ އިސްވެރިއަކު، އެމިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވޭތީ، އެމިނިސްޓްރީގެ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ މިހާރު އެކޮމިޓީން ބަލަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މަސައްކަތުގެ މާޙައުލުގައި ޖިންސީ ފުރައްސާރައަށް އެއްވެސް ޖާގައެއް ނުދިނުމަށާއި، މިިނިސްޓްރީގެ ހުރިހާ މުއައްޒަފުން އެފަދަ ފުރައްސާރައިން ރައްކާތެރި ކުރުމުގެ ގޮތުން، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި، އެންމެހައި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...