އިބޫ ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކާއި ބައްދަލު ކުރެއްވިތަ؟

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، އެބައްދަލު ކުރެއްވުމާއި ގުޅޭ މާބޮޑު ތަފްސީލެއް އެމަނިކުފާނުގެ އޮފީހުން ހާމަ ކުރައްވާފައެއް ނުވެއެވެ. 

އިބްރާހީމް މުޙައްމަދު ސޯލިހުގެ އޮފީހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އުމްރާގެ މަތިވެރި އަޅުކަން އަދާކުރައްވާފައިވާ ކަމަށާއި، އެ ދަތުރުފުޅުގައި ސައުދީ އަރަބިޔާގެ އިސްފަރާތްތަކުން ވެސް، އެމަނިކުފާނާއި ބައްދަލު ކުރައްވާ މަރުޙަބާ ދަންނަވާފައިވާ ކަމަށެވެ. އެހެންނަމަވެސް އިބޫ އާއި ބައްދަލު ކުރެއްވި ފަރާތްތަކުގެ ތަފްސީލެއް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަ ކުރައްވާފައެއް ނުވެއެވެ. 

އިބޫ ކުރެއްވި ދަތުރުފުގައި ސައުދީގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރައްވާނެ ވާހަކަ ކުރިންވެސް ވިދާޅުވިއެވެ. ނަމަވެސް އިބޫގެ ދަތުުރުފުޅު ނިންމާލައްވާފައި އެނބުރި ރާއްޖެ ވަޑައިގަންނަވާއިރުވެސް އެމަނިކުފާނު ބައްދަލުކުރެއްވި ސައުދީގެ އިސް ބޭފުޅުންނަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ. އަދި އެ ވިދާޅުވާ ބައްދަލުކުރެއްވުމުގެ ވާހަކައެއް ސައުދީ އަރަބިޔާގެ މީޑިޔާތަކުގައިވެސް ހާމަކޮށްފައެއް ނުވެއެވެ.

އިބޫ ސައުދީގެ އިސް އޮފިޝަލުންތަކަކާއި ބައްދަލު ކުރެއްވިކަން ހަމައެކަނި ހާމަކޮށްފައި މިވަނީ ރާއްޖޭގެ މީޑިޔާތަކުންނެވެ. އެހެންކަމުން، އެ ވިދާޅުވާ ބައްދަލުވުމެއް ކުރިއަށް ދިޔަ ކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ. 

އިންތިޚާބީ ރައީސްގެ ރަސްމީ އެކައުންޓުން ކުރައްވާފައިވާ ޓުވީޓުގައި ވެސް ހަމައެކަނި ހާމަކުރައްވާފައިވަނީ، އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށްފަހު ސައުދީގެ އިސްފަރާތްތަކާއި ބައްދަލުކުރެއްވި ވާހަކައެވެ.

އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. އަދި ހިއްސާ ކުރައްވާފައިވަނީވެސް އުމްރާގެ އަޅުކަމާއި ގުޅުންހުރި ފޮޓޯއެއް އެކަންޏެވެ. ސައުދީގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ނުކުރެއްވީ ކީއްވެގެންތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

|މީގެ ދުވަސްކޮޅެއް ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނުވެސް އޭރު ވަޑައިގެންނެވީ އެޤައުމުގެ އިސްފަރާތްތަކާއި ބައްދަލު ކުރެއްވުމުގެ ނަމުގައެވެ. އެގޮތުން ނަޝީދު އެޤައުމަށް ވަޑައިގެންފައިވަނީ، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އާލް ސައުދުގެ ޚާއްސަ ދައުވަތަކަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ކަމާ ގުޅުން ހުރި އެންމެ ފޮޓޯގަނޑެއްވެސް އެއްވެސް މީޑިޔާއަކުން ފެނިފައެއް ނުވެއެވެ. މިދެންނެވީ ރާއްޖޭގެ މީޑިޔާއަކުންވެސް، އަދި ސައުދީގެ މީޑިޔާއަކުންވެސް އެފަދަ ފޮޓޯއެއް ހިއްސާ ކޮށްފައި ނުވާ ވާހަކައެވެ. ހަމައެކަނި ފެނިގެން ދިޔައީ، ސައުދީގައި ގިނިކަންޏާ ފޮޓޯއެއް ނަންގަވާ ޓުވީޓެއް ކުރެއްވި މަންޒަރު އެކަންޏެވެ.

އެހެންކަމުން ސައުދީ ދަތުރުފުޅުގެ ވާހަކައަކީ "ފޭކް ސްޓޯރީ"އެއް ކަމަށް ގިނަ ދިވެހިން ޤަބޫލު ކުރެއެވެ. ދިވެހިންގެ ލޮލުގައި އަނދުން އަޅުއްވަން ނަޝީދު މީގެ ކުރިންވެސް އެފަދަ ސްޓަންޓްތައް ޖައްސަވާފައިވެއެވެ. 

ނަޝީދެކޭ އެއްފަދައިން އިބޫ ވެސް، ސައުދީގެ އިސްފަރާތަކާއި ބައްދަލުކުރެއްވި ކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ. އިންތިޚާބީ ރައީސްއާއި އެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ ސައުދީއަށް ވަޑައިގެންފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...