އަފްޣާނިސްތާނާއި ތާލިބާނުންނާއި ދެމެދު ސުލްހަ ޤާއިމްކުރުމަށް ކޮންފަރެންސެއް ފަށައިފި

އަފްޣާނިސްތާނުގައި ކުރިއަށްދާ ހަނގުރާމަތައް ހުއްޓުވުމަށް ރަޝިއާއިން އިސްނަގައިގެން މޮސްކޯގައި ސުލްހައިގެ ކޮންފަރެންސެއް ފަށައިފިއެވެ. 

ބޭރުގެ މީޑިއާތައް ރިޕޯޓް ކުރާގޮތުގައި އެ ސުލްހައިގެ ކޮންފަރެންސްގައި އެމެރިކާގެ ސަރުކާރާއި ރަޝިއާގެ ސަރުކާރާއި ކާބުލްގެ ފަރާތުންނާއި ހަނގުރާމަވެރި ޖަމާޢަތެއްކަމުގައިވާ ތާލިބާންގެ މެމްބަރުން ބައިވެރިވެއެވެ. އަދި މީގެ އިތުރުން އިންޑިއާ، ޕާކިސްތާނު ފަދަ ޤައުމުތަކުގެ މަންދޫބުންވެސް އެ ކޮންފަރެންސްގައި ބައިވެރިވެއެވެ.

އެ ކޮންފަރެންސް ފައްޓަވައިދެއްވައި ރަޝިއާގެ ފޮރިން މިނިސްޓަރ ސާރޖީ ވިދާޅުވީ، އެ ކޮންފަރެންސްގައި އަފްޣާނިސްތަނުގެ ފަރާތުންނާއި ތާލިބާނުގެ ފަރާތުން އިސް ބޭފުޅުން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ކޮންފަރެންސަކީ އެ ދެފަރާތުގެ މެދުގައި މަޝްވަރާކުރުމަށާއި، ސުލްހަވެރިވުމަށް ލިބޭ ފުރުސަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ކޮންފަރެންސަށްފަހު ދެ ފަރާތުން އަފްޣާނިސްތާނުގެ ރައއްޔިތުންނަށް އެންމެ މުހިންމު ނިންމުމެއް ނިންމާނެ ކަމަށެވެ.

އަފްޣާނިސްތާނާއި ތާލިބާނުންނާއި ދެމެދު ސުލްހަ ޤާއިމްކުރުމަށް، ރަޝިއާއިން ސުލްހައިގެ ކޮންފަރެންސެއް ފަށާފައިވާއިރު، މީގެ ކުރިންވެސް އެ ޤައުމުން ވަނީ އެފަދަ ކޮންފަރެންސެއް ބާއްވަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އަފްޣާނިސްތާނުގެ އިސް އޮފިޝަލުން އެ ދައުވަތައް އިޖާބަ ނުދިނުމުން އެކަން ވަނީ ނާކާމިޔާބުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...