ނަސްރުގެ ދުވަހަށްވުރެ ނަޝީދަށް މުހިންމީ ދިވާލީތަ؟

ފޮޓޯ: އެންޑީޓީވީ

މިމަހުގެ 3 ވަނަ ދުވަހު، ދިވެހިން ވަނީ ނަސްރުގެ ދުވަސް ފާހަގަކޮށްފައެވެ.

އެދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކިޔުއްވާފައި ނުވުމުން ގިނަ ބަޔަކު އެކަން ފާހަގަ ކުރިއެވެ. ދުޝްމަނުންގެ އުދުވާނީ ހަމަލާއަކުން ސަލާމަތްވެ، ދިވެހިންނަށް ނަސްރު ލިބިގެން ދިޔަ ނަސްރުގެ ދުވަހުގެ ތަހުނިޔާ ނަޝީދު ކިޔުއްވާފައި ނުވާއިރު، އިންޑިޔާގައި ހިންދޫ ދީނުގެ މީހުން ފާހަގަ ކުރާ ދިވާލީއާއި ގުޅިގެން ނަޝީދު ވަނީ އިންޑިޔާގެ ބޮޑުވަޒީރަށާއި، އެދުވަސް ފާހަގަ ކުރަމުންދާ އެންމެންނަށް އުފަލާއެކު ތަހުނިޔާ ދަންނަވާފައެވެ.

1988 އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫންކަން ޔަގީނެވެ. އެ ދުވަހުގެ ބިރުވެރިކަން ލޮލުން ދެކެފައިވާ ނުވާ އެތައް ބަޔަކަށްވެސް އެދުވަހު ދިވެހިން އުޅެން ޖެހުނު ހާލު ފޮތްތަކުން އެހެރީ ފެންނާށެވެ. ދިވެހި ސިފައިން އެދުވަހު ދެއްކި ޤައުމީ ރޫޙާއި ޖޯޝަކީ ހުރިހާ ދިވެހިން ފަޚުރުވެރިވާ ކަމެކެވެ. ނަމަވެސް އެދުވަހުގެ މަތިން ބައެއް ދިވެހިން މިއަދު ހަނދާނެއް ނެތެވެ. މިއީ ހިތާމަ ކުރަންޖެހޭކަމެކެވެ. 

ދުނިޔޭގެ އެހެން ޤައުމުތަކުގެ ދުވަސްތައް ފާހަގަކުރައްވާ ތަހުނިޔާ ދަންނަވަން ހަނދުމަފުޅު ހުންނަވާއިރު، ތިމާގެ އަމިއްލަ ޤައުމުގެ މުހިންމު ދުވަހެއް ފާހަގަކޮށް، ތަހުނިޔާ ދަންނަވަން މިއަދު ބައެއް ބޭފުޅުން ހަނދުމަފުޅު ނެތިއްޖެއެވެ. ކޮންމެއަސް ދިވެހިރާއްޖޭގެ އެންމެ ބޮޑު މަޤާމެއް ފުރުއްވާފައިވާ ބޭފުޅަކު އެފަދަ ދުވަހެއް މަތިން ހަނދުމަފުޅު ނެތުމަކީ ދިވެހިން ދެރަވާން ޖެހޭނެ ކަމެކެވެ.

ކޮންމެ އަހަރަކުވެސް ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު ދިވެހިރާއްޖޭގައި ފާހަގަކުރާ ނަސްރުގެ ދުވަސް މި އަހަރުވެސް ވަނީ ފާހަކޮށްފައެވެ. އެކިއެކި އިސް ފަރާތްތަކުންނާއި ސިޔާސީ ލީޑަރުން އެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވަމުން ގެންދެވިއިރު ދިވެހިން ދެކެ އެންމެ ލޯބިފުޅުވާ ބޭފުޅާކަމަށް ދައުވާ ކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދުވަސް މަތިން ހަނދުމަފުޅު ނެތުމަކީ ގިނަ ބަޔަކު އެކަމާމެދު ކަންބޮޑުވުން ފާޅު ކުރި ކަމެކެވެ.

އެކަންބޮޑުވުމުގައި ތިއްބާ ދެން ފެނިގެން ދިޔައީ އަދި އެއަށްވުރެވެސް ނޭދެވޭ މަންޒަރެކެވެ. އަވަށްޓެރި އިންޑިޔާގައި ބުދަށް އަޅުކަން ކުރާ މީހުން ފާހަގަ ކުރަމުން އަންނަ ދިވާލީ އާއި ގުޅިގެން ކުރީގެ ރައީސް ނަޝީދު އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އެ ދުވަސް ފާހަގަ ކުރާ އެންމެންނަށް ތަހުނިޔާ ކިޔުއްވި މަންޒަރެވެ. ނަޝީދުގެ ތަހުނިޔާގެ ޓްވީޓަށް އެތައް ބަޔަކު ފާޑު ކިޔާފައިވެއެވެ. މަދު ބަޔަކު އެކަމާ އުފާފާޅު ކުރި ނަމަވެސް، އިސްލާމް ދީނަށް ލޯބި ކުރާ އެންމެންނަށް ނަޝީދުގެ އެ އަމަލު ކަމަކު ނުދިޔައެވެ.

އެމަނިކުފާނު އެފަދައިން ޓްވީޓު ކުރައްވާފައިވާއިރު އެކިއެކި ޢިލްމުވެރިން ދަނީ ޢައިރު މުސްލިމުން ފާހަގަކުރާ ދުވަސްތައް މުސްލިމުން ފާހަގަކުރުމަކީ ނުވަތަ އެ މުނާސަބަތު ތަކުގައި ބައިވެރި ވުމަކީ ހުއްދަކަމެއް ނޫންކަމަށް ވިދާޅުވަމުންނެވެ. އެގޮތުން، މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ޝެއިޚް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ ދިވާލީ އަކީ ހިންދޫ ދީނާއި ގުޅިފައިވާ އަޅުކަމެއްގެ ގޮތުގައި އިންޑިއާގެ މީހުން ފާހަގަކުރާ ދުވަހެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ކަމުގައި އެއްވެސް މުސްލިމެއް ބައިވެރިވުމަކީ ނުވަތަ އެ ދުވަހުގެ މަރުޙަބާ ކިޔުމަކީ އެއްވެސް ހާލެއްގައި ހުއްދަ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެއަކަސް، މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިވެހިންނަށް ވުރެ ބޭރު ބައެއް މުހިންމު ވެގެން ދިޔަ މަންޒަރެވެ. އިސްލާމް ދީނާ ޤައުމުގެ ހިމާޔަތުގައި ދިވެހި ސިފައިން ވި ޤްރުބާނީއަށް ވުރެ ޣައިރު މުސްލިމުންގެ މުނާސަބަތުތައް އެ މަނިކުފާނަށް މުހިންމުކަން މިއަދު މިވަނީ ހާމަވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ާާލައިޝާ 09 ނޮވެމްބަރު 2018 - 19:19

    ކޮބާތަ އިލްޔާސާ ޢިޔާޒު މިކަލޭގެއާ އެކީ ހިނިއައިސްފަ ތިބެ ފޮޓޯނަގާ އިރު މިހުރީ ޣަްިރުމުސްލިމުންގެއީދުވަސް ތަކަށްވެސް ފާޅުގަ ތަހުނިޔާ އިރު ހަމަ އެއްޗެކޭ ބުނާކަށް.ނުކެރުނުދޯ

ގުޅުން ހުރި
Loading...