ޚަޝޯޤީގެ ހަށިގަނޑު ނައްތާލުމަށް އެސިޑް ބޭނުންކޮށްފައިވޭ- ތުރުކީ

ސައުދީއަރަބިޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަށިގަނޑު ނައްތާލުމަށް އެސިޑާއި އެހެނިހެން ކެމިކަލް ބޭނުންކޮށްފައިވާކަމަށް ތުރުކީން ބުނެފިއެވެ.

ވޮޝިންޓަން ޕޯސްޓަށް ލިޔަމުންދިޔަ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ނައްތާލުމަށް އެސިޑާއި އެހެނިހެން ކެމިކަލް ބޭނުންކޮށްފައިވާކަމަށް ބުނެފައިވަނީ ތުރުކީގެ އެޓާރނީ ޖެނެރަލްގެ އޮފީހުންމެވެ.
އެއޮފީހުން ބުނެފައިވާގޮތުގައި ސައުދީ އަރަބިޔާގެ ކައުންސުލް ޖެނެރަލް މުހައްމަދު އަލް އޮތައިބީ އިސްތަންބޫލްގައި ދިރިއުޅުއްވާ ގޮކޮޅު ،ތުރުކީ ތަހުގީގުޓީމުން ބަލާފާސްކުރުމުގެ ތެރޭގައި އެގެކޮޅުން ހައިޑްރޯފްލޮރިކު އެސިޑާއި އެހެނިހެން ކެމިކަލްގެ އަސަރުތައް ވަނީ ފެނިފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި މިތަކެތި ތުރުކީގެ ތަހުގީގު ޓީމަށް ފެނިފައިވަނީ އެގެކޮޅު ބަލާ ފާސްކުރުމަށް އެމީހުންނަށް ލިބުނު ހުއްދަޔާއެކު މިދިޔަ މަސްތެރޭގައި އެގެކޮޅު ބަލާ ފާސްކުރުމުގެ ތެރޭގައެވެ. އަދި އެގެކޮޅުގެ ފެންހިންދާ ނިޒާމުން ނެގި ސާމްޕަލް ތަކުގައިވެސް އެސިޑް ހުރިކަމަށް ތުރުކީގެ ތަހުގީގު ޓީމުން ބުނެފައިވެއެވެ.

ޚަޝޯގީގެ ހަށިގަނޑު ވީތަނެއް ހޯދުމުގެ މަސައްކަތް ތުރުކީން ކުރަމުންދާއިރު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޢާންގެ އެޑްވައިޒަރ ޔާސިން އަޚްތޭ ވިދާޅުވެފައިވަނީ ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ހަމައެކަނި ކޮށާލުމަށްފަހު ނިންމާލީ ނޫންކަމަށާއި، އެއަށްފަހު އެ ހަށިގަނޑު ނައްތާލުމަށްޓަކައި އެސިޑަށް ލާފައިވާކަމަށް ގަބޫލުކުރެވޭކަމަށެވެ. އަޚްތޭ އެފަދައިން ވިދާޅުވެފައިވާއިރު ތުރުކީގެ ނޫހެއްކަމަށްވާ ސަބާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީީ މަރާލުމަށްފަހު އެމަރާގުޅޭ ހެކި ނައްތާލުމަށް ސައުދީން ޓީމެއް ފޮނުވާފައިވެއެވެ.

އޭގެ ތެރޭގައި ކެމިސްޓަކާއި، ޓޮކްސިކޮލޮޖިސްޓެ ހިމެނޭކަމަށް އެނޫހުން ބުނެފައިވެ. އެނޫހުން ބުނެފައިވަނީ އޮކްޓޯބަރު މަހުގެ 12 އިން 17އަށް ކޮންމެ ދުވަހަކު އެމީހުން ސައުދީ ކޮންސިއުލޭޓަށް ގޮސްފައިވާކަމަށް. އަދި އެމީހުން ތުރުކީން ފުރާފައިވަނީ އޭގެ ތިންދުވަސް ފަހުން ކަމަށްވެސް ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...