މިއަދަކީ ދިވެހިންގެ ފަޚުރުވެރި ޤައުމީ ދުވަސް

މިއަދަކީ ރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަހެއެވެ. ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ ޚިޖްރީ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ.

ގައުމީ ދުވަހުގައި އަޅުގަނޑުމެން ފާހަގަ ކުރަމުން މިއަންނަނީ 15 އަހަރު ދުވަހުގެ އަޅުވެތި ކަމަށްފަހު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވި އުފާވެރި މުނާސަބާއެވެ. ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްފައި ވަނީ 965 ވަނަ އަހަރުގައެވެ. އޭގެ 15 އަހަރު ފަހުން ޕޯޗުގީޒުންގެ އަތްދަށުން މި ޖަޒީރާ ގައުމު ސަލާމަތް ކޮށްދެއްވައި އަޅުގަނޑު މެންނާ ހަމައަށް ވާސިލް ކޮށްދެއްވީ އައްސުލްތާނުން ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ނުވަތަ ބޮޑު ތަކުރުފާނެވެ އެކަމަށްޓަކައި މިއަދުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އެމަނިކުފާނަށެވެ. އައްސަރިބަހާއި ސާބަހުން ވެދުން ކޮށްލެވެނީ އެމަނިކުފާނުގެ ވާގިވެރިންނަށެވެ. އަލީ ތަކުރުފާނާއި، ހަސަން ތަކުރުފާނަށެވެ. ދުވާފަރު ދަންޑަހެލާއި، ދެ ހާޖީންނަށް މި ކުޑަކުޑަ ލަޝްކަރުގެ މިންނެތް ހީވާގި މަސައްކަތުން ބާރުގަދަ ޕޯޗުގީޒުން ބަލި ކުރައްވާފައިވަނީ އެންމެ ބޭނުންވި ވަގުތުގައެވެ.

އެއީ ޕޯޗުގީޒުންގެ އަނިޔާ ދިވެހިންގެ މައްޗަށް އާންމުވެފައިވި ވަގުތެވެ. އެވަގުތު މުހައްމަދު ތަކުރުފާނު މާލެ ވަޑައިގަތެވެެ. އެމަނިކުފާނުގެ ކުޑަ ލަޝްކަރާއި އެކުގައެވެ. މާލެއަށް ބޮޑު ތަކުރުފާނު ވަޑައިގަތްއިރު، މާލޭގެ ރައްޔިތުން ތިބީ ނާމާން ކަމެއްގެ ތެރޭގައެވެ. އެހިނދު ބޮޑުތަކުރުފާނު ވަޑައިގެން ޕޯޗުގީޒުންގެ ރަސްކަމުގެ ކޮއިލާ ދިމާކުރެއްވިއެވެ. އަދި އެމީހުންގެ ބޮޑަކަށް ހުރި އަނދިއަނދިރިންގެ ކަރަށް ބަޑި ޖަހާ މަރާލުމަށްފަހު ޕޯޗުގީޒުންގެ ލަޝްކަރާ ހަނގުރާމަކޮށް ހިނދުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯއްދެވިއެވެ.

ބޮޑު ތަކުރުފާނުގެ މަތިވެރި ޖިހާދުގެ ވާހަކައަކީ ދިވެހިންގެ ހިތުގައި ލޭ ހިނގާހާ ހިނދެއްގައި ހުއްޓޭނެ ވާހަކައެއް ނޫނެވެ. އެމަނިކުފާނު ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވީ އަތްވާއި ވާރޭގައި ރިޔާ ދޯންޏެއްގައެވެ.  އެމަނިކުފާނުގެ މަތިވެރި ޖިހާދުގައި ބޭނުން ކުރެއްވި އޮޑިއަކީ މަޝްހޫރު ކަޅުއޮށްފުންމިއެވެ.

މި ފަދަ މަތިވެރި ފަތަހައެއް ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ ލަޝްކަރަށް ދެއްވީ އެބޭފުޅުންގެ މެދުގައި އޮތް އެކުވެރިކަމާއި އުޚުއްވަތްތެރި ކަމެއްގެ ސަބަބުންނެވެ. ﷲއަށް އޮތް އިތުބާރަކާއި ޔަގީން ކަމެއްގެ ބޮޑު ކަމުންނެވެ. ދިވެހި ރައްޔިތުންގެ މައްޗަށްއޮތް އޯގާތެރި ކަމާއި ހަމްދަރުދީގެ ބޮޑު ކަމުންނެވެ.

ގައުމީ ދުވަސް މިއަދު އަޅުގަނޑުމެން ފާހަކުރަނީ ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ ޖިހާދުގެ މަތިން ހަނދާ ކުރުމަށެވެ. ބޭނުމަކީ އެއިން ހިތްވަރު ލިބި އަމަލު ކުރުންނެވެ. މުހައްމަދު ތަކުރުފާނު ހިންގެވި މަގުން އަޅުގަނޑުމެން ނުހިނގާ ކަމަށްވާނަމަ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ބޭނުމެއްނެތެވެ. އެ ނަމޫނާގައި ހިފައި އެއަށް އަމަލު ނުކުރާ ކަމަށްވާނަމަ އެ ތަކުރުފާނުގެ މައްޗަށް ފަޚުވެރި ވުމުގެ ބޭނުމެއް ނެތެވ.

ގައުމީ ދުވަސް މިއަދު އަޅުގަނޑުމެން ފާހަގަކުރާއިރު ގައުމިއްޔަތު ދިރުވާ ގައުމުގެ ފަހުރު ކަމުގައިވާ އިސްލާމްދީނާއި ދިވެހި ބަސް އަދި ދިވެހިންގެ އެއްބައިވަންތަކަން ދިރުވައި އާލާކުރުމަކީ މުހިއްމު ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...