ނަޝީދު ބޭނުންވި ނަމަވެސް ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ – އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ނަޝީދު ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި އެމީހުންގެ އަމިއްލަ ބަސް ބުނާ ވެރިކަމެއް ބާއްވަން ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަށް މީގެކުރިންވެސް ދިވެހިން ނޫނެކޭ ބުނެފައިވާކަން އުމަރުނަސީރު ވަނީ ފާހަގަކުރައްވާފައެވެ.

އުމަރު ވިދާޅުވީ ނަޝީދު ބޭނުންފުޅުވެވަޑައިގެންނެވި ނަމަވެސް ބަރުލަމާނީ ނިޒާމަކީ ރާއްޖޭގައި ވިއްކޭނެ ނިޒާމެއް ނޫންކަމަށެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ރައީސް ނަޝީދު ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް އެމަންޒަރު ފެންނަމުން ދާކަމަށް ވެސް އުމަރުވަނީ ވިދާޅުވެފައެވެ. ނަޝީދު ބޭނުންފުޅު ވެވަޑައިގެންނެވި ނަމަވެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެކަމަށް އުމަރު ނަސީރު ވިދާޅުވި އިރު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ގައުމަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިންނަށް އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމެއްކަމަށެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި ރާއްޖޭއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއްކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެ ނިޒާމުން ރާއްޖެއަށް ފައިދާތަކެއް ކުރާނެތީ ނޫންކަމަށާއި، އެއީ އެމަނިކުފާނުގެ އަމިއްލަ ފައިދާއަކަށް ދައްކަވާ ވާހަކަފުޅުތަކެއްކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...