ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، އެމްއޭސީއެލް މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް އިއުލާން ކުރާނަން- އާދިލް

އެމްޑީ އެވާޑްސް 2018 ހަފްލާގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވާހަކަފުޅު ދައްކަވަނީ

ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހިޔާ މަޝްރޫއުގެ ދަށުން، އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް އިއުލާން ކުރާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.

އެމްޑީ އެވާޑްސް 2018 ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ ފާއިތުވި ދެތިން އަހަރުގައި އެމްސީއެލްގެ މުވައްޒަފުންނާ ގުޅުންހުރި ގިނަ ކަންތައްތަކެއް ހާސިލްކުރެވިފައި ހުރި ކަމަށެވެ. އަދި ކުންފުންޏަށް ދިމާވަމުންދާ އެކި ދަތިތައް ހައްލުކޮށް، މުވައްޒަފުންނަށް ބޭނުންވާ އިތުރު ކަންތައް ހާސިލްކޮށްދިނުމަށް ކުންފުނީގެ މެނޭޖްމެންޓާއި ބޯޑުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހިޔާ މަޝްރޫއުގެ ދަށުން، އެކުންފުނިން ފްލެޓް ލިބޭ ހައްގުވެރި ފަރާތްތައް އެނގިގެންދާނެ ކަމަށް އާދިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަންކޮށްފައި ވާނީ ކުންފުނީގެ މެނޭޖްމެންޓާ، ކޮމެޓީގެ މެމްބަރުންނާ މަޝްވަރާކޮށްގެން ވަރަށް އިންސާފުވެރިކަމާ، ހަމަހަމަކަމާ އެކުގައި ކަމަށެވެ.

އެ ރަސްމިއްޔާތުގައި މުވައްޒަފުންގެ ފަރާތުން ބައެއް ހިތާމަވެރި ކަންތައްތައް ފެންނަކަން ފާހަގަކުރައްވާ އާދިލް ވިދާޅުވީ އެހެން ފަރާތްތަކަށް އެނގެން ނުޖެހޭ ކުންފުނީގެ މައުލޫމާތު، އެ ކުންފުނީގެ ބައެއް މުވައްޒަފުން ސޯޝަލްމީޑިއާގައި ހާމަކުރަމުން ގެންދާ ކަމަށެވެ. އަދި އޭގެތެރެއިން ގިނަ މަޢުލޫމާތު ތަކަކީ ތެދު ނޫން މައުލޫމާތުކަން އާދިލް ވަނީ ފާހަކޮށްފައެވެ. އެހެންކަމުން އެ ހަފްލާގައި އާދިލް ވަނީ ހަޤީޤަތް ނޭގޭ ކަންކަން ސޯޝަލް މީޑިއާގައި ހާމަ ނުކުރުމަށް މުވައްޒަފުންގެ ކިބައިން އެދިލައްވާފައެވެ.

އެމްޑީ އެވާޑްސް ބާވާތާ، މިއީ 3 ވަނަ އަހަރެވެ. 2016 ވަނަ އަހަރު، އެ އެވޯޑަށް 84 މުވައްޒަފުން ނޮމިނޭޓް ވެފައި ވާއިރު، 2017 ވަނަ އަހަރު ނޮމިނޭޓް ވެފައި ވަނީ 171 މުވައްޒަފުންނެވެ. އަދި 2018 ވަނަ އަހަރު ނޮމިނޭޓް ވެފައި ވަނީ 69 މުވައްޒަފުންނެވެ.

2018 ވަނަ އަހަރަކީ އެއަރޕޯޓްސް ކޮމްޕެނީގެ ތާރީޙްގައިވެސް ފާހަގަކޮށްލެވޭ މުހިއްމު އަހަރެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. ސަބަބަކީ އެއަރޕޯޓް ތަރައްޤީ ކުރުމަށް ވަރަށް ގިނަ މުހިއްމު ބިޔަ މަޝްރޫއުތަކެއް ހިންގި އަހަރަކަށް ވާތީއެވެ. އެމްޑީ އެވާޑްސް އަކީ 2016 ވަނަ އަހަރު، އެމްއޭސީއެލްގެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭންފެށި އެވޯޑެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...