ވޯޓް ކަރުދާސް ނައްތާލީ އިންތިޚާބުގެ ތެރޭގައި ގޯސްތަކެއް ހެދިފައިވުމުން- ޕީޕީއެމް

 

ވޯޓް ކަރުދާހުގެ މައްސަލަ ބަލަމުންދަނިކޮށް އިލެކްޝަން ކޮމިޝަނުން ވޯޓްކަރުދާސް ނައްތާލީ އިންތިޚާބުގެތެރޭގައި ވަރަށް ބޮޑެތި ގޯސްތަކެއް ހެދިފައިވުމުން ކަމަށް ސިފަވާކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ނައިބުރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިޚާބްގެ ވޯޓް އޮޅުވާލިކަމަށް އެޕާޓީއަށް ގަބޫލުކުރެވޭތީ އެކަންތައް ތަހުގީގުކުރުމަށް ފުލުހަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެމައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން މީޑިއާ މެދުވެރިކޮށް ހާމަކޮށްފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ވޯޓް ކަރުދާސްތައް ނައްތާލުމުން އިންތިޚާބުގެތެރޭގައި ގޯސްތަކެއް ހެދިފައިވާކަމަށް ސިފަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް އެމައްސަލަ ބަލަމުންދާކަން ނޭނގޭކަމަށް އެބޭފުޅުން ވިދާޅުވުމަކީ ކަނޑައެޅިގެން އިތުރުފުޅެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ވޯޓްކަރުދާސް ނައްތާލުން ފަދަ ކަމެއް އިލެކްޝަންސް ކޮމިޝަނުން ކުރިއިރު ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން އެކަންބަލަން ނުކުޅެދިފައިވާކަމަށްވެސް އަބުއްރަހީމް ވިދާޅުވި.

އަަބްދުއްރަހީމް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރިތާ ދެތިން ދުވަހަށްފަހު އިލެކްޝަންސް ކޮމިޝަން ބަދަލުވެގެންދިޔައީ ދައުލަތުުގެ މިނިވަން މުއައްސަސާއަކަށްވުރެ ބޮޑަށް އިންތިޚާބު ކާމިޔާބުކުރެއްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވާ ފަރާތްތަކަށް މަސައްކަތްކޮށްދޭ ބައެއްގެ ގޮތުގައިކަމަށެވެ. އެގޮތުން ޕީޕީއެމްއާއި ދޭތެރޭ އިލެކްޝަންސްއިން އަމަލުކޮށްފައިވަނީ ވަރަށް ޒާތީވެގެންކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

އަދި އިންތިޚާބުގެ ކަންކަން ތަހުގީގުކޮށް ނުނިމެނީސް ވޯޓްކަރުދާސް ނައްތާލާފައިވާތީ، ދައުލަތުގެ ކަމާއިބެހޭ ކަމާއިބެހޭ ފަރާތްތަކުން އެމައްސަލަބަލާ އެކަންކުރި ފަރާތްތަކަށް ފިޔަވަޅުއެޅުމަށްވެސް އަބުދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...