ހަކުރު ބައްޔަށް އާންމުން ހޭލުންތެރިވުމަކީ މުހިއްމު ކަމެއް

ހަކުރުހުރި ވަރު ޓެސްޓް ކުރަނީ

ހަކުރުބައްޔަކީ ލޭގެ ތެރޭގައި ހަކުރު ހުންނަ މިންވަރު ހަމަ މިނުގައި ހިފަހައްޓައިދޭ މާއްދާ ކަމުގައިވާ އިންސިއުލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުގެ ސަބަބުން ނުވަތަ އިންސިއުލިންއަށް ހަށިގަނޑު އިޖާބަ ނުދިނުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަކުރުބަލި ޖެހުމުން، ލޭގެ ތެރޭގައި ހަކުރު ހުންނަ މިންވަރު ހަމަ މިނުން ކައްސާލައެެވެ.

ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ހާމަކުރާ ގޮތުގައި ރާއްޖޭގެ އާބާދީގެ 8.3 އިންސައްތަ މީހުންނަކީ ހަކުރު ބަލީގެ ޓައިޕް 2 އަށް ޑައިގްނޯސްވެފައިވާ މީހުންނެވެ. އަދި ހަކުރު ބަލީގެ 2 ވައްތަރުކަމަށްވާ ޓައިޕް 1 އަދި ޓައިޕް 2 ވެސް ރާއްޖޭގައި ހުރީ އެއްވަރެއްގައި ކަމަށް އެ ސޮސައިޓީން ބުނެއެވެ.

ހަކުރު ބަލީގެ ޓައިޕް 2 އަކީ އާއްމުކޮށް ބޮޑެތި މީހުންނަށް ޖެހޭ ބައްޔެއް. އަދި ކުޑަކުދިންނަށް ޖެހޭ ހަކުރު ބަލީގެ ޓައިޕް 1 އަކީ ދުނިޔޭގެ ނިސްބަތުން މަދު ވައްތަރެކެވެ. ހަކުރުބަލި ހުންނަ މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެބަލި ހުންނަކަން ނޭނގޭ މީހުންނެވެ. ޑައިބެޓިކްސް ސޮސައިޓީން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކޭ ވެސް އެއްފަދައިން ރާއްޖޭގެ ޒުވާނުންނަށްވެސް ހަކުރުބަލީގެ ޓައިޕް 2 ދަނީ ޖެހެމުންނެވެ. އެހެންކަމުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއެކު ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް ސަމާލުވުން މުހިންމު ކަމަށް އެ ސޮސައިޓީން ވަނީ ހާމަކޮށްފައެވެ.

އަޅުގަނޑުމެންގެ ތެރޭގައި އާއްމުވެފައިވާ ހަކުރު ގިނަ ކެއިންބުއިމުގެ ބާވަތްތައް، ރެސްޓޯރެންޓްތަކުންނާއި ގޭގެ ސުފުރާމަތިން ފެންނަމުންދާ ސިއްހަތު ރަނގަޅު ނޫން އާދަޔާ ހިލާފު ހަކުރު ގިނަ ކެއުމުގެ ބާވަތްތަކުން، ކުޑަކުދިންނާއި ޒުވާނުން ދުރު ކުރުން މުހިއްމެވެ. އަދި ހަކުރު ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން ސިއްހަތު ހުރީ ކިހިނެއްތޯ ދެނެގަތުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.

މީގެ އިތުރުން ހަކުރުބަލި ހުންނަ ފަރާތްތައް ގަވާއިދުން ކަސްރަތުކޮށް، ސިއްޙަތާ ގުޅޭ ކާނާ ކެއުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި ދުުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ކެއިން ބުއިމުގައި ހަކުރު ހިމެނޭ ބާވަތްތައް މަދު ކުރުމަށްވެސް ވިސްނަންވާނެއެވެ. ހަކުރު ބަލި ހުންނަ ފަރާތްތަކަށް، ކޮންމެ ކޮންމެ އެއްޗެއް ނުކެވުނު ކަމުގައި ވިޔަސް، އެ ފަރާތްތަކަށް ކެވޭނެ ގިނަ ބާވަތްތައް ހުރެއެވެ. އެގޮތުން އުއްދަނޑިއަކީ އޭގައި ފޮނި ރަހަ ގަދަ އެއްޗަކަށް ވިޔަސް، އެއީ ހަކުރުބަލި ހުންނަ މީހުންނަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.

އުއްދަނޑި އަކީ "ގްލައިސިމިކް އިންޑެކްސް" ދަށް ކާނާގެ ބާވަތެކެވެ. ގްލައިސިމިކް އިންޑެކްސް ދަށް ކާނާގެ ބާވަތްތަކަކީ ހަކުރު ބަލި ހުންނަ މީހުންނަށް ފަސޭހައިން ބޭނުންކުރެވިދާނެ، އަދި ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ބާވަތެކެވެ. އުއްދަނޑި ނުވަތަ އޭގެ ޖޫސް ބޭނުން ކުރިޔަސް، ލޭގައި ހުންނަ ހަކުރުގެ މިންވަރަކަށް މާބޮޑު ބަދަލެއް ނާންނާނެއެވެ.

މީގެ އިތުރުން އުއްދަނޑިއަކީ ލޭގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކާނާގެ ބާވަތެކެވެ. އަދި މިފަދަ ކާނާގެ ބާވަތްތަކީ އިންސިއުލިން އުފެއްދުން މަދުކޮށް، ލޭގައި ހަކުރުގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.

ހަށިގަނޑުގައި ހަކުރު އިތުރުވެގެންދާ މައިގަނޑު އެއް ސަބަބަކީ ސްޓްރެސްއެވެ. މި ބަލިން ދުރުހެލިވުމަށްޓަކައި ޤަވައިދުން ސްކްރީން ކުރުމަށް ކޮންމެ ބޭފުޅަކުވެސް ހަނދާންކުރަންވާނެއެވެ. ޑައިބެޓިކްސް ސޮސައިޓީން ދަނީ ކޮންމެ އަހަރަކު އެކި މުއައްސަސާތަކާ ގުޅިގެން، ހަކުރުބައްޔަށް ސްކްރީން ކުރުމާއި، ހަކުރު ބައްޔަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...