ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއާއި އިންޓަރ މިލާން ބައްދަލުކުރި މެޗު އެެއްވަރުވި ނަމަވެސް ބާސެލޯނާ އެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
 
ރޭ ބާސެލޯނާއާއި އިންޓަރ ބައްދަލުކުރި މެޗު އެއްވަރުވެފައިވަނީ އެކެއް އެކެއްގެ ނަތީޖާއަކުންނެވެ. ޗެމްޕިއަންސް ލިގުގެ ގްރޫޕް ސްޓޭޖްގައި ގްރޫޕް ބީގެ މިހާތަނަށް ހުރިހާ ޓީމަކުންވެސް ހަތަރު މެޗު ކުޅެފައިވާއިރު ބާސާ ވަނީ ކުރިން ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. ރޭ ކުޅުނު މެޗުގައި ދެޓީމުގެ ކުޅުމަށް ބަލާއިރު ދެ ޓީމުން ދައްކާފައިވަނީ ހަމަހަމަ ކުޅުމެކެވެ. އަދި ދެ ޓީމުން އެ މެޗުގައި ލަނޑު ޖަހާފައިވަނީ ފަހު 10 މިނެޓްގެ ތެރޭގައެވެ.

އެގޮތުން މެޗުގެ 83 ވަނަ މިނެޓުގައި އެ މެޗުގެ ފުރަތަމަ ގޯލު ބާސާއިން ވަނީ ކާމިޔާބުކޮށްފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާކޮށްދިނީ ބްރެޒިލްގެ ޓީމުން ޓްރާންސްފާވި ކުޅުންތެރިޔާ ވިންގް މެލްކޮމް އެވެ. މެލްކޮމްގެ އެލަނޑަށް ފަހު ބާސާއަށް މޮޅުވުމުގެ އުންމީދު އޮތްނަމަވެސް މެޗުގެ 87 ވަނަ މިނެޓުގައި އިންޓަ މިލާން އިން ވަނީ ގޯލު ކާމިޔާބުކޮށް އެ އުއްމީދު ގެއްލުވާލާފައެވެ. އިންޓަ މިލާންއަށް ލަނޑު ކާމިޔާބުކޮށްދީ އެއްވަރު ކޮށްދިނީ އެ ޓީމުގެ ކެޕްޓަން މައުރޯ އިކާޑީ އެވެ.

ރޭ ކުޅުނު މެޗުގައި ގިނަ ބަޔަކު އިންތިޒާރުކުރަމުން ގެންދިޔައީ ބާސާގެ މަޝްހޫރު ކުޅުންތެރިޔާ ލިޔޮނަލް މެސީ ފެނިގެން ދިއުމަށެވެ. ނަމަވެސް ރޭގެ މެޗުގައިވެސް މެސީއަށް ކުޅެވޭގޮތް ވަނީ ނުވެފައެވެ.

ރޭގެ މެޗަށްފަހު ގްރޫޕް ބީގެ ތާވަލުގެ އެއްވަނާގައި 10 ޕޮއިންޓާއެކު ބާސާ އޮތް އިރު 7 ޕޮއިންޓާއެކު ދެވަނައިގަ އޮތީ އިންޓަ މިލާން. އަދި ތިންވަނާގައި ޓޮޓެންހަމް އޮތި 4 ޕޮއިންޓާއެކުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...