ފުރަތަމަ ފަހަރަށް އެމެރިކާގެ މަޖިލީހުގެ ދެ ގޮނޑި، މުސްލިމް ދެ އަންހެނުން ކާމިޔާބުކޮށްފި

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ފުރަތަމަ ފަހަރަށް ދެ މުސްލިމް އަންހެނުން އިންތިޚާބުކޮށްފިއެވެ. 

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު މިދިޔަ އަންގާރަ ދުވަހު ބާއްވާފައިވާއިރު އެ މަޖިލީހަށް އިންތިޚާބުވި އެންމެ ފުރަތަމަ މުސްލިމް އަންހެނުންގެ ޝަރަފު ލިބިވަޑައިގަތީ ފަލަސްތީނާއި އެމެރިކާއަށް ނިސްބަތްވާ ރަޝީދާ ތްލައިބު އާއި ސޯމާލިއާއާއި އެމެރިކާއަށް ނިސްބަތްވާ އިލްހާން އޮމަރު އެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މިޝިގަންގެ ގޮނޑި ރަޝީދާ ކާމިޔާބު ކުރައްވާފައިވާއިރު އިލްހާން ކާމިޔާބު ކުރެއްވީ މިނެސޯޑާގެ ގޮނޑިއެވެ. އިލްހާން ކާމިޔާބު ކުރެއްވި ގޮނޑިއަކީ އެ މަޖިލީހުގެ އެންމެ ފުރަތަމަ މުސްލިމް ފިރިހެނަކަށް އިންތިޚާބު ކުރެވުނު ކީތް އެލިސަންވެސް ކާމިޔާބު ކުރެއްވި ގޮނޑިކަން ފާހަގަކޮށްލެވެއެވެ. ކީތް ވަނީ އޭނާގެ ދައުރު ހަމަވުމުން އެ ގޮނޑި ދޫކޮށްލައްވާ އެޓާނީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލައްވާފައެވެ.

މިޝިގަންގެ ގޮނޑި ކާމިޔާބު ކުރެއްވި ރަޝީދާއަކީ މިޝިގަންގެ ޤަނޫނު ހަދާ މަޖިލީހުގެ އެންމެ ފުރަތަމަ އަންހެން މެމްބަރަކަށް އިންތިޚާބުވުމުގެ ޝަރަފުވެސް ލިބިވަޑައިގެންނެވި ކަނބަލެކެވެ.

ރަޝީދާއާއި އިލްހާން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރައްވާފައިވާއިރު އެމެރިކާގެ އެކި ހިސާބުތަކުގައި އަދިވެސް މުސްލިމުންނަކީ އެ ޤައުމަށް ހުރި ނުރައްކަލެއްކަމުގައި ދެކެއެވެ. އެހެންނަމަވެސް މުސްލިމުންނަށް އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮންނަ ރުޅިވެރިކަން ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...