އިބޫގެ ނަން ފަނޑުވެ ނަޝީދުގެ އަޑު ގަދަވެއްޖެ!

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޙާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިޙަށް ކާމިޔާބު ލިބިއްޖެނަމަ ދެން ވާނީ ކިހިނެއްތޯ މިއީ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ ކަމެކެވެ. ޚާއްސަކޮށް އެންމެ ބޮޑަށް ބިރު ހީވެފައި އޮތީ އިބޫގެ ވެރިކަމެއްގައި ރައީސްގެ މަޤާމު ފުރުއްވާނީ ކޮން ބޭފުޅެއްތޯ ކަމާމެދުއެވެ. މިއަދު މިއޮތީ މިތަންވަޅު ޖެހިފައިބާއޭ ސުވާލު އުފެދެއެވެ.


ޝައްކެއްވެސް ނެތް ގޮތުގައި ރައްޔިތުން ވޯޓު ދީގެން ރައީސްގެ މަޤާމު ފުރުއްވުމަށް ހޮވީ އިބްރާހިމް މުޙައްމަދު ޞާލިޙުއޭ ކިޔުނު ބޭފުޅެކެވެ. ސިޔާސީ ލީޑަރުންތަކެއްގެ އަސްކެނި ދަށުގައި ގެންނަވާ ރައްޔިތުންނަށް ދެއްކީ ރައްޔިތުންގެ މަޖިލީހުން 25 އަހަރު ވަންދެން ފެނުނު މޫނެކެވެ. ތަފާތު އެކި ވާހަކަތަކާއެކު ވޯޓުތަކެއް ހޯދަމުން އެގޮތް މިގޮތުން އިންތިޙާބު ކާމިޔާބު ކޮށްފިއެވެ. ނޮވެމްބަރު 17 ގެ ފަހުން ވެރިކަމަށް ވަޑައިގެންނެވުމަށް، ރައްޔިތުން ޓިކެޓު ދިނީ އިބޫއަށެވެ. އިންސާނީ ހަމަތަކުން އަދި ޑިމޮކްރަސީގެ އުޞޫލުން ބަލާނަމަ މިހާހިސާބުން ކޯލިޝަންގެ އެންމެ ފަހު ބަސް ވިދާޅުވާނެ ދުލަކަށް ވާން ޖެހޭނީ އިބޫގެ ދޫފުޅެވެ.


މިހާތަނަށް އައިއިރުވެސް އިބޫގެ ރޯލަކަށް ވެފައިވަނީ ރޫޙާނީ ލީޑަރަކު ވިދާޅުވާ ކޮންމެ ގޮތަކަށް ކަން ކުރެއްވުމެވެ. އެއީ ވަޑައިގަންނަވަންޖެހޭ ރަށްކަމަށް ވިޔަސް، ނުވަތަ ވިދާޅުވާންޖެހޭ ބަސްފުޅުކަމަށް ވިޔަސްމެއެވެ. އިންތިޙާބުގެ ކެމްޕެއިން ތެރޭގައި އިބޫ ވިދާޅުވީ ކޮންމެ ދުވަހަކު ދެފަހަރު ނުވަތަ ތިން ފަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގުޅުއްވާ ފޯނުން ވާޙަކަފުޅުދައްކަވާކަމަށެވެ.


މީގެ ކުރިންވެސް ރާއްޖޭގައި ގޮނޑިކޮއްކު ހައްދައިގެން ވެރިކަމުގައި ބައިންދަވަން މަސައްކަތް ކުރެވިފައިވެއެވެ. އެހެންނަމަވެސް އެކަމަށް ނޫނެކޭ ވިދާޅުވެ ވެރިމީހާ އޭރު އިޚުތިޔާރު ކުރެއްވީ ރައްޔިތުންނެވެ. ކޯޅުންގަނޑެއް އުފެދި މުޅި ސިޔާސީ ދާއިރާ ގަޑުބަޑުކޮށްލީ މިކަމާހުރެއެވެ. ތާރީޚު މިފަދައިން އޮތްއިރު، ތަކުރާރުވާން މިއުޅެނީ މިފަދަ ކަމެއް ހެއްޔެވެ؟


ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ އިދިކޮޅު އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް ގެންނެވި ފުރަތަމަ ރައީސެވެ. މިފަދަ ސަބަބުތަކަކާހުރެ ނަޝީދަކީ އެމްޑީޕީ މެމްބަރުންގެ މެދުގައި މަޤުބޫލު ބޭފުޅެކެވެ. އެހެންނަމަވެސް މިކަން މިހާރު މިވަނީ މާޒީއާ އެކުވެ ފާއިތުވެފައެވެ.


ނަޝީދަށް ޖަލު ޙުކުމެއް އިއްވި ފަހުން ރާއްޖެއިން ފިއްލަވައިގެން ބޭރަށް ވަޑައިގެން ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންފައިމިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ޝައްކެއްވެސް ނެތްގޮތުގައި އެމްޑީޕީ މެމްބަރުން ވަރަށް އުފާވެއްޖެއެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ނަޝީދުގެ ސެލްފީތައްވެސް އިތުރުވެއްޖެއެވެ.


އަނެއްކޮޅުން އިބޫގެ އަޑު މަޑުވެއްޖެއެވެ. ކުލަ ފަނޑުވެއްޖެއެވެ. އިބޫގެ މަޤްބޫލުކަން ގެއްލެނީ ހެއްޔެވެ؟ މީގެ ކުރިންވެސް އިބޫއަކީ ރައްޔިތުންގެ މެދުގައި މަޤްބޫލު ބޭފުޅެއް ނޫނެވެ. އަނެއްކާވެސް މިކަން އަނބުރާ ހަޤީޤަތަށް ރުޖޫޢަވަނީ ހެއްޔެވެ؟ މިކަން މިހެން ވެއްޖެނަމަ ނުރައްކާ ބޮޑެވެ. ވެރިމީހާގެ އަޑު މަޑުވެ އެހެން މީހެއްގެ އަޑު މާ ގަދަވެއްޖެނަމަ ރައްޔިތުންގެ ކަންކަމުގައި ފަހު ނިންމުން ނިންމާނެ މީހަކު އޮޅޭގޮތް ވެދާނެއެވެ. ޑިމޮކްރަސީގެ މި ސިސްޓަމް ފުނޑިދާނެއެވެ.


އަނެއްކޮޅުން މިކަމަކީ ކޯލިޝަނަށްވެސް ހުރި ނުރައްކަލެކެވެ. ކޯލިޝަންގެ ތެރޭގައި ހަތަރު ލީޑަރަކު ތިއްބެވިއިރު އޭގެ ތެރެއިން އެއް ލީޑަރެއްގެ އަޑު ގަދަވަމުން ގޮސް އެހެން އެއްވެސް ލީޑަރެއްގެ އަޑު ނީވޭ ހިސާބަށް ހިނގައިދާނެއެވެ. އެހެންކަމުން ކޯލިޝަންގައި އިބޫގެ ދައުރާއި ކޯލިޝަން ލީޑަރުންގެ ދައުރު ސާފުކޮށް ރައްޔިތުންނަށް އެނގުން ވަރަށް މުހިންމުވެއެވެ. ނޮވެމްބަރު 17 ގައި އިބޫ ހުވާ ކުރެއްވުމުގެ ކުރިން ކޯލިޝަންގައި ހަދާފައިވާ ޑީލްތަކުގެ ތަފްޞީލު ޙާމަކުރަން އެބަ ޖެހެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢަފްލާ 08 ނޮވެމްބަރު 2018 - 09:58

    ކެރަފާ ނަޝީދު އުޅެނީ ބަރުލަމާނީ ނިޒާމެއް މަޖިލީހުން ފާސް ކޮހގެން ނަޝީދު ބޮޑު ވަޒީރު ކަމަށް އަންނަން ވެގެން މީ މީނަ މިދައްކާ އަސްލު ވާހަކަެަކީ

ގުޅުން ހުރި
Loading...