ރައީސް މައުމޫން ހިތްޕުޅާ ވެލައްވަނީ ޑިމޮކްރެސީގެ ބައެއް އުސޫލުތައް!

ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާކަން ގިނަ އަދަދެއްގެ ރައްޔިތުންނަށް މިއަދު މިވަނީ ހާމަވެފައި. ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ޑިމޮކްރެސީގެ ރިވެތި އުސޫލުތައް ގެންގުޅުއްވާނެ ކަމަށް ދައުވާ ކުރައްވާއިރު، ބައެއް އެހެން ބޭފުޅުންނަށް އެނގިލައްވަނީ ޑިމޮކްރެސީގެ ބައެއް އުސޫލުތަކެވެ،

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަކީ ވަރަށް ތަފާތު ވިސްނުންފުޅެއް ގެންގުޅުއްވާ ބޭފުޅެއްކަން ގިނަ ބަޔަކު ޤަބޫލު ކުރާނެއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ހުންނަ ގޮތުން ހައްޤުތަކެއް ލިބިގެންވަނީ ހަމައެކަނި އެމަނިކުފާނަށޭ ވިދާޅުވާހެން ވެސް ބައެއް ފަހަރު ހީވާ ކަހަލައެވެ. މިފަހަރު ވެސް މިވީ ހަމަ އެފަދަ ގޮތެކެވެ.

ކޯލިޝަންގެ އިސްވެރިން މަޝްވަރާ ކުރެއްވުމަށްފަހު އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި އެކި ބޭފުޅުންނަށް ޓިކެޓް ދިނުމަކީ ރައީސް މައުމޫންގެ ވިސްނުންފުޅުގައި ވަރަށް ރަނގަޅު އުސޫލެކެވެ. ރައީސް މައުމޫން މިފަދައިން ވިދާޅުވިއިރު، އެއީ ޑިމޮކްރެސީގެ ރިވެތި އުސޫލުތަކާ ނުބައްދަލު ކަމެއް ކަން އެނގިވަޑައިނުގެންނެވީބާއޭ ނުވަތަ ހަނދުމަފުޅު ނުވީބާއޭ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ރައީސް މައުމޫން މިފަދައިން ވިދާޅުވެ ކުރެއްވި ޓުވީޓަކާއެކު އާންމުން އުތުރިއަރައި، ކޯލިޝަންގައި އެކި ދިމަދިމާލުން ރެނދު އަޅަން ފަށައިފިއެވެ.

ރައްޔިތުން ހަމައަކަށް އެޅުވުމަށްޓަކައި އިސާހިތަކު ކުރީގެ ރައީސް ނަޝީދު ވެސް ޓުވީޓެއް ކުރައްވައިފިއެވެ. ނަމަވެސް އެ ޓުވީޓުގައި އޮތީ މުޅިން ތަފާތު ވާހަކައެކެވެ. ނަޝީދު ވިދާޅުވީ އެ ޕާޓީއިން މެންބަރުންނަށް ޓިކެޓް ދޭނީ ޕްރައިމަރީއަކަށް ފަހުގައި ކަމަށެވެ.

މިވީ ކިހިނެއްބާ؟ ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވާ ކަން ހާމަވާ މި ސިލްސިލާއަށް އަނެއްކާ ވެސް އިތުރުވީ މައުމޫން ކުރެއްވި ޓުވީޓެކެވެ. މިފަހަރު ކުރެއްވި ޓުވީޓުގައި ހިމެނެނީ ޚުދު އެމަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓާ ވެސް މުޅިން ތަފާތު ވާހަކަތަކެކެވެ. ފުރަތަމަ ޓުވީޓުގައި އޮތީ ޑިމޮކްރެސީގެ އުސޫލަކަށް ގޮން ޖައްސަވާފައެވެ. ދެވަނަ ޓުވީޓުގައި ދައްކަވާފައިހުރީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ވާހަކައެވެ.

އެގޮތުން މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ހުރިހާ އެންމެންގެ ހިޔާލު ވެސް ބަލައިގަން ކަމަށާއި ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ ތެރޭގައި ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމެނޭ ކަމަށެވެ. އަދި ބިރެއްނެތި އެމީހަކަށް ލިބޭ ހައްޤުތަކުގެ ފުރިހަމަ ބޭނުން ހިފުމުގެ ފުރުސަތު ލިބޭކަން މައުމޫން ފާހަގަ ކުރެއްވެވިއެވެ.

މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު، މައުމޫން ބޭނުންފުޅުވަނީ ފަސްދޮޅަސް ހަ ހާސް ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަންނަންށެވެ. އަދި 12 ދާއިރާއަކުން އިދިކޮޅު ކޯލިޝަންގެ ތެރެއިން ނިކުންނަން ބޭނުންވާ ބަޔަކަށް އެ ފުރުސަތު ބަންދުކޮށްލަންށެވެ. ގެއްލިގެން ދަނީ އެތައް ބައިވަރު ބައެއްގެ ހައްގެވެ. ކުރީގެ ރައީސް މައުމޫން، އެމަނިކުފާނުގެ ހައްޤުތަކުގެ ވާހަކަ ދައްކަވާއިރު ހައްޤުތައް ނުލިބި އެތައް ބައިވަރު ބަޔަު އެބަތިއްބެވެ. އަދި އެތައް ބައެއްގެ ހައްޤުތައް ނިގުޅައިގަތުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީއެވެ.

މީގެ އިތުރުން މައުމޫން ފުރަތަމަ ވިދާޅުވެފައިވަނީ ހުރިހާ ސިޔާސީ ލީޑަރުން އެއްބަސްވެފައިވާ ގޮތުން 12 މެމްބަރުންނަށް ޓިކެޓް ދޭން ނިންމީ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ނަޝީދު މުޅިން ތަފާތު ހިޔާލެއް ފާޅު ކުރެއްވުމުން މިއަދު މައުމޫންގެ ރާގު ބަދަލުވެ، އެއީ އެމަނިކުފާނު އަމިއްލަފުޅަށް ފާޅުކުރެއްވި ހިޔާލެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.

މައުމޫންގެ މި ޓުވީޓާއި ގުޅިގެން ފާޑުކީ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މައުމޫންގެ ވެރިކަމުގައި ޑިމޮކްރަސީ ބައްޓަން ކުރި ގޮތަށް މިއަދު ނުކުރެވޭނެ ކަމަށާއި އަދުގެ ރައްޔިތުންނަކީ ގުނބޯ ހެއްދޭ ވަރަށް ވުރެ ހޭލުންތެރި ބައެއް ކަމަށެވެ. ކުރީގެ ރައީސް މައުމޫން މިއަދު ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވަކާލާތް ކުރައްވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ހިޔާލު ފާޅުކުރުމަށް ފުރުސަތެއް ނެތް ކަމަށް ގިނަ ބަޔަކު ހެކިވެއެވެ. އަދި އޭރު އެމަނިކުފާނާއި ދެކޮޅަށް ނޫސް މަޖައްލާއަކުންވެސް ބަސް ބުނުމުގެ ހައްގެއް ނުލިބޭ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ހަރީރީ 07 ނޮވެމްބަރު 2018 - 20:23

    ގޮޅާބޭ ވާނީބާކީ ކޮންމެތަނަކުންވެސް

  2. ަައަހުމަދު 07 ނޮވެމްބަރު 2018 - 10:00

    އާ މަޖިލިސް އަށް އާ މެންބަރު އެ އަންނަޖެހޭނީ ޑިމޮކުރަސީ ރީތި އުސޫލުމަތިން ޓިކެޓު ވެސް ދޭޖެހޭނީ ކޮންގުރެސް އަދޮވާންޖެހޭނެ އެމީހަކީ ޤާނޫނު ދައިރާއިން ކިޔަވާފައިވާ ޑިގްރީ ހޯޑަރަކަށް މިއީ ރައްޔިތުން ވިސްނަޖެހޭކަމެކެވެ

ގުޅުން ހުރި
Loading...