އާ ސަރުކާރު ނުފެށިގެން އުޅެނިކޮށް ކޯލިޝަން ހޫނު ފެނަށް!

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރިޔާސީ ދައުރު ނިމި، އާ ސަރުކާރު ވެރިކަމާ ހަވާލުވާން ކުޑަ ދުވަސްކޮޅަށް ވެފައިވާއިރު، އެ ސަރުކާރު ގެނައުމަށް މަސައްކަތްކުރި ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ވަނީ ދެބަސްވުންތައް އުފެދި ނިންމުންތަކާމެދު ޚިޔާލު ތަފާތުވެފައެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހުވާކުރުމަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު އިބޫ ވެރިކަމަށް ގެނައުމަށް އެކުގައި މަސައްކަތްކުރި ކޯލިޝަން ތެރޭގައިވަނީ ހޫނު ބަހުސްތަކެއް ފެށި ބަހުގެ ޙަމަލާ ދޭން ފަށާފައެވެ. އެއްބަޔަކު ބުނަމުންދަނީ އެއީ ހަމައެކަނި އެމްޑީޕީގެ ސަރުކާރަކަށް ވާނެ ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދަނީ ކޯލިޝަން އޮތީ ނަމެއްގައި ކަމަށާ ހުރިހާ ނިންމުމެއް ނިންމުމަމުން ދަނީ ހަމައެކަނި އެމްޑިޕީ ބޭނުންވާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ކޯލިޝަން އުފެދިގެންއައިރު ކޯލިޝަންގެ ތެރޭގައި ވެފައި ހުރި އެއްބަސްވުންތަކާމެދު ވެސް އަންނަނީ ދެ ގޮތަކަށް ވާހަކަ ދެކެވެމުންނެވެ. އޭގެ ތެރެއިން މިހާރު އެންމެ ބޮޑަށް ހޫނުވެފައި އޮތީ ގެއްލުނު ކަމަށް އީސީން ކުރިން ނިންމި މަޖިލީހުގެ 12 ގޮނޑި، ޕްރައިމަރީއަކާ ނުލާ އެ ގޮނޑިތައް ތަމްސީލުކުރާ 12 މެމްބަރުންނަށް ދިނުމަށް ނިންމި ނިންމުމެވެ.

އެހެންކަމުން ކޯލިޝަންގެ ތެރޭގައި ވެފައި ހުރި އެއްބަސްވުންތަކާ ހެދިފައި ހުރި ޑީލްތައް ޢާއްމު ކުރުމަށް އދ.ގެ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ޚާއްސަ މަންދޫބު އަހުމަދު ޝަހީދުވަނީ ގޮވާލައްވާފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޯލިޝަންގެ ވެރިން ހަދާފައިވާ ޑީލްތައް މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ހާމަ ނުކުރައްވައިފިނަމަ، ކޯލިޝަންގެ އެއްވެސް ވެރިޔަކަށް އިތުބާރު ނުކުރެވޭނެ ކަމަށެވެ.

ޑރ. ޝަހީދު މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައިވަނީ 12 މެމްބަރުންގެ ގޮނޑި ޕްރައިމަރީއަކާ ނުލާ ދޭން ނިންމި ނިންމުމުގެ ސަބަބުން ޕާޓީތަކުގެ އާންމު މެމްބަރުންނާއި ސިޔާސީ ދާއިރާގައި ފުންނާބު އުސް ބޭފުޅުންވެސް އެކަމަށް ފާޑު ވިދާޅުވަމުން އަންނަ ދަނޑިވަޅެއްގައެވެ. 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ޕާޓީތަކުގެ މެންބަރުން ހިތްހަމަ ނުޖެހިގެން މީސް މީޑިޔާގެ އެކި އެކި ވަޞީލަތްތަކުގައި ޚިޔާލު ފާޅުކުރަމުންގެންދާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެފައިވަނީ އެއީ މާކުރިންވެސް ނިމިފައި ނިންމުމެއް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަސް މިކަމާ ވަރަށް ތަފާތު. ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ވިސްނުމަކީ ޕްރައިމަރީއަކަށްފަހު ދާއިރާތަކުގެ ގޮނޑި ދޫކޮށްލުން ކަމަށެވެ.

ކޮންމެއަކަސް ރިޔާސީ ދައުރެއް ނިމި އާ ދައުރަކަށް އާ ސަރުކާރު ހުވާކުރުމަށް ތައްޔާރުވާން ފަށާފައިވަނިކޮށް، ދިއްލުނު 12 ބޮތްކެއްގެ ސަބަބުން ސަރުކާރު ކޯލިޝަން ހޫނު ފެނަށް ވެއްޓި ނިމިއްޖެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...