މާލޭގެ ރައްޔިތުންގެ ކަންކަމަށް އެންމެ އިސްކަންދެއްވި ރައީސަކީ ރައީސް ޔާމިން: މުއިއްޒު

ދިވެހިޖުމްހޫރިއްޔާ މިހާތަނަށް ދުށް ރައީސުންގެ ތެރެއިން މާލޭގެ ރައްޔިތުންގެ ކަންކަމަށް އެންމެ އިސްކަން ދެއްވި ރައީސްއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ކަމަށް ހައުސިން މިނިސްޓަރ ޑރ .މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް ދޭއްގެ ހައުސިން ޔުނިޓްތަކުގެ ބައެއް ކެޓަގަރީތަކުގެ ދާއިމީ ލިސްޓް ޢާއްމު ކުރުމަށްފަހު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން މިފަހަރު ދޫކުރި ހައުސިން ޔުނިޓްތައް ދޫކޮށްފައިވާނީ ރައީސް ޔާމީން އެދިލެއްވި ގޮތަށް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ ހާލަތަށް ބެލުމަށްފަހު ލިބިފައި ހުރި ޕޮއިންޓްތައް ވެސް އޭގައި ހިމަނައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ކަމަށެވެ. އެހެންކަމުން އަންނަން އޮތް ސަރުކާރުންވެސް ވަރަށް އަމާނާތްތެރިކަމާއެކު އެކަން އެގޮތަށް ކޮށްދެއްވުމަށް މިނިސްޓަރ ވަނީ އެދިލައްވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ވެސް މާލޭގެ ރައްޔިތުންނަށް އިސްކަން ދެއްވި ރައީސެއް ރައީސް ޔާމިން ފިޔަވާ ވަޑައިނުގަންނަ ކަމަށާ، ހިޔާ މަޝްރޫއަކީ ރައީސް ޔާމިން މާލޭގެ ރައްޔިތުންނަށް ކޮށްދެއްވި އެންމެ ބޮޑު ކަންތައް ކަމަށެވެ. އެގޮތުން 2000 އަށް ވުރެ ގިނަ އަދަދެއްގެ މާލޭ ރައްޔިތުން ދާއީމީ ލިސްޓުގައި ހިމެނުނު ކަމުގެ ޔަގީންކަން ރައީސް ޔާމީންދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައީސް ޔާމިންގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ފަހި ކޮށްދެއްވި މި ބޯހިޔާވަހިކަމުގެ ބަދަލުގައި، އެ ރައްޔިތަކު އަތުގައި މާލޭގައި އޮތް 600 އަކަ ފޫޓު ހަމަނުވާ ބިންކޮޅުވެސް ނުނެގުމަށް ނިންމާފައިވާ ކަމަށާއި މާލޭގައި އެއް ފުރާޅެއްގެ ދަށަށް ނުކަތާ ވަރަށް ގިނަ މީހުން ދިރިއުޅޭ ގެތަކަށް އިސްކަންދެއްވާ، އެފަދަ އާއިލާތަކަށް ހަތަރު ފަސް ފްލެޓްވެސް ދެވިފައި ހުންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ކަމުން ދެން އަންނަ ސަރުކާރުން ވެސް އެކަންކަން އެންމެ ޒިންމާދާރުކަމާއެކު ޒާތީ މަޞްލަހަތު އިސްނުކޮށް ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރ މުއިއްޒު ގޮވާލައްފައިވެއެވެ. އަދި އެގޮތަށް އެކަން ނުކުރުމަކީ އަނިޔާވެރިކަން އިސްކުރުން ކަމަށްވެސް މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...