ރައްޔިތުންގެ ނިންމުން މިހާރު ނިންމަނީ ސިޔާސީ ލީޑަރުންބާ؟

ޑިމޮކްރަސީގެ އުސޫލުތަކާއި ގަވާއިދުތައް ހިފަހެއްޓުމުގައި ރާއްޖޭގައި ނަމޫނާ ބައެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އަބަދުވެސް ދައުވާ ކުރައްވައެވެ. އެހެންނަމަވެސް މިއަދު އެފަރާތްތަކުގެ ކިބައިން ފެނިގެން ދަނީ ޑިމޮކްރަސީގެ ނަމޫނާ ކަމާއިމެދު ގިނަބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.

ދައުލަތުގެ ދެވަނަ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާއިރު، މަޖިލީހުގެ ގޮނޑިތަކަކީވެސް ރައްޔިތުންގެ ރުހުން ލިބިގެން ކާމިޔާބު ކުރެވޭނެ ގޮނޑިތަކެކެވެ. ޕާޓީތަކުގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ޙައްޤެކެވެ.

ރައްޔިތުންގެ މަޖިލީހަކީ މިނިވަން ތަނަކަށް ވާންޖެހޭއިރު މިއަދު އެ މަޖިލީހުގެ ގޮނޑިތައްވެސް ސިޔާސީ ލީޑަރުން މި ގެންދަވަނީ ވިޔަފާރީގެ އުސޫލުން ވިއްކަވަމުންނެވެ. އަމިއްލަ ފައިދާގެ ބޭނުމުގައި އެހެން ބަޔަކަށް ފައިދާއެއް ހޯދައި ދިނުމަކީ ވިޔަފާރި ކަމުގައި ނޫނީ ނުވާނެއެވެ.

ކުރީގެ ރައީސް އަލްއުސްތާޒު މަޢުމޫން އަބްދުލްޤައްޔޫމް ކުރައްވާފައިވާ ޓްވީޓެއްގައި އެމަނިކުފާނު ވަނީ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ 12 މެމްބަރުންނަށް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓް ދޭން ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ލީޑަރުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

މަޢުމޫން މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު އުފެދޭ ސުވަލާކީ އެއީ ކުރިންވެސް އެކަން ރޭވިފައި އޮތްގޮތްތޯއެވެ.ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މަޤާމުން ވަކިކުރުމަށް 12 މެމްބަރުން އެއްބަސްވެވަޑަައިގެންފައިވަނީ ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ޕްރައިމަރީއާއި ނުލައި ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ޝަރުތު ކޮށްގެންބާ؟ އެ މެމްބަރުން ބޭނުންވަނީ ރަން ތަބަކަށް ލާފައި ޓިކެޓް ހޯދައިގެން ރައްޔިތުންގެ ޙައްޤު ނިގުޅައިގަންނަންބާ؟

ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ ވިޔަފާރިއަކީ ދިވެހި ރައްޔިތުންނަށް އައު ވާހަކައެއް ނޫނެވެ. އެކަން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނު ވެސް މިހާރު ކޯލިޝަނަށް ތާޢީދު ކުރާ މެމްބަރުން އިސްވެ ތިއްބަވައިގެން ވަނީ އުވާލާފައެވެ. ރައްޔިތުން ނިންމަންޖެހޭ ނިންމުމެއް މިއަދު ބައެއް ފަރާތްތަކުން ނިންމަމުން ދާކަމީ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލިސް މިވަނީ ކޯލިޝަން މަޖިލީހަކަށް ބަދަލުވެފައެވެ. ރައްޔިތުން އިންތިޚާބު ކުރާ މެމްބަރުން މިހާރު އިންތިޚާބު ކުރަނީ ކޯލިޝަނުގެ ލީޑަރުންތޯ މިއަދު ސުވާލު އުފެދެއެވެ. ކޯލިޝަން ސަރުކާރެއްގައި ކުރިއަށް އޮތްތަނުގައި ހުރިހާ ކަމެއްވެސް ކުރިއަށްދާނީ މިފަދައިންބާ؟ ރައްޔިތުންގެ ވެރިކަން ހަމައެކަނި ހަތަރު ލީޑަރެއްގެ ވެރިކަމަށް ބަދަލުވަނީބާ؟ ޤައުމުގެ ހުރިހާ ބާރެއް ހަތަރު ލީޑަރެއްގެ އަތްމައްޗަށް ގެންދަނީބާ؟ އެގޮތަށް އެކަން ކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާނަމަ، ވިސްނާލަން ޖެހޭ ކަމަކީ އަމިއްލަ ފައިދާއަށް ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ނިންމުންތައް ނިންމަމުން ގެންދަވާއިރު ރައްޔިތުން ބަލަން ނުތިބޭނެކަމެވެ. ރައްޔިތުން މަޖިލީހަށް އިންތިޚާބު ކުރާނީ އެ ދާއިރާތަކަށް ޚިދުމަތް ކުރެވޭ ވަރުގެ މީހުންނެވެ. ޓިކެޓް ލިބުނަސް ގޮނޑި ލިބޭނީ ރައްޔިތުންގެ ރުހުމާއެކުގައެވެ. މިއީ ކޮންމެ ބޭފުޅަކުވެސް ދަންނަން ޖެހޭ ހަޤީޤަތެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...