ޖަޕާނުގައި އަމިއްލައަށް މަރުވާ ޒުވާނުންގެ އަދަދު އިތުރު ވަނީ

ޖަޕާނުގައި އަމިއްލައަށް މަރުވާ ކުޑަކުދިންނާއި، ޒުވާނުންގެ ނިސްބަތް 2016 އާއި 2017 ވަނަ އަހަރާއި ދެމެދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޤައުމުގެ ސަރުކާރުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެ ރިޕޯޓްގައިވާ ގޮތުން 1986 ވަނަ އަހަރުގެ ފަހުން، އެޤައުމުގައި އަމިއްލައަށް މަރުވާ ޒުވާނުންގެ ނިސްބަތް މިހާ ބޮޑަށް އިތުރުވެފައެއް ނުވެއެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން، 2016 ވަނަ އަހަރުން 2017 ވަނަ އަހަރުގެ ނިޔަލަށް ޖަޕާނުގައި ސްކޫލްތަކުގައި ކިޔަވަމުން އައި 250 ދަރިވަރުން އަމިއްލައަށް މަރުވެފައިވެއެވެ.

އެކުދިންގެ ތެރެއިން ގިނަ ކުދިން މަރުވެފައިވަނީ، ގަނާ ކުރުމާއި، އާއިލީ މައްސަލަތަކާއި، އަދި ކަންބޮޑުވުމާއި ހާސްކަމުގެ ސަބަބުން ކަމަށް އެ ދިރާސާއިން ހާމަވެފައިވެއެވެ. ދަރިވަރުންގެ ތެރެއިން އަމިއްލައަށް މަރުވި ގިނަ ކުދިންނަކީ، ހައި ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އައި ދަރިވަރުންނެވެ.

ޖަޕާނުގެ ސަރުކާރުން ވަނީ އެޤައުމުގައި އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް 2026 ވަނަ އަހަރުގެ ނިޔަލަށް 30 އިންސައްތައަށް މަދު ކުރަން އަމާޒު ހިފާފައެވެ. އެކަން ހާސިލް ކުރުމަށް ޕްލޭނެއް އެކުލަވާލާ، އެ ޕްލޭން ހިއްސާ ކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. އެ ޕްލޭންގެ ދަށުން އެލެމެންޓްރީ ސްކޫލްތަކަށާއި، ޖޫނިއަރ ހައިސްކޫލްތަކަށް ކައުންސެލިން ދޭނެ މީހުން ހަޔަރ ކުރުން ހިމެނެއެވެ. އަދި އެ ކައުންސިލަރުންގެ ޚިދުމަތް 24 ގަޑިއިރު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ޖަޕާނުގައި އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް އިތުރުވަމުން އަންނައިރު، އެމައްސަލައަށް ހައްލު ލިބިފައި ނުވަނީ ޑިޕްރެޝަންއަށް ފަރުވާ ކުރަން ގިނަ މީހުން ފަސްޖެހޭތީ ކަމަށް ތަޖުރިބާކާރުން ހާމަކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...