ވެރިކަމަށް އިންތިޚާބު ކުރީ އިބޫތޯ؟ ނުވަތަ ނަޝީދުތޯ؟

އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް މުހައްމަދު ނަޝިދު އާއިއެކު ރާއްޖެ ވަޑައިގަންނަވަނީ

މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބު، އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވުން ވެގެން ދިޔައީ އެމްޑީޕީ އަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އުފާވެރިކަން ގެނުވި ކަމަކަށެވެ. އިބޫ ރައީސް ކަމަށް ހޮވިވަޑައިގަތުމާއެކު، އެކަމުގެ އުފާ ފާޅު ކުރުމުގެ ގޮތުން ކޮންމެ ރެއަކުހެން، އެކި ސަރަހައްދުތަކުގައި ލަވަކިޔާ މަޖާ ނަގަމުން ގެންދިޔައެވެ.

ސުވާލަކީ އެކަމަކަށްޓަކައި ރައްޔިތުން އިބުރާހީމް މުހައްމަދު ސޯލިހު ހޮވާފައިވާ ކަންތައް އެމަނިކުފާނުގެ ވެރިކަމުގައި ފުރިހަމައަށް ވާނެތޯއެވެ؟ ގުޅިފައިވާ ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރައިގެން، ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވާފައި މިވާ ތަރައްޤީ ދެގުނައަށް އިތުރު ކުރެވޭނެތޯއެވެ؟

ކޮންމެއަކަސް ރައްޔިތުންނަށް އިބޫ ވެފައިވާ ވައުދުތައް ފުރިހަމަވޭތޯ ބެލުމަށް ރައްޔިތުން ތިބީ ލޯ ހުޅުވައިގެންނެވެ. ރައްޔިތުންގެ އެ އުއްމީދުތަށް އިބޫ ބޭނުންވާނެ ގޮތަށް ފުރިހަމަ ކުރެވޭނެތޯ، މީވެސް އުފެދޭ ސުވާލެކެވެ. ސަބަބަކީ ކޯލިޝަންގެ ގިނަ ބައެއްގެ ހިޔާލު ތަފާތުވުންތަކާ، ނުފޫޒު އެކި ކަންކަމުގައި އިބޫއަށް ކުރިމަތިވާނެތީއެވެ.

ހާއްސަކޮށް، އިބޫ ވެރިކަމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒާ ނުލާ، އިބޫ ބޭނުންވެލައްވާ ގޮތަކަށް ވެރިކަން ކުރިއަށް ގެންދެވޭނެތޯ މީ ހަމަގައިމުވެސް ރައްޔިތުންގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. އިބުރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސަޕޯޓް ކުރައްވާ ފަރާތްތަކުގެ އެހީއާއި އެކުގައި ކަމަށްވާއިރު، އެ ފަރާތްތައް ބޭނުންވާނީ ނަޝީދު ބޭނުންފުޅުވާ ގޮތަށް ޤައުމު ހިންގާށެވެ.

އިބޫއަށް ވުރެ، ނަޝީދަށް އޮތް ތާއީދު، އެމްޑީޕީގައި ބޮޑުކަން މީ ފެންނަން އޮތް ހަޤީޤަތެކެވެ. މިކަން މި މަހުގެ އެއް ވަނަ ދުވަހު ނަޝީދު ރާއްޖެ ވަޑައިގަތުމުންވެސް އެނގިގެންދިޔައެވެ. އެދުވަހު އެއްވެސް ސަޕޯޓަރަކު އިބޫއަށް ތާއީދުކޮށް، އަޑު އުފުލި މަންޒަރެއް ފެނިގެން ނުދެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ނަޝީދު ރާއްޖެ ވަޑައިގަތުމުން އިބޫ ހުންނެވީ ބާކީ ވެފައެވެ.

އިބޫ ބޭނުންފުޅުވެ ނުލެއްވިޔަސް، ނަޝީދު ބޭނުންފުޅުވާ ގޮތަށް ނޫނީ، އިބޫގެ ވެރިކަމެއް ނުހިންގޭނެކަން ކަށަވަރެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ، ނަޝީދު ރާއްޖެ ވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، އިބޫގެ ވެރިކަމުގައި އެއްވެސް މަޤާމަކާނުލައި އެމަނިކުފާނު ބޭނުންފުޅުވާ ކަންކަން ފުރިހަމަ ކުރެއްވޭނެ ކަމަށް ވިދާޅުވުމުންނެވެ. ނަޝީދު ވިދާޅުވެފައި ވަނީ އިބްރާހިމް މުހައްމަދު ސޯލިހަކީ އެމަނިކުފާނުގެ ހިޔަންޏެއް ނޫން ކަމަށާ، އިބޫގެ ސަރުކާރުގައި އެމަނިކުފާނު އެއްވެސް މަޤާމެއްގައި ހުންނަވަން ނުޖެހޭނެ ކަމަށެވެ. އަދި އިބޫގެ ސަރުކާރުގެ މަޤާމެއްގައި ނޫޅުއްވިޔަސް، ނަޝީދު ބޭނުންވާ ލަފަޔާ އިރުޝާދުގެ ދަށުން ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

”މިހާރު ތި ފެނިވަޑައިގަންނަވަނީ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަޅުގަނޑު ކުރަމުންގެންދާ ކަންތައް. އަޅުގަނޑު ދެކޭ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މަޤާމެއްގައި އަޅުގަނޑު ހުންނާކަށް ކޮންމެހެން ނުޖެހޭ. އަޅުގަނޑަށް ޔަޤީން ކަށަވަރު، އަޅުގަނޑު އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަން ބޭނުންވާ އިރުޝާދެއް، ލަފަޔެއް ވާނަމަ، އެ އިރުޝާދުވެސް އަދި ލަފާވެސް އެރުވޭނެކަން." މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ފްލެޓް ދޮންބެ ކަމަށާއި، ކޯލިޝަން ސަރުކާރުގައި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ވެރިކަމަށް އިންތިހާބުވެ ވަޑައިގަތީ ކުރީގެ ރައީސް ނަޝީދުތޯ ނުވަތަ އިބްރާހިމް މުހައްމަދު ސޯލިހު ތޯއެވެ؟ އިބޫގެ ސަރުކާރުގައި އެއްވެސް މަޤާމެއްގައި ނެތި، ރައްޔިތުންނަށްޓަކައި ވައުދު ވެވޭނެތޯއެވެ؟ ވައުދު ވެއްޖެނަމަ އެއީ ކޮން ހައިސިއްޔަތަކުންތޯއެވެ؟ ކޮންމެ ގޮތެއްވިޔަސް އިބޫގެ ސަރުކާރުގައި އިބޫގެ ބަސް ނުހިނގާނެކަން ކަށަވަރު ވެއްޖެއެވެ.

ނަޝީދު ޖައްސަވާ ބެރަށް އިބޫ ހުންނެވީ ނަށަން ތައްޔާރަށެވެ. މިކަމުން ނިކުންނާނެ ނަތީޖާ އާއިމެދު އިބޫ ވިސްނަވާލެއްވީ ކިހާވަރަކަށްބާއެވެ؟ ފަސް އަހަރުގެ ދައުރެއްގައި މިކަން މިދެންނެވި ގޮތަށް ކުރިއަށްދާނަމަ، ރައީސްއެއްގެ ހައިސިއްޔަތުން އިބޫއަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ.

ހުރިހާ ކަމެއް ކުރެވިފައި އޮންނާނީ ނަޝީދުގެ ބޭނުންފުޅުވާ ގޮތަށެވެ. ސަޕޯޓަރުން ސަނާ ކިޔާނީ ރައީސް ނަޝީދަށެވެ. ކަންނުވެ ނަންވާ ވާހަކައަކީ، މުސްކުޅިން ބުނެ އުޅޭ ހަރުބަހެކެވެ. މި ހަރުބަސް މިތަނުގައި ބޭނުން ކުރާނަމަ ބުނެވޭނީ އިދިކޮޅަށެވެ. އިންތިޚާބީ ރައީސް އިބޫވާނީ، "ކަންވެފައި، ނަން ނުވާ" ބޭފުޅަކަށެވެ. އެހެންނޫންތޯއެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...