ވިސްނުން ބަދަލުވެ، ޝެއިޚް އިމްރާނަށް މިއަދު ނަޝީދު ވަރެއް ނެތް

ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ އިސްލާމް ދީނުގެ ދުޝްމަނެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ސިޔާސީ މައިދާނުގައި އެކި ދުވަސްވަރު އެކި ގޮތްގޮތަށް ރާގު ބަދަލު ކުރައްވާ ބޭފުޅުންނެކޭ އެއްފަދައިން ޝެއިޚް އިމްރާންގެ ވާހަކަތައްވެސް މިއަދު މިވަނީ ބަދަލުވެފައެވެ.
 
" ނަޝީދަކީ އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތުގެ އަދުއްވެއް. (ނަޝީދަށް ތާއީދު ކުރާނީ) ދިވެހި ޤައުމިއްޔަތާއި ދެކޮޅު މީހުން. ދިވެހި ޤައުމިއްޔަތާއި، ދިވެހި ޤައުމިއްޔަތުގެ މިނިވަންކަމަށް ފެންބޮވައިގެންފައިވާ މީހުން. އިސްލާމް ދީނާއި ޤައުމިއްޔަތު ނެތިކޮށް، ފަނާކޮށްލުމަށްޓަކާއި، ނިކަން ރަނގަޅަށް ތައްޔާރުކޮށް ރާއްޖެ ފޮނުވާފައިވާ އެޖެންޓެއް އޭނާ އަކީ."  މިއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ގުޅޭގޮތުން، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން މީގެ ކުރިން ވިދާޅުވި ބަސްފުޅެކެވެ.

އޭރު ހަރުއަޑުން އިމްރާން ނަޝީދަށް ފާޑު ވިދާޅުވަމުން ގެންދެވީ، ނަޝީދުގެ ކިބައިން މިޤައުމު ސަލާމަތް ކުރަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ނަޝީދަކީ ލާދީނީ ފިކުރު ގެންގުޅުއްވާ، ޔަހޫދީންގެ އެޖެންޓެއްގެ ގޮތުގައި އިމްރާން އޭރު ސިފަ ކުރެއްވިނަމަވެސް، އެބޭފުޅާގެ ވާހަކަތައް މިއަދު މިވަނީ މުޅިން ބަދަލުވެފައެވެ. 

މިއަދު ޝެއިޚް އިމްރާނަށް ނަޝީދު ވަރެއް ނެތެވެ. ނޮވެމްބަރުމަހުގެ އެއްވަނަ ދުވަހު ނަޝީދު ރާއްޖެ ވަޑައިގެންނެވުމާއެކު، އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވަން އިމްރާން ވަނީ އެއާޕޯޓަށްވެސް ވަޑައިގެންފައެވެ. އަދި ނަޝީދާއި ބައްދަލު ކުރެއްވުމަށްފަހު، ޓްވިޓަރގައި ޝެއިޚް އިމްރާން ވަނީ އެބޭފުޅާގެ ޝުއޫރުތައްވެސް ބަންޑުން ކޮށްލައްވާފައެވެ.

އެގޮތުން އޭނާ ވަނީ، ރައީސް ނަޝީދު ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައިވަނީ އާދަޔާ ޚިލާފު ގުރުބާނީއެއް ކަމަށް ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ ރައީސް ނަޝީދާއި ބައްދަލުވެ ޚިޔާލު ބަދަލު ކޮށްލެވުނުކަމީ ލިބިލެއްވި ނުހަނު ބޮޑު އުފަލެއް ކަމަށާއި ރާއްޖެ ހަމަ މަގަށް އަޅުވާ އަމާން އައްސޭރިއަކަށް ގެންދިއުމަށް ގުޅިގެން ކުރެވެން ހުރިކަންކަން ނުހަނު ގިނަ ކަމަށެވެ.

ނަޝީދަށް އެހާބޮޑަށް ތައުރީފް ކުރައްވާ ޝެއިޚް އިމްރާން ވާހަކަދެއްކެވުމުން ގިނަ ބަޔަކު ވަނީ އެބޭފުޅާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން ނަޝީދަކީ ޔަހޫދީންގެ އެޖެންޓެއްކަން ޝެއިޚް އިމްރާން މިއަދު ހަނދުމަފުޅު ނެތީތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ. އަދި ނަޝީދުގެ ކިބައިން ޤައުމު ސަލާމަތް ކުރަން ޖެހެނީ އެމަނިކުފާނަކީ ލާދީނީ ބޭފުޅަކަށް ވާތީ ކަމަށް އޭރު ވިދާޅުވިއިރު، މިއަދު ނަޝީދަކީ ދީންވެރި ބޭފުޅެއްތޯވެސް ގިނަ މީހުން ސުވާލު އުފައްދާފައިވެއެެވެ. 

ނަޝީދާއި ގުޅޭގޮތުން ޝެއިޚް އިމްރާން ދެއްކެވި ވާހަކަތައް އެބޭފުޅާ މިއަދު ހަނދުމަފުޅު ނެތް ނަމަވެސް، ގިނަ ދިވެހި ރައްޔިތުން އަދިވެސް އެވާހަކަތައް ހަނދާން އެބަހުއްޓެވެ. ސިޔާސީ މަޤްސަދެއް ހާސިލް ކުރެއްވުމުގެ ގޮތުން ނަޝީދަކީ ކޮންބޭފުޅެއްކަން ރައްޔިތުންނަށް އޮޅުވާލަން މިއަދު ޝެއިޚް އިމްރާން މަސައްކަތް ކުރެއްވި ނަމަވެސް އެކަމެއް ނުވާނެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ނިމިދިޔަ 3 އަހަރުގައި ދިވެހި ރައްޔިތުން ވަނީ، ނަޝީދަކީ ކޮންބޭފުޅެއްކަން ދަސްކޮށްފައެވެ. ނަޝީދުގެ ވެރިކަމުގައި، އިސްލާމް ދީނަށް ހަޖޫ ޖައްސަވައި، ބޭރު ޤައުމުތަކުގެ ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވާފައިވާ ކަމީ އެންމެން ދަންނަ ހަޤީޤަތެކެވެ. އެހެންކަމުން ޝެއިޚް އިމްރާންގެ ރާގު ބަދަލު ކުރެއްވިޔަސް، ނަޝީދާއި މެދު ދިވެހި ރައްޔިތުން ގެންގުޅޭ ވިސްނުމެއް ބަދަލެއް ނުވާނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ފާރޫގު 05 ނޮވެމްބަރު 2018 - 17:06

    ތިކަހަލަ ސިޔާސީސޭހުން

  2. ޔަސް 05 ނޮވެމްބަރު 2018 - 12:54

    ކޮންކަހަޅަ ޝޭކެއް...

ގުޅުން ހުރި
Loading...