ދިވެހި ސިފައިންނަށް ދިވެހި ޤައުމު ދަރާފައިވާ ދަރަނި ނުހަނު ބޮޑު – ޑިފެންސް މިނިސްޓަރ

ދިވެހިރާއްޖޭގެ ދިފާޢީ ބާރުކަމުގައިވާ ދިވެހި އަސްކަރިއްޔާއަށް ދިވެހި ޤައުމު ދަރާފައިވާ ދަރަނި ނުހަނު ބޮޑުކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރިފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޤައުމަށް ދިމާވާ ކޮންމެ ހުޠޫޢަތްތެރި ދަނޑިވަޅުތަކުގައި ދިވެހި އަސްކަރިއްޔާ ގެ ހަރުދަނާކަމާ ސާބިތުކަމާ ހުށިޔާރުކަމާއެކު ސިޔާސީ ފިކުރު އެއްކިބާކޮށް ޤައުމު އިސްކޮށް ޤައުމަށް ދިމާވި ނިރުބަވެރި ކޮންމެ ހަމަލާއަކުން ދިވެހި ޤައުމު ސަލާމަތްކޮށްދީފައި ކަމަށެވެ.

އެހެންކަމުން އެކަމަށްޓަކައި ދިވެހި ސިފައިންނަށް ދިވެހި ޤައުމު ދަރާފައިވާ ދަރަނި ނުހަނު ބޮޑު ކަމަށާ އަދާކުރަން ޖެހޭ ޝުކުރުގެ ޖިޒީ ނުހަނު ގިނަކަމަށް އަސަރާއެކު ކީރިތި ކުރައްވަމުން މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ނިމިގެން މިދާ ރިޔާސީ ދައުރުގައި ވެސް ގިނަ ނިރުބަވެރި ހާދިސާތަކެއް ހިނގާފައިވާ ކަމަށާ އަދި އެ ހާދިސާތަކުން ގައުމު ސަލާމަތް ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބެހެއްޓެވި ހިކުމަތާއި ކުރެއްވި މަސައްކަތްތަކަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާއިރު، ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ނުރައްކާވެ، ގައުމުގައި ހަމަނުޖެހުން ހިނގައި، އަދި އުދުވާނީ ހަމަލާތައް ރާއްޖެއަށް ކުރިމަތިވެފައި ވަނީ ވެރިކަމުގެ ކޮއިލުގެ ތެރޭގައި ނުވަތަ ވެރިކަން ކުރާ ޚާންދާނުގެ ތެރޭގައި، ނުވަތަ އެ ނޫންވެސް ގޮތަކުން ވެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކާ ދެމެދުގައި އުފެދޭ ފިތުނަވެރިކަމުގެ ތެރެއިން ކަމަށެވެ.


އަދި ނެވޮމްބަރު ތިނެކަކީ ވެސް އެފަދަ ސަބަބަކާހެދި ދިވެހިންނާ ކުރިމަތިވި ދުވަހެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ނޮވެމްބަރު ތިނެއްގެ ހަމަލާ އަކީ ޒާތީ ތައައްސަބުން ފުރިގެންވާ ދިވެހި ހާއިނުންތަކެއް ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން، ދިން ހަމަލާއެއް ކަމަށާ އަދި އެ ހަމަލާގެ ސަބަބުން ދިވެހިންތަކެއް ޝަހީދުވެގެން ދިޔައިރު އެކަމަކީ މޮޅިވެރިކަމުގެ ސާލެއް ދިވެހިރާއްޖެއަށް ފެތުރިގެން ދިޔަ ދުވަހެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


އެ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ދިވެހި ސިފައިން ވަރަށް ބޮޑު ޖިހާދެއް ވެފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ އެ ދުވަހު ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ހިކުމަތްތެރި މަސައްކަތްތަކާއެކު އަވަށްޓެރި އިންޑިއާގެ ފަރާތުން އައި އަވަސް އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ މިޒަމާނުގައި ބޭރުގެ ބާރުތަކުން ގައުމުތައް އަޅުވެތި ކުރުމަށް ކުރާ އެންމެ ބޮޑު ކަމަކީ ގައުމުގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ނުފޫޒު ފޯރުވައި ގައުމުގެ ގާނޫނީ ވެރިކަން ބަދަލު ކުރުމަށް ވާގިވެރިވުން ކަމަށެވެ. އަދި ބައެއް ފަހަރު ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކައިގެން ގައުމު އިސްތިއުމާރުގެ ދަށަށް ގެންނަން އުޅޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބޮޑެތި ގައުމުތައް އަޑީގައި ތިބެގެން، ދުނިޔޭގެ އިސްލާމީ ހަރުދަނާ ޒައީމުން އަޒުލު ކުރަމުން ގެންދާ ކަމަށްވެސް މިނިސްޓަރ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ރޭގެ އެ ޖަލްސާގައި ދުވަހަކާ ގުޅޭ ލަވައެއް ތަޢާރަފްކޮށްފައިވާއިރު ޖަލްސާ ނިމިގެންދިޔައީ ޚާއްޞަ ދުޢާއަކުންނެވެ. ނަޞްރުގެ ދުވަސް ފާހަކުރަމުން އަންނަނީ ނޮވެމްބަރ 3 1988 ވަނަ ދުވަހު މިޤައުމަށް ކުރިމަތި ޢުދުވާނީ ހަމަލާގައި ލިބުނު ނަޞްރާ އެކު އެ ދުވަހު ޝަހިދުވި ބޭކަލުންގެ ޒިކްރާ އާ ކުރުމުގެ ގޮތުންނެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...