އަދިވެސް މި ޤައުމުގައި ޚާއިނުން ތިބިކަން ހަނދާންކުރަން ޖެހޭ!

3 ނޮވެމްބަރ 1988 އަކީ ދިވެހިންގެ ހިތްތަކުން ފިލައިގެން ނުދާނެ ތާރީޚެއް. އެއީ ހަމަ ޔަޤީނުންވެސް ދިވެހިންނާ ބައްދަލުކުރި ކަޅު ދުވަހެއް. އެދުވަހުގެ ބިރުވެރިކަމާ ނުތަނަވަސްކަން މިއަދުގެ ޒުވާނުންނަށް ހިތަށް ގެންނަންވެސް ނޭނގޭނެއެވެ.


ޤައުމުގައި 30 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރެވޭއިރު ހަނދާނަށް ގެންނަން ޖެހެނީ އެއީ ރާއްޖޭގެ މަދު ބަޔަކު އަޑީގައި ތިބެގެންނާއި ދިވެހި ޣައްދާރުންގެ ބަޔަކު އިސްކޮށް ހަރަކާތްތެރިވެގެން ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް، ޕްލޯޓް ޖަމާޢަތުގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ރާއްޖެ ގެނެސްގެން ދީފައިވާ ނުރައްކާތެރި ޢުދުވާނީ ހަމާލާތަކެއް މިލޮބުވެތި ފަސްގަނޑަށް ދިން ދުވަހެއްކަމެވެ.


އަދި މިއަދުވެސް އެކަމުގައި ބައިވެރިވި ޚާއިނުންގެ ތެރޭގައި ހިމެނޭ މީހުން މި ފަސްގަނޑުގައި ތިބިކަމެވެ. އެގޮތުން ބަލާއިރު އެ އުދުވާނީ ހަމަލާގައި އެންމެ އިސްވެ އުޅުނު މާލޭގެ ކެރެފާ އާއިލާއަށް ނިސްބަތްވާ މީހުން މިއަދު ރާއްޖޭގެ ކަންކަމުގައި އިސްވެ ބަސްބުނަމުން ދާއިރު، މާދަމާވެސް ދިވެހިންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމަށް ތައްޔާރަށް ހުންނެވީ އެ އާއިލާގެ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.


ދިވެހިރައްޔިތުންގެ ތެރެއިން 19 ބޭކަލަކު ޝަހީދުވެގެން ދިޔަ އެ ހިތާމަވެރި އަދި ބިރުވެރިކަމުން ފުރިގެންވި ހާދިސާ މިއަދުވެސް ހިތަށް ސިފަވުމުން ގައިން ހީބިހިނަގައިގެންދެއެވެ. އަދި މި ޤައުމާ މެދު ދެން ވާނެ ގޮތަކާ މެދުވެސް ވިސްނެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޒަޢާމަތު ނިމި ދެން ދިވެހިންގެ ވެރިޔަކަށް ވެގެންދާނީ އެ ބިރުވެރި ދުވަހު ދިވެހިންގެ ދީނާ މިނިވަންކަމާ އިސްތިޤުލާލާ ކުޅުމުގައި އިސްކޮށް ހަރަކާތްތެރިވި ކެރަފާ އާއިލާ އާ ގުޅުން ހުރި ބޭފުޅަކަށްވާތީއެވެ.


އަދި އެބޭފުޅާ ރައީސްކަމަށް ހޮވެއްވުމަށް މަސައްކަތް ކުރަމުން ގެންދެވި ދުވަހުވެސް އެބޭފުޅާގެ އެންމެ ގާތް އެކުވެރިޠާ އަދި ޅިޔަނު، ކުރީގެ ރައީސް މުހައްމަދު ނަޝިދު ދިޔައީ މިޤައުމަށް ބޭރުގެ ނުފޫޒުތައް ފޯރުވަމުންނެވެ. ބޭރުގެ ޤައުމުތަކުގެ އަސްކަރިއްޔާތަކުން މިޤައމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ނަޝީދު ދިޔައީ ގޮވާލަމުނެނެވެ.


މިއަދު މިރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ކޮންމެ ރައްޔިތަކު ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވަން ތައްޔާރަށް ހުންނެވި ބޭފުޅާއަކީ އެ ބިރުވެރި ދުވަހުގެ އެ ނާމާން ވަގުތު ރާއްޖެއަށް ގެނައުމުގައި މޭސްތިރިއެއްގެ ގޮތުގައި މަސައްކަތްކުރި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ ދަނބިދަރިކަމެވެ. މީގެ އިތުރުން އިބްރާހިމް މުހައްމަދު ޞާލިޙުއަކީ، އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކަށްވާއިރު، ނޮވެމްބަރު ތިނެއްގެ ބަޣާވަތުގައި ހިމެނޭ އަބްދުﷲ ޝާހިދާ އުމަރު ޖަމާލް އަދި އަމީން ފައިސަލްމެން ފަދަ ޚާއިނުންނަށް މީގެ ކުރިން އައި އެމްޑީޕީގެ ސަރުކާރުގައި އިސް މަޤާމުތައް ދީފައިކަމެވެ.


އެމީހުންނަޚީ 19 ދިވެހިން ޝަހީދުކޮށްލި ނޮވެމްބަރު ތިނެއް އުދުވާނީ ހަމަލާ ރޭވުމުގެ އަޑީގައި ތިބި ޚާއިނުންކަން ތަޙުޤީގުތަކުންނާ ދިވެހިންގެ ލޯމައްޗަށް ފެނުނު މަންޒަރުތަކުން ޔަޤީންވެފައިވާއިރު، އެ ޚާއިނުން ނަޝީދުގެ ސަރުކާރުގެ އިސް މަޤާމުތަކަށް ހަމަޖެއްސުމަކީ މިހުރިހާ ފަސާދައެއްގެ އަޑިގައި ނަޝީދުގެ އާއިލާ ހިމެނޭކަން ސާބިތުކޮށްދޭ އަލިގަދަ ހެއްކެކެވެ.

އަދި ބާޣީންގެ ލީޑަރުންގެ ގޮތުގައި ތިބި ޣައްދާރުން މިނިވަންކޮށް އެފަދަ ޚާއިނުންނަށް ސަރުކާރުގެ އިސް މަޤާމުތައްދިނުމަކީ އެ ޚާއިނުން ބަޣާވާތްކޮށް ޝަހިދުކޮށްލި 19 ދިވެހިންގެ ފުރާނައިގެ އަގު އަދާކުރެވޭނެ ކަމެއްގެ ގޮތުގައި އެމްޑީޕީއަށް ޤަބޫލުކުރެވުނަސް އެއީ ދިވެހި ފަސްގަނޑު ދެކެ ހަޤީޤީ ލޯބިވާ އެއްވެސް ދަރިއަކު ޤަބޫލުކުރާނެ ކަމެއް ނޫނެވެ.


އެހެންނަމަވެސް އަނެއްކާވެސް ދިވެހި ޤައުމު މިވަނީ ޚާއިނުންގެ އަތްމައްޗަށް ގޮއްސައެވެ. ކެރެފާ އާއިޅާއަށް ދިވެހިންގެ ވެރިކަން ގޮސްފައިވާއިރު، އެއާއިލާއަކީ ޒަމާނުއްސުރެވެސް ރާއްޖޭގެ ވެރިކަމާ ތޮޅެމުން އަންނަ ބައެކެވެ. ރާއްޖޭގައި އޮތް އިސްލާމްދިނާ މިނިވަންކަމާ އިސްތިޤުލާލު ނަގާލަން މަސައްކަތްކުރި ބައެކެވެ. ބަޔަކު ޤަބޫލުކުރަން ބޭނުންނުވިޔަސް މިއީ ބަދަލު ނުކުރެވޭނެ ހަޤިގަތެކެވެ.


17 ނޮވެމްބަރުގައި އިބްރާހިމް މުހައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގަންނަވާއިރު ދިވެހި ކޮނޖްމެ ރައްޔިތަކު މިކަންކަމާމެދު ފިކުރު ކުރަން ޖެހެއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އަޅުގަޑުމެންނާ ކުރިމަތިވި ޢުދުވާނީ ޙަމަލާއިން ނަޞްރު ލިބުނުތާ 30 އަހަރު ފުރިގެންދާއިރު އިސްލާމް ދީނާ ދިވެހި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ކާބަފައިން ކުރި ޖިހާދަށް ނިމުމެއް ނާންނަކަން އަޅުގަޑުމެން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.


މި ޖީލުގެ ލޮބުވެތި ރައްޔިތުން މިވަނީ ކާބަފައިން ދެއްކި ލާމަސީލު ނަމޫނާއިން ޢިބްރަތް ޙާޞިލްކޮށް ކާބަފައިން ފަދައިން ޖިހާދު ކުރިއަށް ގެންދަން ޖެހިފައެވެ. މިހާއު ތިބި ޣައްދާރުންގެ ކިބައިން ދިވެހި ވަޠަން ސަލާމަތްކުރުމަށްޓަކައި އަޅުގަޑުމެން އެންމެން އެކަތި ގަނޑަކަށްވެ އެކުގައި އަތުގުޅާލަން މިވަނީ މަޖްބޫރުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...