މީރާގެ މުވައްޒަފުންނަށް ޓެކްސްއާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

މީރާގެ މުވައްޒަފުންނަށް ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލު ކުރާނެ ގޮތްތައް އުނގަންނައިދިނުމަށްޓަކައި، ހާއްސަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޯ.އީ.ސީ.ޑީ ކޮރެއާ ޕޮލިސީ ސެންޓަރާއި، މޯލްޑިވްސް ޓެކްސް އެކަޑެމީ ގުޅިގެން އޮކްޓޯބަރު މަހުގެ 30 އިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް މާލޭގައި ބޭއްވި އެ ޕްރޮގްރާމުގައި މީރާގެ 50 މުވައްޒަފުން ބައިވެރިވެފައިވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެ ޕްރޮގްރާމް ހިންގުމަށްޓަކައި ކޮރެއާ އޯ.އީ.ސީ.ޑީ މަލްޓިލެޓެރަލް ޓެކްސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޔޮންގްޖޫ ލީ އަދި ޑިރެކްޓަރ، ޔަންގްސޫ ޗޯއި ބައިވެރިވެވަޑައިގެންފައިވާ ކަމަށް މީރާއިން ބުނެއެވެ. އަދި އެ ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ ކޮރެއާގެ ޓެކްސް އެކްސްޕަރޓުންގެ ޓީމަކުންކަމަށް ވެސް މީރާއިން ހާމަކުރެއެވެ.

ރާއްޖެއާއި ގުޅުންހުރި ވިޔަފާރިތަކުން ދޭދޭ ގައުމުތަކުގައި ހިންގާ މުއާމަލާތައް އަގުކުރުމާއި، އެކި އެކި ގައުމުތަކުގެ މެދުގައި ގާއިމު ކުރެވިފައިވާ ޓެކްސް ޓްރީޓީތަކާ ގުޅިގެން ޓެކްސް ހިސާބުކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާގުޅޭގޮތުން އެ ޕްރޮގްރާމްގައި މައުލޫމާތު ދީފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.

އެ ޓްރޭނިންގ ޕްރޮގްރާމުން ދަސްވި ހުނަރުތަކާއި ލިބުނު މައުލޫމާތުގެ އަލީގައި، މީރާގެ މުވައްޒަފުންގެ މަސައްކަތް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވަނީ މީރާގެ މުވައްޒަފުންނަށް އިލްތިމާސް ކުރައްވާފައެވެ.

އޯ.އީ.ސީ.ޑީ ކޮރެއާ ޕޮލިސީ ސެންޓަރާއި ގުޅިގެން މީރާއިން ވަނީ 2016 ވަނަ އަހަރު ވެސް އެފަދަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...