ސިފައިން އަތުން ބަދަލު ހިފައި، ޕޮލިހުން ގައުމީ ތަށި އުފުލާލައިފި

ޗެމްޕިއަންކަން ހޯދުމަށްފަހު ޕޮލިހުން އުފާފާޅު ކުރަނީ: ފޮޓޯ މިހާރު

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަވެރި ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި ޕޮލިސް ކުލަބުން މުބާރާތުގެ ތަށި އުފުލާލައިފިއެވެ. 

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި، ރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިސް ކުލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މެޗުގެ ފުރަތަމަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ ފަންސަވީސް ސޯޅައިންނެވެ. ދެވަނަ ސެޓުގައި ދިވެހި ސިފައިންގެ ކުލަބުން ލީޑު ކުރަމުންދިޔަ ނަމަވެސް، ސެޓްގެ ފަހުކޮށް ޕޮލިސް ކުލަބުންވަނީ މުހިންމު ޕޮއިންޓްތަކެއް ހޯދައި ސެޓް ކާމިޔާބުކޮށްފައެވެ. އެ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ ފަންސަވީސް ތޭވީހުންނެވެ. އަދި ތިން ވަނަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ ސެޓް ފެށުނީއްސުރެ ލީޑުގައި އޮވެ ފަސޭހަކަމާއެކުގައެވެ. އެ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ ފަންސަވީސް ސާދައިންނެވެ. 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބުގެ މުރާދު ޖީހާންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ޢަލީ ހުޒާމްއެވެ. އަދި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އޭ.އޭ.އައި ސްޕޯޓްސް ކުލަބުގެ އާރިޒް މުޙައްމަދެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ކޯޗު ޚާލިދު މުޙައްމަދެވެ. މުބާރާތުގެ އެކިވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާއި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ. އެއީ ޤައުމީ ވޮލީބޯޅާ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދި ތިން ވަނަ ފަހަރެވެ.

ޕޮލިސް ކުލަބުންވަނީ 2013 އަދި 2014 ވަނަ އަހަރު ޤައުމީ މުބާރާތް ކާމިޔާބުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...